އެ މަނިކުފާނު މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ދަތުރުފުޅެއްގައި ޅ.ކުރެންދުއަށް ވަޑައިގެން އެ ރަށުގައި ތިބި އެމްޑީޕީ އަށް ތާއީދުކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ އެ މަނިކުފާނަށް އަމާޒުކުރެއްވި ފާޑުވިދާޅުވުންތަކަށް ރައްދު ދެއްވަމުންނެވެ. ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ކުޑަ ރަށެއް، ބޮޑު ރަށެއް ނުވަތަ ފަޅުރަށެއް ނުބަލައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާ ކަމަށެވެ.
"އެހެންވީމާ ރާއްޖޭގައި ހުރި ފަޅުރަށްތައް ވެސް އެބަ ޖެހޭ ވިޔަފާރި އުސޫލުން ތަރައްގީކުރަން. އެ ވިސްނުމުގައި ރިސޯޓްތައް ހެދުމާއި އިންޑަސްޓްރިއަލް ކަންކަން ކުރުމަށް އެ ރަށްތައް ބޭނުން ކުރަން ޖެހޭ." - ރައީސް ސޯލިހު
ރައީސް މިހެން ވިދާޅުވެފައިވާއިރު، ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް "ސިންގަލް ޕާރުސަލް" އުސޫލުން ނ. ކެނދިވަރާއި ކަނޑޫދޫ ދޫކުރަން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށާއި ނ. އަތޮޅު ކައުންސިލާ މަޝްވަރާކުރުމެއްނެތި އެ ކައުންސިލުން ފާސްކޮށްފައިވާ "ނޫނު އަތޮޅު ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން" އާ ކަނޑައެޅިގެން ހިލާފަށް ކަމުން، އެކަން ހުއްޓުވުމަށް ސިވިލް ކޯޓަށް އެ މައްސަލަތައް ނ. އަތޮޅު ކައުންސިލުން ވަނީ ހުށަހަޅާފައެވެ.
ރާއްޖޭގެ އެއްވެސް ރަށެއް ތަފާތުކުރުމެއް ނެތި ތަަރައްގީގެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރެންދޫގައި ހިންގަމުން އަންނަ މަސައްކަތްތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވި ކަންކަމަކީ:
- ކުރެންދޫ ބަނދަރުގެ ކޮންސެޕްޓް އެޕްރޫވް ކުރުމަށް މި ހަފުތާގައި ކައުންސިލަށް ފޮނުވޭނެ
- 50 ޔުނިޓުގެ ހައުސިން މަޝްރޫއު ޓެންޑާ ކުރުމުގެ މަރުހަލާގައި
- ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރުމުގެ މަސައްކަތް
- ސިއްހީ މަރުކަޒުގެ މަޝްރޫއު މި މަހުގެ 25 ގައި ޓެންޑާ ކުރާނެ
އެއާ އެކު، އެ ރަށުގެ މީހުން ވެސް ވަނީ އެ މީހުން ބޭނުންވާ ކަންކަން ރައީސް އާ ހިއްސާކޮށްފައެވެ. ރައްޔިތުން ފާހަގަކުރި ކަންކަމުގެ ތެރޭގައި ހިމެނެނީ:
- ފައިދާ ނުވާ ގޮތަށް ދޫކޮށްފައިވާ އެ އަތޮޅުގެ ތިން ރަށް ކަމަށްވާ ދިއްދޫ، ޅޮއްސަކަފުށި އަދި ދިއްފުށިމާދޫ ހޯދައިދިނުމަށް ނުވަތަ ފައިދާއެއް ލިބޭ ގޮތަށް ތަރައްގީ ކޮށްދިނުން
- ޕިކްނިކް ދާން އެ އަތޮޅުން ރަށެއް ހަމަޖައްސައިދިނުން
ރައްޔިތުން ހިއްސާ ކުރި ކަންތައްތަކަށް ފަހު ރައީސް ވިދާޅުވެފައިވަނީ ރައްޔިތުން ފާހަގަކުރި ތިން ރަށުގެ ތެރެއިން ދިއްދު އާއި ޅޮއްސަކަފުއްޓަކީ ކުރީ ސަރުކާރުގައި ކުންފުނިތަކުން ޕްރޮޖެކްޓު ހިންގުމުގެ ބަދަލަށް ދީފައިވާ ދެ ރަށް ކަމަށާއި ސަރުކާރުން ބޮޑު ބަދަލެއް ނުދީ އެ ކޮންޓްރެކްޓުތައް ބާތިލުކުރެވެން ނެތް ކަމަށެވެ. އަދި އަރަބި ގައުމެއްގެ ބޮޑު ކުންފުންޏަކުން ދިއްފުށިމާދޫގަައި އިންވެސްޓު ކުރަން ޝައުގުވެރިވާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.