ads
ނ. ތޮޅެންދޫ، އެ ރަށުގެ މައްސަލަ މިހާރު އޮތީ ސުޕްރީމު ކޯޓު މަރުހަލާގައި - ފޮޓޯ:ސީ ފްރޮމް ދަ ސްކައި
ނ. އަތޮޅުން ހަތަރު ރަށަކާއި ދެ ފަޅު ވިއްކާލުމުގެ މަސައްކަތް އެބަ ކުރޭ: ބަޝީރު
ނ. އަތޮޅުން ހަތަރު ރަށަކާއި ދެ ފަޅު ވިއްކާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކުރިޔަށް ގެންދަނީ ގާނުނާ ހިލާފަށް ކަމަށް ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު (ބައްޓޭ) ވިދާޅުވެއްޖެއެވެ.

ގިރާވަރު ފަޅު ތަރައްގީ ކުރުމަށް ނ. އަތޮޅުގެ ފަޅެއް

ގިރާވަރު ފަޅު ހިއްކައިގެން އެ ތަނުން ގޯތި ދިނުމަކީ ރައީސް ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދެވުމަށް ގިރާވަރު ފަޅުގައި "ރެސިޑެންޝަލް ސިޓީއެއް" އެއް ތަރައްގީކުރުމަށް ރައީސްގެ ގަރާރަކުން ވަނީ އަންގަވާފައެވެ. އެ ގަރާރުގައި އެ މަޝްރޫއަށް އިންވެސްޓް ކުރެވޭނެ އެންމެ ދަށް އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ތަރައްގީ ކުރުމާ ހަވާލުވެފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ. އެނގިފައިވާ ގޮތުގައި އެ ކުންފުނިން ވަނީ އެ ފަޅު ތަރައްގީ ކުރުމަށް ނ. އަތޮޅުގެ ފަޅެއް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) އަށް ސުވިޒަލޭންޑްގެ ކުންފުންޏަކަށް ވިއްކާލާފައެވެ. އެ ފައިސާގެ ތެރެއިން މިހާތަނަށް ހަ މިލިއަން ޑޮލަރު (92 މިލިއަން ރުފިޔާ) ހޯދައިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މައުލޫމާތު ލިބޭގޮތުން އެމްއެފްއެމްސީން އެ ފަޅު ވިއްކާލާފައިވަނީ ގިރާވަރު ފަޅު ތަރައްގީކުރުމުގެ މަޝްރޫއުގެ އިކުއިޓީ އަށް ބޭނުންވާ ފައިސާ ހޯދުމަށެވެ. ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ގިރާވަރު ފަޅު ތަރައްގީ ކުރުމަށް ފައިސާ ހޯދުމަށް ނ. އަތޮޅުން ވިއްކާލާފައިވަނީ ދެކެނަންފަރާއި އެ ރަށާ ޖެހިގެން އޮތް ފަޅުރަށެކެވެ.

"ރެސިޑެންޝަލް ސިޓީއެއް" އެއްގެ ގޮތުގައި ގިރާވަރު ފަޅު ތަރައްގީ ކުރުމަށް ނ. އަތޮޅުގެ ފަޅެއް ސަރުކާރުން ވިއްކާލިއިރު، އަތޮޅުގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައިވާ 1،300 އާއިލާ އެބަތިބި ކަމަށް ބަޝީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ މީހުންގެ ހައްގު ނުލިބި އަތޮޅު ވިއްކައިގެން އެ ލިބޭ ނަފާގެ ބޭނުންކޮށްފައި މާލޭ ގޮޅިއަކަށްލުމަށްފަހު ބޮލުގައި އެ ދަރަނި ނޭޅުވޭނެ ކަމަށާއި އަތޮޅުން ފަޅެއް ވިއްކާލުމުގެ މަސައްކަތް ކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމުން އެކަން ހުއްޓުވާނެ ކަމަށެވެ.

މި ކަމާ ގުޅިގެން ނ. އަތޮޅުގެ ބައެއް ރައްޔިތުންވެސް ދަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ފާޅުކުރަމުންނެވެ.

މާލެ އަތޮޅު ގިރާވަރު ފަޅު ތަރައްގީ ކުރުމަށް ނ. އަތޮޅުގެ ފަޅެއް ވިއްކާލި ކަމުގެ ވާހަކަތައް ނޫސްތަކަށް ތިލަވިއިރު، އެފަދަ އިތުރު މައްސަލަތަކެއްވެސް ނ. އަތޮޅާ ގުޅިގެން މިހާރު ވަނީ ފެންމަތިވެފައެވެ.

ކަނޑޫދޫ އަދި ކެނދިވަރު ވިއްކާލުމަށް ދަނީ މަސައްކަތްކުރަމުން

ނ. އަތޮޅު ކައުންސިލުން ބުނެފައިވަނީ ނ. އަތޮޅުގެ ކަނޑޫދޫ އާއި ކެނދިވަރު ދިގު މުއްދަތަކަށް ވިއްކާލުމުގެ މަސައްކަތް ސަރުކާރުން ކުރިޔަށް ގެންދާތީ އެ މައްސަލަތައް މަދަނީ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އެ ކައުންސިލުން ބުނެފައިވާ ގޮތުގައި ނޫނު އަތޮޅާއި ދިވެހިރާއްޖޭގެ އެންމެ ރައްޔިތުންނާއި ރާއްޖެ އަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީ އެންމެންގެ އާންމު ހައްގުތަކާއި މަންފާތަކުން މަހުރޫމުވާނޭ ގޮތަށް އެއްބަޔަކަށް "ސިންގަލް ޕާރުސަލް" އުސޫލުން މުޅި ރަށާއި އެންމެހާ ވަސީލަތްތައް ދިގުމުއްދަތަށް ދޫކޮށް، ދެން ތިބި އެންމެނަށް އެ ތަންތަން ބަންދުވާނޭ ގޮތަށް ދިނުމާ ދެކޮޅަށް އެ ކައުންސިލުން ދެމިތިބޭނެއެވެ.

ނ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ ދެ ރަށާ ގުޅޭ މައްސަލަތައް ކޯޓަށް ހުށަހަޅާފައިވަނީ ދިގު މުއްދަތަކަށް ފަތުރުވެރިކަމުގެ ބޭނުމަށް "ސިންގަލް ޕާރުސަލް" އުސޫލުން އެ ދެ ރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް ކަމަށާއި ނޫނު އަތޮޅު ކައުންސިލާ މަޝްވަރާކުރުމެއްނެތި ކަމަށާއި ގުދުރަތީ ވަސީލަތްތަކާއި ބިން ދެމެހެއްޓެނިވިގޮތުގައި ބޭނުންކުރުމަށް ހުރަސް އެޅޭ ފަދައިން، އާންމު ހައްގު ގެއްލޭގޮތަށް، "ނޫނު އަތޮޅު ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން" އާ ކަނޑައެޅިގެން ހިލާފަށް ކަމުން އެ ދެ ރަށުގެ މައްސަލަ ވަކިވަކިން ކޯޓަށް ހުށަހެޅުމަށްޓަކާ އެ ކައުންސިލުން ގަރާރެއް ފާސްކޮށްގެން ކަމުގައެވެ.

ތޮޅެންދޫ މައްސަލައިގައި ދޫދޭކަށް ސަރުކާރަކުން ބޭނުމެއްް ނުވޭ

ނ. ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށްޓަކާ، ފިޝަރީޒް މިނިސްޓްރީން ކުރަމުންދާ މަސައްކަތަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ކުރަމުންދާ މަސައްކަތެއް ކަމަށާއި އެ މިނިސްޓްރީން ތޮޅެންދޫ ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމަށް މަސައްކަތް ކުރަނީ، "ނޫނު އަތޮޅު ކައުންސިލްގެ ގުދުރަތީ ވަސީލަތްތަކާ ބިން ދަމަހައްޓާ ބޭނުންކުރުމުގެ ޕްލޭން" އާ ކަނޑައެޅިގެން ހިލާފަށް ކަމަށް އެ ކައުންސިލުގެ ހަަތަރުވަނަ ދައުރުގެ 13 ވަނަ ކައުންސިލް ބައްދަލުވުމުން ނިންމާ އެ މައްސަލަ ނ. އަތޮޅު ކައުންސިލްގެ ފަރާތުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

ކައުންސިލުން އެދިފައިވާ ގޮތަށް އެ ރަށާ މެދު ޝަރީއަތުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން، އެ ރަށް ދިގުމުއްދަތަކަށް ވަކި ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމަށާއި މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން އެއްވެސް ފަރާތަކަށް ރަށް ހަވާލުކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި އެހެން ފަރާތެއްގެ މަސްލަހަތު އެރަށުގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށާއި އެ ފަދަ އެއްބަސްވުމެއް އެކުލަވާލުމުގެ ކަންކަން ނުކުރުމަށް ފިޝަރީޒް މިނިސްޓްރީ އަށާއި ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ.

ނ. އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ދައުވާގެ ދަށުން ސިވިލް ކޯޓުން ވަނީ އެ ކައުންސިލުން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެފައެވެ. ނަމަވެސް ކޯޓުގެ ނިންމުން އިސްތިއުނާފުކުރުމަށް ފިޝަރީޒް މިނިސްޓްރީން ހައިކޯޓަށް ހުަށަހެޅިއެވެ. ހައިކޯޓުން ވަނީ ސިވިލް ކޯޓުން ނެރުނު އަމުރަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅާ އެ ކޯޓުގެ އަމުރު ދަމަހައްޓާފައެވެ. ހައި ކޯޓުގެ އެ ނިންމުން އިސްތިއުނާފުކުރުމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.

އަތޮޅުގެ ރަށްތަކާއި ފަޅުތައް ވިއްކުމަށް ކުރާ މަސައްކަތްތަކާ މެދު ބަޝީރުގެ ބަސް

މި ކަމާ ގުޅޭ ގޮތުން ނ.އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު "ސީއެންއެމް" އަށް ވިދާޅުވި ގޮތުގައި މި ތިން ރަށުގެ އިތުރުން އިތުރު ހަތަރު ރަށަކާއި ދެ ފަޅެއް ވިއްކާފައިވާ ކަމަށް ނުވަތަ ވިއްކަން އުޅޭ ކަމަށް ނުރަސްމީ ކޮށް އެނގިވަޑައިގެންފައިވާ ކަމުގައެވެ. އޭނާ އާ އަތޮޅު ކައުންސިލްގެ ނައިބު ރައީސް ރަސްމީ ދަތުރެއްގައި ރަށުން ބޭރުގައި ތިއްބަވަނިކޮށް އަތޮޅު ކައުންސިލް އެހެން މެމްބަރުންނާ ނިޒާމުން ބޭރުން ޓޫރިޒަމް މިނިސްޓްރީން އެސްއެމްއެސް ފޮނުވައިގެން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށާއި އެބޭފުޅުންގެ ރުހުން އެކަމަށް ހޯއްދެވުމަށް އުޅެފައިވާ މައްސަލަ އެއް މިހާރު ބަލަމުން ދާ ކަމަށް ވެސް ބަޝީރު ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެ ބައްދަލުވުމުގައި ދެ މެންބަރެއް ފިޔަވާ ދެން ތިއްބެވި ބޭފުޅުން އެކަން އެގޮތަށް ކުރުމާ ދެކޮޅު ހައްދަވާ އެކަން ހުއްޓުވާފައިވާ ކަަމަށެވެ.

އެ މައްސަލަތަކާ ގުޅިގެން އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވެފައިވަނީ ނ. އަތޮޅުގެ ހަތަރު ރަށަކާއި ދެ ފަޅެއް ވިއްކާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެއީ މިހާރު ބޭނުންނުކޮށް އޮތް 4،730 ހެކްޓަރު ތިލަފަޅާއި ބިމުގެ ޖާގައިގެ ތެރެއިން 1،238 ހެކްޓަރު (26 އިންސައްތަ ނުވަތަ 54 ހާސް ގޯތީގެ ޖާގަ) ހިމެނޭ ވަރުގެ ސަރަަހައްދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ނޫނު އަތޮޅުން ވިއްކާލުމަށް މަސައްކަތްކުރަމުންދަނީ:

