ޖުމްލަ ފަސް ކްލާސްރޫމް ހުންނަ އެއިމާރާތުގައި މިހާރުވެސް ކިޔަވައިދެމުންދާ ތިން ކްލާސް ރޫމް ހުރެ އެވެ. މާތްﷲގެ އިރާދަފުޅާއިއެކު އެ އަލިފާނުގެ ހާދިސާ އެތާ ހިނގި ވަގުތަކީ އެ ސްކޫލުގައި ކުދިން ކިޔަވަމުން ދިޔަ ވަގުތެއް ނޫނެވެ. އެހެންކަމުން އެއްވެސް ކުއްޖަކަށް މި ހާދިސާގައި ގެއްލުމެއް ނުވެ އެވެ.
މިއަދު ގާތްގަނޑަކަށް 17:00 ހާއިރު އެ އިމާރާތުގައި ގަދަ އަށް ރޯވާން ފެށި އަލިފާންގަނޑު މީގެ ކުޑައިރުކޮޅެއް ކުރިން މައިތިރިވިއިރު، މުޅި އެ ހޯލް ވަނީ އަނދާ އަޅިއަށް ވެފަ އެވެ. އެ އިމާރާތުގައި ބޭނުން ކުރެވޭނެ އެއްވެސް އެއްޗެއް ނެތެވެ. އިމާރާތުގެ ފުރާޅުވަނީ ވެއްޓިފަ އެވެ. ބައެއް ފާރުތައްވެސް ވަނީ ކަނޑަކަނޑައިގެން ގޮސްފަ އެވެ.
މި ހާދިސާ ހިނގިވަގުތު ސޯޝަލް މީޑިއާގައި އާންމުކުރަމުންދިޔަ ލައިވްގައި ބުނާގޮތުން އެތަނުގައި ފުރަތަމަ އަލިފާން ރޯވި ކަމަށް ބެލެވެނީ ހޯލްގައި ހުރި ކަރަންޓު ބޯޑުގަ އެވެ. އެއީ ކަރަންޓު ޝޯޓެއް ވެގެން ވީކަމެއް ކަމަށް ވުން އެކަށީގެން ވެއެވެ. މިކަމާއި ގުޅޭގޮތުން އެރަށު ކައުންސިލުގެ އަދި ކަމާއި ބެހޭ އެއްވެސް ފަރާތެއްގެ ބަހެއް އަދި ލިބޭގޮތެއް ނުވެ އެވެ.
އަލިފާން ރޯވި ވަގުތު އަލިފާންގަނޑު ނިއްވާލުމަށް ބައެއް މީހުން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި ހޯލަށް އަލިފާންގަނޑު ފެތުރުނެވެ. އަދި ވީޑިއޯގައި ބުނާ އަޑު އިވެނީ، އެތަން ދެން ސަލާމަތް ނުކުރެވޭނެ ކަަމަށާއި އަތުގައި ހުރި ސަމާނުން އެކަން ނުވާނެ ކަމަށެވެ. އެ ހާދިސާގެ މައުލޫމާތު ލިބުމާއިއެކު އަލިފާން ނިއްވުމަށް އެ އަތޮޅު ތިނަދޫއިން ފަޔާ ޓީމެއް ފިޔޯރީއަށް ދިއުމުގެ މަސައްކަތްވެސް ކުރި އެވެ. އެމްއެންޑީއެފްއިން ބުނިގޮތުގައި ތިނަދޫގެ ޓީމު އެރަށް ދާން 45 މިނެޓު ވަރު ނަގާނެ އެވެ. އެ ޓީމު އައުމުގެ ކުރީން މުޅި ހޯލް ވަނީ އަނދާ އަޅިއަށް ވެފަ އެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށުނީ މިއަދު އެވެ. މާދަމާ ވެސް އެ ސްކޫލަށް ކުދިން ކިޔަވަންދާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އަލިފާން ރޯވި ހޯލްގައި މިހާރުވެސް ކިޔަވައިދެމުންދާ ތިން ކްލާސް ރޫމު ހުރުމުގެ ސަބަބުން، އެ ކްލާސް ރޫމްތަކުގައި ކިޔަވައި ކުދިންގެ ކިޔެވުން މެދު ކެނޑުނަ ނުދިނުމަށް އެ ސްކޫލާއި މިނިސްޓްރީ އާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން ނެވެ.
މިނިސްޓްރީން ބުނީ އެ އަލިފާނުގެ ހާދިސާ ހިނގައިދިޔަ ގޮތް ބަލާނެ ކަމަށެވެ.