މި މަހުގެ ހަ ވަނަ ދުވަހުގެ ވަގުތެއްގައި ކުޅުދުއްފުށީ ގެއެއްގައި ހުރި ދަރު ގުދަނެއްގައި ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވި ނަމަވެސް ދަރު ގުދަން ވަނީ އެއްކޮށް ހުލިވެފަ އެވެ. މި މަހުގެ ހަތް ވަނަ ދުވަހު ރ. އަލިފުށީ ގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފަ އެވެ. އެ ހާދިސާގައި އެ ރަށުގައި ހުރި ފައިބަރު ކުނި ތަކެއްގައި ރޯވެ ވަރަށް ބޮޑަށް ވަނީ އަނދާފަ އެވެ.
އިއްޔެ ފިޔޯރީގައި ހިނގި އަލިފާނުގެ ހާދިސާގައި އެރަށުގެ ސުކޫލްގެ ބައެއް ރޯވެ އެއްކޮށް އަނދާ ހުލިވެފައި ވާއިރު، މިއަދު ހެނދުނުގެ ވަގުތެއްގައި މާލޭގައި ހުންނަ ނީލަން ފިހާރަ ތަކުގައި ވަނީ ރޯވެފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ނީލަން ފިހާރަތަކުގައި އެންމެ ފުރަތަމަ ރޯވީ މިއަދު ފަތިހު 05:30 ހާއިރު އެވެ.
ނީލަން ފިހާރައިގައި ރޯވުމުގެ ސަބަބުން އެ ސަރަހައްދުގައި ހުރި ބިދޭސީން ދިރިއުޅެމުން ދިޔަ ތަން ވަނީ އެއްކޮށް އަނދާ ހުލިވެފަ އެވެ.
ކައިރިކައިރީ ހިނގި މި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ އާއި އަތޮޅުތެރޭގެ ރަށްތަކުގައި ހިނގި އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައި ވާކަމަށާއި، މި ތަހުގީގަށް އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ.
އަލިފާނުގެ ހާދިސާ ތަކާއި ގުޅިގެން ފުލުހުން ހާއްސަ ތަހުގީގެއް ފަށާފައި ވާއިރު، މިދިޔަ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހު ގުޅީފަޅުގައި ހުރި އެކޮމަޑޭޝަން ބްލޮކެއްގައި ރޯވެ އެތަން ވަނީ އެއްކޮށް ހުލިވެފަ އެވެ. އެ ހާދިސާގެ ސަބަބުން ގިނަ ބަޔަކަށް ފަރުވާދޭން ޖެހުނު އިރު، އެ ތަނުގެ ތެރެއިން އިންސާނެއްގެ ކަށިތަކެއް ވަނީ ފެނިފަ އެވެ.
މީގެ އިތުރުން ނޮވެމްބަރު މަހުގެ ތެރޭ މާލޭގައި ހުރި ގަރާޖެއްގައި ރޯވެ އަތަނުގައި ދިރިއުޅެމުން ދިޔަ 10 މީހަކު ވަނީ މަރުވެފަ އެވެ.