ads
ކައްދޫ އެއާޕޯޓް - ފޮޓޯ:އަވަސް
ކައްދޫ އެއާޕޯޓަށް 77 މިލިއަން ރުފިޔާ ހޯދަނީ، ބަދަލުގައި ދޭނީ ރަށެއް
މަޝްރޫތައް ހިންގުމަށް ނުވަތަ ކްރޮސް ސަބްސިޑީގެ އުސޫލުން ފައިސާ ދިނުމުން ބަދަލުގައި ރަށެއް ނުވަތަ ފަޅެއް ދޭ ގޮތަށް ލ. ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް ސޯލިހު ނިންމަވައިފިއެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ކައްދޫ އެއާޕޯޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީ ކުރުމަށް ރައީސް ސޯލިހު ނިންމެވިކަން އެންގުމަށް ނެރުއްވި ގަރާރުގައި ވަނީ އެ މަޝްރޫއަށް ހަރަދު ކުރަންޖެހޭ އެންމެ ދަށް އަގުގެ މިންވަރަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) ކަން ކަނޑައަޅުއްވާފައިވާ ކަމަށެވެ.

މަޝްރޫއުތައް ހިންގުމަށް ނުވަތަ މަޝްރޫއުތަކަށް ފައިސާ ދޭ ފަރާތްތަކަށް ބިޑަކަށް ނުގޮސް ބަދަލުގެ ގޮތުގައި ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭ ގޮތަށް ސަރުކާރުން ކަނޑައަޅާ ކްރޮސް ސަބްސިޑީ ލިސްޓް އިސްލާހުކޮށްފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މީގެ ކުރިން ވަނީ ކްރޮސް ސަބްސިޑީގެ އުސޫލުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓްތައް ތަރައްގީ ކުރުމަށާއި ގިރާވަރު ފަޅު ހިއްކައިގެން "ރެސިޑެންޝަލް ސިޓީ" އެއް ތަރައްގީ ކުރުމަށް ވެސް ކަނޑައަޅުއްވާފައެވެ.

ޑޮމެސްޓިކް އެއާޕޯޓް އަޅަން ސަރުކާރުން ހަރަދު ކުރުމުގެ ބަދަލުގައި އަމިއްލަ ފަރާތްތަކުން ތަރައްގީ ކުރާ ގޮތަށް ނުވަތަ ފައިސާ ދޭ ގޮތަށް، ކްރޮސް ސަބްސިޑީ އުސޫލުން ރަށެއް ދޭ ގޮތަށް މިހާތަނަށް ހަތަރު ކުންފުންޏަކާ އެކު ސަރުކާރުގެ ފަރާތުން ވަނީ ސޮއިކޮށްފައެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން ގިރާވަރު ފަޅު ތަރައްގީ ކުރުމާ ހަވާލުވެފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާވާ ކުންފުނި މޯލްޑިވްސް ފަންޑު މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ. މިފަހުން ވަނީ އެ ފަޅު ތަރައްގީ ކުރުމަށް ނ. ދިގުފަރުފަޅާއި އެ ފަޅާ ކައިރީގައި އޮންނަ ރަށެއް ކަމަށްވާ ދެކެނަންފަރު 27 މިލިއަން ޑޮލަރު (416 މިލިއަން ރުފިޔާ) އަށް ސްވިޒަލޭންޑްގެ ކުންފުންޏަކަށް 99 އަހަރަށް ކުއްޔަށް ދޫކޮށްފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް