ads
އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އާއިި ފޭދޫގެ އާ ސްކޫލު އަޅަން ބިން ހަވާލުކޮށްދެއްވަނީ----
ފޭދޫގައި އާ ސްކޫލެއް ވަރަށް އަވަހަށް އަޅާނެ: މިނިސްޓަރު
ސްކޫލު އަޅަން ބިން ވަނީ ރޭ ހަވާލުކޮށްފައި
ސ. ފޭދޫގައި އާ ސްކޫލެއްގެ ބިންގާ ވަރަށް އަވަހަށް އެޅިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
Advertisement

ފޭދޫ ސްކޫލުގެ ރަން ޔޫބީލް ފާހަގަކުރަން އެ ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ އަހަރުގެ މާޗު މަހުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި ފޭދޫއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ މީހުން އެންމެ ބޭނުންވާ ކަމެއްގެ ގޮތުގައި ހުށަހެޅީ ރަށަށް އާ ސްކޫލެއް ލިބުން ކަމަށެވެ. 

ރައްޔިތުންގެ އެ އަޑު ރައީސް ސޯލިހްގެ ހަނދުމަފުޅުގައި ހުރިކަމުގެ ހެއްކަކީ މިއަހަރުގެ ބަޖެޓުގައި އާ މަދަރުސާއެއް ބިނާކުރަން ހިމަނުއްވާފައިވާކަން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

"ފޭދޫއަށް ބޭނުންތެރި މި މަޝްރޫއު ހިޔާލަކުން ބިނާއަކަށް ބަދަލުކުރުމަށް ބޭނުންވާ ފައިސާ ދެއްވި ކަމަށްޓަކައި، މިކަން މިއަހަރުގެ ބަޖެޓުގައި ހިމަނައިދެއްވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އަދި އަޅުގަނޑުގެ ނަމުގައި ރައީސް އަށް ޝުކުރާއި، މަރުހަބާ ދަންނަވަން. ޝުކުރިއްޔާ ރައީސް. " މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުން:

  • ފޭދޫގައި އަލަށް ބިނާ ކުރެވޭ ސްކޫލު ވާނީ މުޅި ސްކޫލު އެކުއެކީގައި ފަރުމާ ކުރެވިގެން ކުރެވޭ ބިނާއަކަށް
  • ވޯކްޝޮޕްތައް ހުންނާނެ
  • ލެބޯޓަރީތައް ހުންނާނެ
  • ނާސްތާކުރާ މާލަންތައް ހުންނާނެ
  • ބަދިގެތައް ހުންނާނެ
  • ކުޅިވަރު ކުޅޭނެ ޖާގަ އޮންނާނެ

މިނިސްޓަރު ވިދާޅުވީ އެ ސްކޫލުގެ ބިންގައި "ހެޔޮ އިރުވަރެއްގައި ވަރަށް އަަވަހަށް އެޅިގެންދާނެ" ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެކަމުގެ އަަމަލީ މަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލު އަޅަން ބިން ވަނީ ރޭ ހަވާލުކޮށްފައި

މިނިސްޓަރު ވިދާޅުވި އެ ސްކޫލު އެޅުމަށް ބޭނުންވާ ބިން ކައުންސިލުން ހަމަޖައްސައި، އެ ބިމުގެ ރަޖިސްޓްރީ ރޭގެ ޖަލްސާގައި ވަނީ އެޑިއުކޭޝަން މިނިސްޓަރާއި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ހަވާލުކޮށްދެއްވާފަ އެވެ.

އެ ސްކޫލު އެޅުމަށް 40،000 އަކަފޫޓްގެ ބިމެއްް ފޭދޫގެ ހިއްކި ސަރަހައްދުން ވަނީ ދީފަ އެވެ. 1972 ވަނަ އަހަރު ރަސްމީ ތައުލީމުގެ ނިޒާމުގެ ތެރެއިން ކިޔަވައިދެން ފެށި ފޭދޫ ސްކޫލުގައި މިވަގުތު ޖުމްލަ 581 ދަރިވަރުން ކިޔަވަމުންދެ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް