
ކޮވިޑް 19 އާއި ގުޅިގެން ސައުދީން ވަނީ ހައްޖުގެ އަޅުކަމުގެ ކޯޓާ މަދުކޮށް، ހައްޖަށް ސައުދީއަށް އެތެރެވެވޭ މިންވަރު މަދުކޮށްފައެވެ. ނަމަވެސް އެކަން ނިމުމަކަށް ގެނެސް މިއަހަރު، ކޮވިޑް-19 ގެ ކުރީގެ އަދަދަށް ހައްޖުވެރިންނަށް ހުއްދަދެވޭނެކަމަށް ސައުދީ ހައްޖާއި އުމްރާ މިނިސްޓްރީން ބުނެއެވެ.
ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު 2.6 މިލިއަން މީހުން ވަނީ ހައްޖުގެ އަޅުކަން އަދާކޮށްފައެވެ. ނަމަވެސް ކޮވިޑާއި ގުޅިގެން 2020 އަދި 2021 ގައި ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މަދު އަދަދެއްގެ ބަޔަކާއިއެކުގައެވެ. އަދި އެ ދެ އަހަރު ހައްޖުގެ އަޅުކަމަށް ސައުދީން ބޭރުން އެއްވެސް މީހަކު ހައްޖަށް ދިއުމަށް ކޯޓާއެއް ނުދެއެވެ.
ކޮވިޑަށް ފަހު 2022 ވަނަ އަހަރު އެއް މިލިއަން މީހުންނަށް ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިން ނަމަވެސް ގައުމުތަކަށް އޭގެ ކުރިން ދިން ކޯޓާއާއި އެއްވަރުގެ އަދަދެއް ދީފައެއް ނުވެއެވެ. އަދި އުމުރުން 65 އަހަރުން މަތީގެ މީހުނަން މިދިޔަ އަހަރު ހައްޖުގެ އަޅުކަމުގެ ފުރުސަތު ދީފައެއް ނުވެއެވެ.
ސައުދީ ހައްޖު މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަހަރު ހައްޖުގެ އަޅުކަމަށް އެ ހުރަސްތައް ނެތްކަމަށާއި ކޮންމެ އުމުރެއްގެ މީހެއް ނަމަވެސް ހައްޖުގެ އަޅުކަން އަދާކުރުމަށް ހުރަހެއް ނެތް ކަމަށެވެ.