މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމެރީގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އައްޑޫ ސިޓީ އަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މަރަދޫފޭދޫ އެމްޑީޕީ ޖަގަހައިގައި، އެމްޑީޕީގެ ސަޕޯޓަރުންނާއި އެކު ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފަ އެވެ.
އެ ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ، ވެރިކަމުގެ ދައުރު ނިންމަވާލެއްވުމަށްފަހު ގޭގައި އާއިލާ އާއި އެކު މަޑުކުރުމަކީ ވަރަށް ފަސޭހަފުޅު ކަމެއް ކަމަށާއި، އެހެން ނަމަވެސް ވެރިކަމުގެ އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމެވީ އެމްޑީޕީގެ ހައްގުގައި ކަމަށެވެ. އަދި އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ނިންމެވީ، އެމްޑީޕީއިން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އެމްޑީޕީއަށް ރާއްޖޭގައި ސުލްހަ އަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ޕާޓީ އެއް ކަމަށާއި، ސުލްހަ އާއި ހަމަޖެހުން ގާއިމް ކޮށްދިނުމަށް 2008 ވަނަ އަހަރު ރައްޔިތުން ފުރުސަތު ދެއްވި ކަމަށެވެ. އެހެން ނަމަވެސް ދުރު ރާސްތާ ޕްލޭނެއް ނެތި ކުއްލި ކުއްލި އަށް ކުރެއްވި ކަންކަމުގެ ސަބަބުން ކަންވެގެން ދިޔަ ގޮތް ހުރިހާ ރައްޔިތުންނަށް ފެނިގެންދިޔަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވީ، އެމްޑީޕީ ވެރިކަމުގައި އޮވެ، މަގުމައްޗަށް ނިކުންނަން ޖެހުމަކީ، ޕާޓީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށާއި، ވެރިކަން އެހެން ބަޔަކަށް ލިބިއްޖެނަމަ ކަންކަން ވެގެންދާނެ ގޮތް ވަރަށް ސާފު ކަމަށެވެ. އަދި ދެވަނަ ފަހަރަށް އެމްޑީޕީ މަގުމަތިވެގެން ދިއުމަކީ، ޕާޓީގެ މެމްބަރުން ބޭނުންވާނެ ގޮތް ނޫން ކަމަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގައި ރައީސް ސޯލިހު އާއި އެކު، ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވާއިރު، ދެ ބޭފުޅުން ގެންދަވަނީ، އެއްބޭފުޅަކު އަނެއްބޭފުޅަކަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ. \
އިންތިހާބުގެ ވަގުތު ކައިރިވެފައި ވާއިރު، އެމްޑީޕީގެ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި، ސަރުކާރުގެ ގިނަ މަގާމުތަކެއްގައި ތިބި ފަރާތްތަކުން ވަނީ ރައީސް ސޯލިހު އަށް ތާއީދުކުރައްވާކަން ހާމަ ކުރައްވާފަ އެވެ.