ads
އައިޖީއެމްއެޗް--- ފޮޓޯ: ސަން
ހަލުވި ކަމާއި އެކު ލޮލުރޯގާ ފެތުރޭތީ ސަމާލުވާން އެދިފި
ރާއްޖޭގައި ހަލުވި ކަމާއި އެކު ލޮލުރޯގާ ފެތުރެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ލޮލުރޯގާ އޭ ކިޔަނީ ލޮލުގެ ހުދުކަޅީގެ މަތީގައިވާ ތުނި ދުލި ދުޅަވެ ރަތްވެ ޖަރާސީމު އެޅުމަށެވެ. ފަސޭހައިން ގައިންގަޔަށްއަރާ މިބަލި ކޮންމެ އުމުރު ފުރައެއްގެ ކޮންމެ މީހަކަށްވެސް ޖެހިދާނެ އެވެ. ވަރަށް ތުއްތު ކުދިންނަށް ވެސް ލޮލުރޯގާ ޖެހޭ ފަހަރު އާދެ އެވެ. ގިނަ ފަހަރު ގޭގެ ކޮންމެ ވެސް ބޮޑުމީހަކަށް ޖެހުމުން ނޫނީ ރޯގާޖެހިފައިވާ މީހުންނާއެކީގައި ވަގުތު ހޭދަކުރުމުން ވެސް ރޯގާ ޖެހޭގޮތް މެދުވެރިވެ އެވެ.

ލޮލުރޯގާ ޖެހެން މެދުވެރިވާ ބައެއް ސަބަބުތައް:

އެންމެ އާންމުކޮށް ލޮލުރޯގާ ޖެހެނީ ވައިރަސް، ބެކްޓީރިޔާ ސަބަބުންނާ، އަދި ލޮލަށް ވެއްޓޭ އެއްޗަކާ ނުގުޅުމުގެ ސަބަބުންނެވެ. ނުވަތަ އެލާޖީގެ ސަބަބުންނެވެ. ލޮލުރޯގާ ޖެހެނީ ނުވަތަ ފެތުރެނީ ލޮލުރޯގާ ޖައްސާ ޖަރާސީމު (ވައިރަސް، ބެކްޓީރިޔާ) އާ ތަގައްޔަރުވެފައިވާ އަތް ލޮލުގައި އުގުޅުމުންނެވެ. ނުވަތަ އެފަދަ ހާލަތުގައި އަތްނުދޮވެ، ލޮލުގައި އަތްލުމުންނެވެ. ލޮލުރޯގާ ޖައްސާ ޖަރާސީމާ އަތް ތަގައްޔަރުވަނީ ލޮލުރޯގާ ޖެހިފައިވަނިކޮށް ލޮލުން ބޭރުވާ ދިޔަ، ފެން، މަޑު، ނުވަތަ ކެއްސާ ކިނބިހިއަޅާއިރު ބޭރުވި އެއްޗެތީގައި އަތްލުމުންނެވެ. މީގެ އިތުރުން ބައެއް ފަހަރު ބަލިމީހާ ބޭނުންކޮށްފައިވާ ޓިޝޫ، ރުމާ، ތުވާލި، ބެޑްޝީޓް ފަދަ ތަކެތީގައި ޖަރާސީމު ހުއްޓައި އަތްލައިފިނަމަ ވެސް ބަލި ޖައްސާ ޖަރާސީމާ އަތް ތަޣައްޔަރުވެދާނެ އެވެ. އަދި އެފަދަ ހާލަތުގައި އަތްނުދޮވެ، ލޮލުގައި އަތްލައި އުގުޅައި ހަދައިފިނަމަ ލޮލުރޯގާ ޖެހުމަކީ ވަރަށް ގާތް ކަމެކެވެ.

ލޮލުރޯގާ ޖެހުމުން ފެނިދާނެ ބައެއް އަލާމާތްތައް:

ލޮލު ރޯގާ ޖެހުމުން ފެނިދާނެ ބައެއް އަލާމާތްތަކުގެ ތެރޭގައި، ހުން އައުން، ލޮލުން ފެން އައުން، ލޮލުގައި މަޑު ލުން، ލޯ ހިރުވުން އަދި ލޯ ރަތްވުން ހިމެނެ އެވެ. 

މީގެ އިތުރުން ލޮލު ރޯގާ ޖެހުމުނ ލޮލުގެ މަތީ ބޮޑިޔާ ތިރީ ބޮޑި ދުޅަވާގޮތްވެ އެވެ. ބައެއް ފަހަރު ލޮލުގެ ފެނުން ނުސާފުވުމަކީ ވެސް ވެދާނެ ގޮތެކެވެ. ލޮލުރޯގާ ޖެހުމުން ފުރަތަމަ ހައެއްކަ ދުވަހު ލޯރަތްވެ ގޯސްވަމުންދާހެން ހީވެދާނެ އެވެ. ނަމަވެސް އެންމެ ފަހުން މަޑުމަޑުން ގޮސް ރަގަޅުވެދާނެ އެވެ. ލޮލުރޯގާ ޖެހުމުން ބައެއް މީހުންނަށް ހުންވައްތަރުވެ، ކަރުގައި ނުވަތަ ކަންފަތް ކައިރީގައި ގޮށްލާގޮތް ވެ އެވެ. ކަރުތެރެ ސަކަރާތްވުމާ، ހުދުކަޅި ބޭރަށް ނިކުމެ، ލޮލަށްލޭއެރުމަކީ ވެސް ވެދާނެ ކަމެކެވެ.

ލޮލުރޯގާ އިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން:

ލޮލުރޯގާ ޖެހުމުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަމުގެ ތެރޭ ގިނައިން ސައިބޯނި ލައިގެން އަތްދޮވުމާއި، އާއްމުކޮށް އަތްލާ ތަންތަން ސާފުކޮށް ބެހެއްޓުމާއި، ލޮލިގައި އަތް ލުމާއި، ލޯ އުނގުޅުމުން ދުރުވުމުގެ އިތުރުން ބޭނުން ކޮށްފައިވާ ޓިޝޫ ފަދަ ތަކެތި ރައްކާތެރިކޮށް ނައްތާލުން ހިމެނެ އެވެ. 

ލޮލުރޯގާ ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފައި ވާއިރު، އެޗްޕީއޭއިން ވަނީ، ލޮލުރޯގާ ޖެހިފައިވާ ބަލި މީހާ ލޮލަށް އަޅާ ބޭސް، ބަލި ނެތް މީހުން ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް