ads
ބީއެމްއެލް އަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ހަފްލާގައި ރައީސް ވާހަކަ ދައްކަވަނީ - ފޮޓޯ:ބީއެމްއެލް
ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ވާޖިބު: ރައީސް
ގައުމީ ބޭންކް، ބީއެމްއެލްގައި ފައިސާ ރައްކާކުރަނީ ބޭންކަށް ވަރަށް ބޮޑަށް އިތުބާރުކޮށްފައި ކަމަށާއި އެކައުންޓުތަކުގައި ހުންނަ ފައިސާ މިހާރަށް ވުރެ ބޮޑަށް ރައްކާތެރިކޮށް ބެލެހެއްޓޭނެ ހަރުދަނާ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ބީއެމްއެލް އަށް 40 އަހަރު ފުރުން ފާހަގަ ކުރުމަށް ކްރޮސް ރޯޑްސް ގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ބީއެމްއެލް އަކީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ބޭންކެއް ކަމުން ބޭންކުގެ އެންމެ އިސް ވާޖިބަކަށް ވާން ވާނީ އާންމުންނާއި ވިޔަފާރިވެރިންގެ އެކައުންޓުތަކުގައި ބަހައްޓާފައި ހުންނަ ފައިސާ އަމާނާތްތެރިކަމާ އެކު ބަލަހައްޓައި އެ ފައިސާއަށް ރައްކާތެރިވުން ކަމުގައެވެ.
އާންމުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދަމަހައްޓަން ޖެހޭ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވިޔަފާރިތަކާއި އާންމުން ބޭންކުގައި ބަހައްޓާ ފައިސާ ރައްކާތެރި ކުރުމަށް އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭ ކަމަށެވެ.

"ވިޔަފާރިވެރިން ވެސް އަދި އާންމު ރައްޔިތުން ވެސް އެ މީހުންގެ ބުރަ މަސައްކަތުން ހޯދާ ފައިސާ ރައްކާކުރަން ބޭންކާ ހަވާލުކުރަނީ ބޭންކާ މެދު ބޮޑު އިތުބާރެއް ކުރާތީ. އެ ފައިސާ އަމާނާތްތެރިކަމާއި ފަރުވާތެރިކަމާ އެކު ރައްކާތެރިކޮށް ބެލެހެއްޓުމަކީ ބޭންކުގެ އެންމެ އިސް ވާޖިބު. އެންމެ ބޮޑު ޒިންމާ. އެ އަމާނާތްތައް ރައްކާތެރި ކަމާ އެކު ބެލެހެއްޓުމަށް މިހާރަށް ވުރެ ވެސް ހަރުދަނާ އިންތިޒާމުތަކެއް ހަމަޖައްސަވާނޭކަމަށް އުންމީދުކުރަން،" - ރައީސް

ރައީސް ވަނީ ބޭންކުން ވިޔަފާރިވެރިންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށްވުރެ ފަސޭހަކަމާ އެކު ލިބޭނެ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ހަމަ އެއާއެކު، ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވުމަށް ނުވަތަ ޓީޓީ ހެދުމުގެ އުސޫލު މިފަހުން ހަރުކަށިކޮށްފައިވާތީ އެކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް އެމްއެމްއޭ އާއި ބީއެމްއެލްގެ ކިބައިން ރައީސް އެދިވަޑައިގެންނެވިއެވެ.

"ދާދި ފަހުން ތިބޭފުޅުން އިއުލާން ކުރެއްވި ރާއްޖެއިން ބޭރުގައި ކިޔަވާ ސްޓޫޑަންޓުންގެ ޓީޓީ ލިމިޓްކުރުުމުގައި ކަންބޮޑުވުންތަކެއް ބެލެނިވެރިންގެ އެބައޮތް. އެހެން ވީމާ، ސެންޓްރަލް ބޭންކް އެމްއެމްއޭ އާއި އަދި ބީއެމްއެލްއިން މިކަމާ ވިސްނަވާ، މިދެންނެވި ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަކީ ބޭންކުގެ ހިއްސާދާރުންނާއި ބޭންކުން ހިދުމަތް ހޯއްދަވާ ބޭފުޅުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް،" - ރައީސް

އާ އަހަރާ އެކު، މަރުކަޒީ ބޭންކުން ބޭންކުތަކަށް ޑޮލަރު ދޫކުރާ މިންވަރު މަދުކުރުމާ ގުޅިގެން ރާއްޖޭން ބޭރުގައި ކިޔަވަން ތިބޭ ކުދިންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު ބީއެމްއެލުން ވަނީ ހަރުކަށިކޮށްފައެވެ.

ބޭންކުގެ އިންތިޒާމުތައް ހަރުދަނާ ކުރުމަށް ރައީސް ގޮވާލެއްވިއިރު، ސްކޭމްތައް ގިނަވެ ބޭންކުގެ އެކައުންޓުތަކުގައި ހުރި އާންމުންގެ އެތައް މިލިއަން ރުފިޔާ އެއް ގެއްލިފައިވާ ކަމުގެ ޝަކުވާތަކަކީ މިފަހަކަށް އައިސް ވަރަށް ގިނަ ބައެއްގެ ކަންބޮޑުވުމާ ގުޅިފައިވާ ކަމެކެވެ.

ދިވެހި ސަރުކާރުން އުފެއްދި ފުރަތަމަ ބޭންކަކީ ބީއެމްއެލްއެވެ. ބޭންކް ހުޅުވާފައިވަނީ 1982 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް