ads
ރައީސް ސޯލިހުގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގެ ތެރެއިން ކެނދިކުޅުދޫގައި
ކުދި ރަށްރަށުގެ ތަރައްގީއަށް ކުރާ މަސައްކަތަކީ އިސްރާފެއް ނޫންކަމަށް ރައީސް ވިދާޅުވެއްޖެ
ކުދި ރަށްރަށުގެ ތަރައްގީއަށް މިސަރުކާރުން ކޮށްދެމުން ގެންދާ މަސައްކަތަކީ އިސްރާފެއް ނޫންކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
Advertisement

ރައީސް މިހެން ވިދާޅުވީ ނ އަތޮޅުގެ ތިން ރަށަކަށް ކުރައްވާ ކެމްޕެއިން ދަތުރުގެ ތެރެއިން މިއަދު ކެނދިކުޅުދޫ އަށް ވަޑައިގެން އެމްޑީޕީ މެމްބަރުންނާއިއެކު ބޭއްވި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ، ކުޑަ ރަށެއް ބޮޑު ރަށެއް ބާކީ ނުކޮށް، ކުދި ރަށްރަށަށް އެމަނިކުފާނުގެ ސަރުކާރުން ކޮށްދެމުންދާ ކަންކަމަކީ "އިސްރާފެއް ނޫން" ކަމަށާއި، ރައްޔިތުންނަށް ކޮށްދޭ ކަންކަން އިސްރާފަކަށް ނުވާނެ ކަމަށެވެ. އެމްޑީޕީން ވެރިއަކު ހޮވަނީ ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

ކުދި ރަށްރަށަށް ކޮށްދޭ ކަންކަމަކީ އިސްރާޕެއް ނޫންކަމަށް ރައީސް ވިދާޅުވެފައި މިވަނީ، ރައީސް ސޯލިހް ގެންގުޅުއްވާ ކުދި ރަށްރަށަށް ބޮޑެތި ހަރަދުތައް ކުރުމުގެ ސިޔާސަތަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

ކެމްޕެއިން އިވެންޓްތަކުގައި ރައީސް ނަޝީދު ގެންދަވަނީ މި ސަރުކާރުން ކުދި ރަށްރަށަށް ބޮޑެތި ހަރަދުތައް ކުރައްވަމުން ގެންދަވާކަމަށާއި ބޮޑެތި ރަށްރަށް އަޅާނުލާކަމަށް ބުނެ، ސަރުކާރަށާއި ރައީސް ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ކެނދިކުޅުދޫގައި ދެއްކެވި ވާހަކަފުޅުގައި ރައީސް އިތުރަށް ވިދާޅުވީ، އިދިކޮޅު ޕީޕީއެމްގެ ފަރާތުންނާާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިންވެސް ފެށުނީންސުރެ އެމަނިކުފާނަށް ގޮންޖެހުންތައް ކުރިމަތިކުރުވަމުންދިޔަ ކަމަށެވެ. އަދި ރާއްޖޭގެ ރަށްރަށަށް ކަންކަން ކޮށްދީފައިވާނީ ކެތްތެރި ކަމާއިއެކު އެ ހުރަސްތައް ގިރާކުރުމަށްފަހު ކަމަށެވެ.

އަދި ރާއްޖޭގައި މިހާތަނަށް ފަސް އަހަރުގެ ތެރޭގައި ސަރުކާރަކުން ރައްޔިތުންނަށް ކޮށްދީފައި ނުވާވަރަށް މި ސަރުކާރުގެ ހަތަރު އަހަރުގެ ތެރޭގައި ރައްޔިތުންނަށް ކަންކަން ކޮށްދީފައިވާކަމަށްވެސް ރައީސް މިއަދު ވިދާޅުވިއެވެ.

"ރާއްޖޭގެ ވެރިކަމުގައި ފަސް އަހަރު ހޭދަކުރި އެއްވެސް ސަރުކާރަކަށް ނުކޮށްދެވޭ ވަރުގެ މަސައްކަތްތައް ރާއްޖޭގެ ރަށްރަށަށް މިއަދު ކޮށްދީފައި ވާނެ" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ، ރައްޔިތުން ބޭނުންވާ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުުރަން ކަމަށާއި، އެމްޑީޕީއަށް ލިބިފައިވާ ބޮޑު އަގުލަބިއްޔަތު ބޭނުން ކުރައްވާނީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކަމަށެވެ. 

ރައީސް ސޯލިހުގެ ކެމްޕެއިން ދަތުރުގައި މިއަދު ނ. އަތޮޅުގެ ތިން ރަށަކަށް ވަޑައިގަންނަ ވެއެވެ. އެއީ ކެނދިކުޅުދޫގެ އިތުރުން އެ އަތޮޅު ވެރިކަން ކުރާ ރަށް މަނަދޫ އާއި، އެ އަތޮޅު ވެލިދޫ އަށެވެ. ކެމްޕެއިން ޓީމުގެ ފަރާތުން އެއަތޮޅުގައިި ބާއްވާ ހާއްސަ ޖަލްސާ އޮންނާނީ މިރޭ 20:30 ގައި ވެލިދޫ ގައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް