ads
މިއަދުގެ އަލިފާނުގެ ހާދިސާގެ ތެރެއިން: ފޮޓޯ އެމްއެންޑީއެފް
ނީލަން ފިހާރައިގެ އަލިފާނުގެ ހާދިސާގައި ބިދޭސީން ދިރިއުޅޭތަނެއް އެއްކޮށް އަނދައިފި
މާލޭ ނީލަން ފިހާރަ ސަރަހައްދުގައި ރޭ ފަތިހު ހިނގި އަލިފާނުގެ ހާދިސާގައި، އެސަރަހައްދުގައި ބިދޭސީން ދިރިއުޅޭ ތަނެއް އެއްކޮށް އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނީލަން ފިހާރައާއި އިންވެގެން އުތުރަށް، އަދި ހުޅަނގަށް ބިދޭސީން ދިރިއުޅޭ ދެ ބްލޮކް ހުރެއެވެ. 

އެމްއެންޑީއެފުން ބުނީ އެސަރަހައްދުގައި މީހުން ދިރިއުޅޭ ދެ ބްލޮކްގެ ތެރެއިން އެއް ބްލޮކް އެއްކޮށް އަނދާފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވިކަމެއް އަދި އެނގިފައި ނުވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

"އެ ބްލޮކަށް ފަޔަރ އެންޑް ރެސްކިއު ސާރވިސްގެ ސިފައިން ވަދެ ބެލި ބެލުމުން، އެއްވެސް މީހަކު އެތަނުން ފެނިފައެއް ނުވޭ" އެމްއެންޑީއެފް އިންފޮމޭޝަން އޮފިސަރ ވިދާޅުވިއެވެ.

ނީލަން ފިހާރައިގެ އަލިފާން ނިއްވާލުމަށް އެމްއެންޑީއެފާއި ފުލުހުން އަދި އެއާޕޯޓް ފަޔަރުން ކުރަމުން އަންނަ މަސައްކަތުން މިހާތަނަށް އަލިފާނުގެ 70 އިންސައްތަ ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ކުއިންވަނީ ބުނެފައެވެ.

ދޭތެރެ ދޭތެރެއިން އަލިފާނުގެ ހާދިސާތައް ހިނގަމުން އަންނަ ނީލަން ފިހާރަ ސަރަހައްދަކީ ބޭނުން ކޮށްފައިހުންނަ ތަކެއްޗާއި، އަގުހެޔޮކޮށް ވިއްކާ ބައެއް ތަކެތި އަދި ގިނަ އަދަދެއްގެ ލަކުޑި ވިއްކަން ހުންނަ ތަނެކެވެ. 

މާލޭ ކުރީގެ އެއް ނަމްބަރު ކުނިކޮށްޓާއި ޕޮލިސް ވެހިކަލު ގަރާޖާއި ދެމެގުގައި ހިންގަމުން ގެންދާ ނީލަން ފިހާރަ ސަރަހައްދުގެ މަގުމަތީގެ ދެފަރާތުގައިވެސް މީހުން ތަކެތި ބަހައްޓައިގެން ވިޔަފާރިކުރާ މައަސަލާގައި މާލޭ ސިޓީ ކައުންސިލުން މިފަހުންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަން ހުއްޓުވައި ދިނުމަށް ފުލުހުނަނަށް ސިޓީ ކައުންސިލުންވަނީ ހުށަހަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް