މޯލްޑިވްސް ފުޑްއެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނީ ޔޫރަޕްގައި ދައުރުވަމުންދާ ކުޑަކުދިންނަށް ދޭ ދެ ބޭހެއްގައި ސިއްހީގޮތުން ނުރައްކާތެރި މާއްދާއެއް ކަމަށްވާ، "ޑައިތްލީން ގްލައިކޯލް" އާއި "އެތްލީން ގްލައިކޯލް" ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައިވާކަމަށެވެ.
މި ދެ ބޭހަކީވެސް އިންޑިއާގެ މެރިއަން ބައޮޓެކް ކުންފުނިން އުފައްދާފައިވާ ކުޑަކުދިންނަށް ދޭ ކެއްސާތީ ބޯ ދެ ސިރަޕެއްކަމަށްވާ Amboronol cough syrup އަދި DOK-MAX syrup ކިޔާ ދެ ބޭހެއްކަމަސްވެސް އެ އޮތޯރިޓީން ބުނެއެވެ.
ނަމަވެސް މި ދެ ސިރަޕަކީވެސް ރާއްޖޭގައި ހުއްދަ ބޭހުގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސްތަކެއް ނޫން ކަމަށްވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މި ބޭސްތަކަކީ ރާއްޖޭގައި ހުއްދަކޮށްފައިވާ ދެ ބޭސް ނޫންނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް އަމިއްލައަށް ރާއްޖެއިން ބޭރުން ބޭސް އެތެރެކުރާއިރު ހާއްސަ ސަމާލުކަމެއްދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
މިބޭސްތަކާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ 7200321 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށްވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.