ads
ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން ހުންނާނެ ގޮތުގެ ކުރެހުމެއް
އެއާޕޯޓްގެ މަސައްކަތް ފެއްޓުމަށް، ރައީސް ހަނިމާދޫއަށް ވަޑައިގަންނަވަނީ
ހަނިމާދޫ އިންޓަނޭޝަލް އެއާޕޯޓްގެ ބޮޑުކުރުމުގެ މައި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް ރައީސް ސޯލިހް ހަނިމާދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސް ހަނިމާދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 18 ވަނަ ދުވަހުއެވެ. ހަނިމާދޫ އެއާ ޕޯޓުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުއެވެ. 

އެއާ ޕޯޓް މަޝްރޫޢުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ފާހަގަކުރުމަށް ހަނިމާދޫ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ކައުންސިލުން އިސްނަގައިގެން ރަށު ރައްޔިތުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވެއެވެ. މިމަހުގެ 8 ވަނަ ދުވަހު ހަނިމާދޫ އަންހެން ކަނބަލުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައިވާއިރު، 9 ވަނަ ދުވަހު ރަށު ފިރިހެނުންނާ ބައްދަލުކޮށް މަޝްވަރާ ކޮށްފައި ވެއެވެ. 

މި ސަރުކާރުން ހިންގާ ބޮޑެތި މަޝްރޫއުގެ ތެރޭގައި ހިމެނޭ މި މަޝްރޫއު ހަނިމާދޫގައި ފެށިގެން ދިޔުމަކީ، ރައްޔިތުންގެ ފަރާތުންވެސް އެކަން ފާހަގަކުރަން ބޭނުންވާ ކަމެކެވެ. އެއާއެކު ރަށުތެރެ ސާފުކުރުމާ، ޒީނަތްތެރި ކުރުމުގެ މަސައްކަތްތަކާ ދެންވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަންކަންތައްދަނީ މަޝްވަރާކޮށް ފައިނަލް ކުރެވެމުން ކަމުގައި ކައުންސިލުން މައުލޫމާތު ދެއެވެ.

ހަނިމާދޫ އެއާޕޯޓް މަޝްރޫއަކީ، އިންޑިއާގެ އެގްޒިމް ބެންކާއި ދިވެހި ސަރުކާރާ ދެމެދު 2019 ގައި ސޮއިކުރި ކްރެޑިޓް ލައިންގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ ރަންވޭ އެއް ތަރައްގީ ކުރުމަށްވަނީ ހަމަޖެހިފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ހަވާލުކުރީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިިމިޓެޑާ އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލު ލިބި، ބޮޑުތިލަދުންމަތީގައި ރިސޯޓުތަކާއި ސިޓީ ހޮޓަލާއި ގެސްޓް ހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް ވަރަށް ބޮޑަށް މަގުފަހިވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް