ads
ހަށިވިއްކި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންތަކެއް ބިއުޓީ ޕާލާ އަކުން ނެރެނީ. --ފޮޓޯ: އިބްރާހިމް އައްސަދު
ހަށިވިއްކުން ކުރިން ސިއްރުގައި، މިހާރު ފާޅުގައި
ދިވެހިންނަކީ ޒަމާނުންސުރެ ރީތި އަހުލާގަށް ލޯބި ކުރަމުން އައި އަހުލާގު ރަނގަޅު ބަޔަކު ނަމަވެސް މިހާރު އެދުވަސް މިވަނީ މާޒީގެ ތެރެއަށް ވަދެ ގަރަގުވެފަ އެވެ. މިއަދު ދިވެހިންގެ ތެރެއިން ފެންނަމުން ދަނީ ކާބަފައިން އެމަންޒަރުތައް ފެނި ލޮލުން ކަރުނަ އަޅާނެ މަންޒަރުތަކެއް ކަމީ ދެބަސްވެވެން ނެތް ހަގީގަތެކެވެ.

ކޮންބެ ބައެއްގެ ތެރޭގައިވެސް ނުބައި އަމަލުތައް ކުރާމީހުން ތިބޭނެ އެވެ. އެބައި މީހުން އެކަންކަން ކުރަމުން ދަނީ ފަހަރުގައި ސިއްރުން ކަމަށް ވީނަމަވެސް އެކަން ކޮންމެވެސް ދުވަހަކު ހާމަވެގެން ދާނެ އެވެ. މިއީ ދުނިޔެވީ އުސޫލެވެ. 

މިއަދު ދިވެހިންގެ މުޖްތަމައުގެ ތެރެއިން ބަލާލި ކޮންމެ ދިމާލަކުންވެސް ފެނިގެންދަނީ، ހިތާމަވެރި މަންޒަރުތަކެވެ. އެއްބަޔަކު ފާޅުގައި މަސްތުވަމުން ދާއިރު، އަނެއް ބަޔަކު ފާޅުގައި މާރާމާރީތައް ހިންގަމުން ދަނީ ބިރެއްނެތި އެވެ. އެއް ބަޔަކަށް މިކަންކަމީ، އެމީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުމެއް ކަމަށް ވަނީ ހަދާފަ އެވެ. 

ހަށި ވިއްކުމާއި އިންސާނީ ވަގު ވިޔަފާރީގެ މައްސަލަތަކުގައި މިދިޔަ 2022 ވަނަ އަހަރު 32 މީހަކު ހައްޔަރުކޮށް 28 މީހަކު ޑީޕޯޓްކޮށްފައިވާކަމަށް ފުލުހުން ވަނީ ދާދި އިހަކަށް ދުވަހު ބުނެފަ އެވެ. ފުލުހުން އާއްމުކުރި މައުލޫމާތުން އެނގޭގޮތުގައި ހަށިވިއްކުމާއި އިންސާނީ ވަގުފާރި ހުއްޓުވުމަށް މިދިޔަ އަހަރު 25 އޮޕަރޭޝަނެއްވަނީ ހިންގާފަ އެވެ. އޭގެ ތެރެއިން 14 އޮޕަރޭޝަނެއް ހިންގީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުގެ މައްޗަށްކަމަށާއި 11 އޮޕަރޭޝަނެއް ހިންގީ އިމިގްރޭޝަނާ ގުޅިގެން ކަމަށް ފުލުހުން ބުނެ އެވެ.

މިމައްސަލަތަކުގައި ހައްޔަރުކޮށްފައިވަނީ 26 ބިދޭސީއަކާއި ހަ ދިވެހިން ކަމަށް ފުލުހުން ބުނެ އެވެ. 

މީގެ ކުރިން ރާއްޖޭގައި އަދި ވަކިން ހާއްސަކޮށް މާލޭގައި ހަށި ވިއްކާ ތަންތަން ތަފާތު ނަންނަމުގައި ހުޅުވައިގެން ހިންގަމުން ދިޔައީ، ސިއްރިއްޔާތުގަ އެވެ. އެހެން ނަމަވެސް މިއަދު އެކަން ބަދަލުވެ ފާޅުކަން ބޮޑުގޮތެއްގައި ތަފާތު މޮޅެތި ޕްރޮމޯޝަންތަކާއި އެކު ހަށިވިއްކާ އެތައް ތަނެއް އަންނަނީ އިސްތިހާރު ކުރަމުންނެވެ. މިއީ ޖީލެއް ނެތި ކޮށްލުމަށް ބަޔަކު މީހުން އަޑީގައި ތިބެގެން ރާވަމުން އަންނަ ނުބައި ހީލަތްތެރި ރޭވުމެކެވެ. 

ސޯޝަލް މީޑިއާ ހުޅުވާލާއިރު، ވީޑިއޯ ކޮޅުކޮޅުން ފެށިގެން ހިދުމަތް ދޭންތިބޭ ކުދިން އިސްތިހާރު ކޮށް ހަދަމުން ދާއިރު، އިދާރާތަކުން ތިބީ ނިދާފައިތޯ މިއީ މިއަދު އެތައް ބައެއްގެ ހިތުގައި އުފެދޭ ސުވާލެކެވެ. އެސުވާލު ނުއުފެދެންވީ ސަބަބެއްވެސް ނެތެވެ. އިދާރާތަކުން ފިޔަޅު އަޅާނަމަ އެކަންކަން ހުއްޓުވުމަކީ އެހާ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެކަންކަން ހުއްޓުވިފައި ނެތުމެވެ. 

ފާޅުގައި ހަށިވިއްކާ ތަންތަން މިހާރު ހިންގަމުން އަންނަ އިރު، ފުލުހުންވެސް އެކަމާއި ދެކޮޅަށް ދޭތެރެއަކުން އޮޕަރޭޝަންތައް ހިންގަ އެވެ. ހަށިވިއްކާ ތަންތަނުގައި ގިނައިން ތިބެނީ ބިދޭސީއިން ކަމުން ކުރެވޭނެ މާބޮޑުކަމެއް ނޯވެ އެވެ. މައްސަލަ ބެލުމަށްފަހު އަނބުރާ ގައުމަށް ފޮނުވާލުން ނޫން ގޮތެއް ނެތެވެ. ޖެހިގެން އަންނަ ދުވަހު އަލުން ހަމަ އެ "ރެއިޑް" ކުރި ތަން ހުޅުވާ ހިދުމަތް ދޭން ފަށައެވެ. 

ފުލުހުން ހިންގި ހާއްސަ އޮަޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކާއި ބައްދަލުވުމުން، މިކަންކަން ހުއްޓުވަން ފުލުހުން ނޫޅެނީ ކީއްވެތޯ ސުވާލުކުރުމުން ދިން ޖަވާބަކީ، ގިނަ ކުށްތައް ކުރާ ފަރާތްތަށްވެސް ބުނަމުން އަންނަ ވާހަކަ އެވެ. އެ ތަންތަނަކީ ކޮންމެވެސް ބޮޑެއްގެ މީހެއް ހިންގާ ތަނެއް ކަމުން އެތަން ބަންދު ކުރެވެން ނޯންނަ ވާހަކަ އެވެ. އެތަނުގައި ތިބޭ މީހުން ހައްޔަރު ކުރި ނަމަވެސް އެތަނާއި ދޭތެރޭ ފިޔަވަޅެއް ނޭޅޭ ވާހަކަ އެވެ. 

ހަމަ އެ ފުލުސް މީހާ ހިއްސާ ކޮށްލި އެހެން ވާހަކަ އެކެވެ. ހަށިވިއްކަމުން ދިޔަ ތަނަކަށް ފުލުހުން ވަން އިރު އެތަނުން ހައްޔަރު ކުރި ނޭޕާލް އަށް ނިސްބަތްވާ ތިން އަންހެނެއްގެ އަތުން ދެ މިލިއަން ރުފިޔާ ފެނުނު ވާހަކަ އެވެ. އޭނާ ބުނި ގޮތުގައި އެ އަންހެނުން ރާއްޖެ އައިތާ އޭރު މަސް ދުވަސް ނުވާނެ އެވެ. އެހެން ނަމަވެސް އަތުގައި ދެ މިލިއަން ރުފިޔާ ހުރުމުން މިކަމުގައި ހުރި ބިރުވެރިކަން އިހުސާސް ކުރެވެ އެވެ. 

ވަރަށް ގިނަ ދިވެހިން ބޭނުން ކުރާ ޓިކްޓޮކްގައި ވެސް މަސާޖު ޕާލާތައް އިސްތިހާރު ކުރުމުން އަންނަ އިރު އެ ޕާލަރުތަކުގައި ތިބޭ  މީހުން މޮޑެލްކޮށްފައި ހުންނަ ފޮޓޯތަކާއި ވީޑިއޯތަކުގައި އެ އަންހެނުން ގަންނަން ލިބޭ އަގުތައް ޖަހާފައި ހުރެ އެވެ.

އަދި މިފަދަ މަސާޖް ޕާލާތައް މާލޭގައި އިތުރުވި ނަމަވެސް އެކަމާއި ދެކޮޅަށް ސަރުކާރުން ވެސް އަދި ފުލުހުން ވެސް އެއްވެސް ފިޔަވަޅެއް އަޅަމުން ނުގެންދާކަމުގެ ވާހަކަތައް ދެކެވެއެވެ. އަދި އެކަމުގެ ކަންބޮޑުވުން އާއްމުން އަންނަނީ ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެ އެވެ.

ފަހަކަށް އައިސް ފުލުހުން މަސާޖް ޕާލާތައް ރެއިޑެއް ވެސް ނުކުރާއިރު، މީސް މީޑިއާގައި އާއްމު ކުރާ މިފަދަ އިޝްތިހާރު ތައްވެސް ހުއްޓުވަން ފުލުހުންނާއި ކަމާއި ގުޅުން ހުރި މުވައްސަސާތަކުން މަސައްކަތް ނުކުރާ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.

މީގެ ކުރިން މިކަންކަން ސިއްރުގައި ކުރަމުން އައި ނަމަވެސް މިހާ ފާޅުކަން ބޮޑުކޮށް މިކަންކަން ކުރަން ދޫކޮށްލެވިފައި އޮތުމީ ނުހަނު ގިނަ މައްސަލަތަކެއް ފެންމަތިވެގެން އަންނާނެ ކަންކަމެވެ. މުޖްތަމު ފަސާދަވެ ހަލާކުގެ ތެރެއަށް މިކަމުގެ ސަބަބުން ވަދެގެން ދާނެ އެވެ. ސިއްހީ ގޮތުން މީގައި ހުރި ބިރުވެރިކަން އަދި މާ ބޮޑެވެ. 

މިއަދު އެބަޔަކު ފާޅުގައި އެކަންކަން ކުރަމުން އަންނަ އިރު، މި ކަމުގެ ތެރޭގައި ދެ ޖިންސުންގެ ދިވެހިން ތިބިކަމީ، މީގެ މޫ ދިގުވެފައި ވާ މިންވަރެވެ. އިދާރާތަކުން މުޖްތަމައުގައި ހުރި މިކަހަލަ މައްސަލަތަކަށް ސަމާލުކަންދީ އެ މައްސަލަތައް ހައްލު ކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަކީ ވާޖިބު ކަމެކެވެ. އެހެން ނޫން ނަމަ މުޅި ގައުމުގެ މުސްތަގުބަލު ހަލާކުވެ ދާނެ އެވެ. 

އެހެން ނަމަވެސް މިކަންކަން އެނގޭ ކަމަށް ވެސް ނަހަދާ މުއައްސަސާތަށް ތިބީ ނިދައިފަ އެވެ! 

31%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
15%
ސަތޭކައަކުން ސުމެއް
54%
ވަރަށް ސަލާމް
ކޮމެންޓްސް