ކުރިން ޔުވެންޓަސް އަދި ޗެލްސީއަށްވެސް ކުޅުނު ފޯވާޑް ޖިއަންލޫކާ ވިއާލީ ކެންސަރުގައި މިއަދު މަރުވިއިރު އުމުރުން 58 އަހަރެވެ. ވިއާލީ އައީ 2017 ވަނަ އަހަރުން ފެށިގެން ކެންސަރާ ހަނގުރާމަކުރަމުންނެވެ. އެކަމަކު 2020 ވަނަ އަހަރު އެ ބަލިން ރަނގަޅުވީ ކަމަށް އޭނާ އިއުލާން ކުރިއެވެ.
ދެވަނަ ފަހަރަށް ކެންސަރުގެ އަލާމާތްތައް ފެނުނީ މިދިޔަ ޑިސެމްބަރު މަހުއެވެ. އޭގެ ފަހުން އޭނާއަށް އައީ ލަންޑަނުގެ ކެންސަރު ސްޕެޝަލިޓީ ހޮސްޕިޓަލެއްގައި ފަރުވާ ދެވެމުންނެވެ.
ވިއާލީ ވަނީ 2021 ވަނަ އަހަރު އިޓަލީން ޔޫރަޕުގެ ޗެމްޕިއަންކަން ހޯދިއިރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.