  • ދެކެނަންފަރު ފަޅު - (295832.8561، 654487.5924) 10.06 ހެކްޓަރު
  • ދެކެނަންފަރު - (295988.5021، 654708.6985) 2.59 ހެކްޓަރު
  • ދެކެނަންފަރު ފަރު - (296080.738، 654475.1799) 71.16 ހެކްޓަރު
  • ދިގުފަރު ފަޅު - (293869.7145, 655051.4018) 168.97 ހެކްޓަރު
  • ދިގުފަރު ފަރު - (293665.5926، 654514.1507) 581.54 ހެކްޓަރު
  • ދޮނައެރިކަނޑޫދޫ - (314985.569، 624380.9974) 21.00 ހެކްޓަރު
  • ދޮނައެރިކަނޑޫދޫ ފަރު - (315076.5556، 624088.7313) 30.29 ހެކްޓަރު
  • ކެނދިވަރު - (315811.5456، 647123.6564) 16.74 ހެކްޓަރު
  • ކެނދިވަރު ފަރު - (315699.1235، 647282.8921) 70.04 ހެކްޓަރު
  • ކުންނަމަލެއި - (293333.8663، 658346.0346) 8.96 ހެކްޓަރު
  • ކުންނަމަލެއި ފަރު - (293028.9584، 658350.0737) 204.84 ހެކްޓަރު
  • ތޮޅެންދޫ - (326907.8779, 654686.5949) 16.13 ހެކްޓަރު
  • ތޮޅެންދޫ ފަރު - (326980.6598, 654438.1669) 36.24 ހެކްޓަރު

މީގެ ތެރެއިން ދެކެނަންފަރާއި ދިގުފަރު ފަޅަކީ ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު ގެ ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ ލިސްޓަށް އެންމެ ފަހުން އިތުރު ކުރެވުނު ރަށާއި ފަޅެވެ. ކުންނަމަލެއި އަކީ އެ ލިސްޓް އިއުލާނު ކުރި އިރުވެސް ހިމެނުނު ރަށެކެވެ.

"އެ ރަށާއި ދެ ފަޅާ ގުޅޭގޮތުންވެސް މުއާމަލާތެއް ހިނގާފައިވާނަމަ އެވަނީ ގާނޫނާ ހިލާފަށް އަތޮޅު ކައުންސިލަށާއި ރައްޔިތުންނަށް އެނގުމެއްނެތި ކުރިއަށް ގެންގޮސްފައި. މިކަން ކުރަމުންދާ ބައެއް ބަލާ، ތަހުގީގުކޮށް، މިކަން ހުއްޓުވުމަށް ޝަރީއަތުންނާއި އެހެން އިދާރާތައް މެދުވެރިކޮށް މަސައްކަތްކުރަން ފަށާނަން. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަމެއް ނުވަތަ ގާނޫނާ ހިލާފަށް ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން މެދުވެރިކޮށްވިޔަސް ކޮށްފައިވާ މަސައްކަތްތަކަށް އެފަރާތްތަކުގެ މައްޗަށް ވަކިވަކި ދައުވާ އުފުލާނަން،" - ބަޝީރު

ބަޝީރު އިތުރަށް ވިދާޅުވި ގޮތުގައި މާފަރު އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ފަޅު ވިއްކަން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުގެ ފަރާތުން ރަސްމީކޮށް ސިޓީއަކުން އަންގަވާފައި އެބައޮތް ކަމަށާއި މަޝްވަރާކުރުން ޖެނުއަރީ މަހު ކުރިއަށް ގެންދިއުމަށް ޓަކައި މިހާތަނަށް ވިއްކާފައި ހުރި ތަންތަނުގެ މައުލޫމާތު އެ ކައުންސިލަށް ނުދީ ފޮރުވާފައިވާތީ އެ މައުލޫމާތުތައް ދިނުމަށްފަހު މަޝްވަރާކުރަން އައުމަށް ޓޫރިޒަމް މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމުގައެވެ.

މާފަރު އެއާޕޯޓަކީ އަބޫދާބީ ފަންޑުން އަމިއްލަ ފަރާތަކުން ތަރައްގީ ކުރާ މަޝްރޫއެއް ކަން ފާހަގަކުރައްވާ ބަޝީރު ވިދާޅުވީ މިހާރުވެސް މި މައްސަލައިގައި އޮޅުވާލުންތަކާއި ކޮރަޕްޝަން އެބައޮތް ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް