ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން-- ފޮޓޯ: އަވަސް އޮންލައިން
އަހަރުގެ ބޮޑު ހުކުމް: ރައީސް ޔާމީން ޖަލަށް!
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ މަނީ ލޯންޑަރ ކުރުމުގެ ކުށުގެ ދައުވާއަކީ މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އަމިއްލަފުޅު އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައި ވާކަމުގެ ދައުވާއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް މި ނިމުނު އަހަރުގެ ތެރޭގައި ވަނީ މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ، ފަސް އަހަރަށް ޖަލަށް ހުކުމްކޮށް، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފަ އެވެ. އެމަނިކުފާނުގެ މި ހުކުމަކީ 2019 ވަނަ އަހަރުގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ހުކުމެވެ. އެއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރެއް ޝަރީއަތެއް ވަގުތުން ޓީވީން ދެއްކުމަށް ފަހު ކުރި ހުކުމެކެވެ.

ރަައީސް ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އުފުލީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓެއް މެދުވެރިކޮށް އެމަނިކުފާނުގެ އިސްލާމިކް ބޭންކް އެކައުންޓަށް ޖަމާކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ. އޭގެ އިތުރުން އެ ފައިސާ އަނބުރާ ދިނުމަށް ވެވުނު އެއްބަސްވުމާ ހިލާފަށް އަމަލުކޮށް މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވުނެވެ.

އެސްއޯއެފުން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ 500،000.00 ޑޮލަރުގެ ދެ ޗެކެކެވެ. ޖުމްލަ އެއް މިލިއަން ޑޮލަރު ކަމަށް ދައުލަތުން ބުނެއެވެ.

ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ އިރު އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ބެލުމުގެ ދަށަށް އެ ފައިސާ ގެންދިއުމަށް ހުޅުވި އެސްކްރޯ އެކައުންޓަށް އެމަނިކުފާނު ޖަމާކޮށްފައިވަނީ އެ ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެ އެކައުންޓަށް ޖަމާކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރުގެ އަތުން އެމަނިކުފާނު ބައްލަވައިގެންނެވި އެއް މިލިއަން ޑޮލަރު ކަމަށެވެ.

އެގޮތަށް އަމަލު ކުރެއްވި ވަކި ސަބަބެއް އެމަނިކުފާނު ބަޔާންކޮށްދެއްވާފައި ނުވާއިރު، ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ދައުލަތަށް ދޭން ޖެހެނީ އެއް މިލިއަން ޑޮލަރު ކަމަށާއި، އެއް މިލިއަން ޑޮލަރު ދީފައި ވާނެ ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ދަނީ ވިދާޅުވަމުންނެވެ.

އެގޮތުން ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނުގެ ފަރާތުން ހުށަހެޅި ކަންކަމަށް އެއްވެސް ވަރަކަށް ބަލާފައި ނުވާކަން ފާހަގަކޮށް އެމަނިކުފާނުގެ ވަކީލުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަަކަށް ނުބެލެވޭނެ ކަމަށް ވެސް އެމަނިކުފާނުގެ ވަކީލުން ވަނީ ވިދާޅުވެފައެވެ.


ރައީސް ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު އެސްއޯއެފް އިން ޖަމާ ކުރުމުން ރައީސް ޔާމީން އެ ފައިސާ ދެން ޓްރާންސްފާ ކުރެއްވީ އިންވެސްޓްމެންޓް އެކައުންޓަކަށެވެ. އޭސީސީ އިން އޭގެ ފަަހުން ފާހަގަ ކުރީ އެ ފައިސާ އަކީ ދައުލަތުގެ ފައިސާއަށް ވެދާނެ ކަމަށެވެ.

ރައީސް ޔާމީނަށް ހުކުމް އިއްވެވުމުގެ ކުރީން މައްސަލަ ބެއްލެވި ފަނޑިޔާރުން ވަނީ ރައީސް ޔާމީން އަމިއްލަފުޅަށް ވެސް އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި ފައިސާ އަކީ ހިޔާނާތުގެ ފައިސާ ކަމަށް ގަބޫލު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އެކަން ބަޔާން ކުރަމުން ފަނޑިޔާރު ވަނީ 2018 ވަނަ އަހަރުގެ ރައީސް ޔާމީންގެ މާލީ ބަޔާނުގައި އެސްކްރޯ އެކައުންޓުގައި ހުރި ފައިސާއަކީ އެމްއެމްޕީއާރްސީން އަދީބު ދެއްވި ކަމަށް ބުނާ ފައިސާއެއް ކަމަށް ބަޔާން ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުގެ ހެކީންގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވަނީ ރައީސް ޔާމީންއާއި ދެކޮޅަށް ޝަރީޢަތުގައި ހެކިބަސް ދީފަ އެވެ. އެ ދެ ބޭފުޅުންވެސް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ގާނޫނާ ހިލާފަށް ކަންތައްތަކެއް ކޮށްފައިވާނެ ކަމަށާއި ނަމަވެސް އެ ހުރިހާ ކަމަކީ ވެސް ސީދާ ރައީސް ޔާމީން އަންގަވައިގެން ހިންގި ކަންކަން ކަމަށެވެ.



މި މައްސަލައިގައި އޭސީސީގެ ކުރީގެ ނައިބް ރައީސް މުއައްވިޒް ރަޝީދުއާއި ދައުލަތުގެ ފަރާތުން އެކްސްކްރޯ އެކައުންޓެއް ހުޅުވުމަށް ގާނޫނީ ބާރު ލިބޭތޯ ސުވާލުކުރުމުން، މުއައްވިޒު ވިދާޅުވީ ގާނޫނުގައި އެފަދަ ވާހަކައެއް ބުނެފައި ނުވާތީ، އެކްސްކްރޯ އެކައުންޓު ހުޅުވަން ފިނޭންސްގެ ލަފައެއް ހޯދި ކަމަށެވެ. އެކްސްކްރޯ އެކައުންޓެއް ހުޅުވުމަށް އެއްބަސްވުމުގައި ސޮއި ކުރެވުނުއިރު، ރައީސް ޔާމީންގެ އެކައުންޓުގައި އެއް މިލިއަން ޑޮލަރު ހުރިކަން ޔަގީންނުކުރާ ކަމަށް މުއައްވިޒު ވިދާޅުވި އެވެ. އިންވެސްޓްމަންޓް އެކައުންޓަށް ރައީސް ޔާމީން އެއް މިލިއަން ޑޮލަރު ޓްރާންސްފާކޮށްފައި ވަނީ އެކްސްކްރޯ އެކައުންޓު އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން ކަމަށް މުއައްވިޒު ވަނީ ހާމަކުރައްވާފަ އެވެ.

ދައުލަތުން ބުނި ގޮތުގައި އެ އަމަލަކީ އެ ފައިސާތައް ފޮރުވައި، ކޮރަޕްޝަނުން ހޯދާފައިވާ ފައިސާތަކެއް ކަމަށް ޝައްކު ކުރެވޭ ފައިސާތަކެއް ބަދަލު ކުރަން އުޅުމުގެ އަމަލެއް ކަމަށެވެ. ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެ ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރީ ނޮވެންބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަހުގެ ތެރޭގައި އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދެއްކުމަށް ވެސް ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ މި މިހުކުމުގައި ބުނެފައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް