ads
2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ވޯޓު ކަރުދާސް
ވޯޓު ދިނުމުގެ ހައްގު ލިބޭ މީހުންގެ އަދަދު 280،000 އަށް އަރާ
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް އިއުލާން ކޮށްފައިވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 އަށްވުރެ ގިނަ މީހުންނަށް ލިބޭ ކަމަށް އިލެކްޝަން ކޮމިޝަނުން މިއަދު ބުނެފި އެވެ.

ރިޔާސީ އިންތިހާބާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު އެ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 280،000 އަށްވުރެ ގިނަ ފަރާތްތަކަށް ލިބޭނެ ކަމަށެވެ.

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ، 262،135 މީހުންނަށެވެ. އެހެން ކަމުން މި އަހަރު އަލަށް 21،000 އަށްވުރެ ގިނަ ޒުވާނުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންދާނެ އެވެ. 

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި 600  ވޯޓު ފޮށި ބެހެއްޓުމަށް ކޮމިޝަނުން ނިންމާފައި ވާއިރު، މިދިޔަ ރިޔާސީ އިންތިހާބުގައި ބެހެއްޓީ 472 ވޯޓު ފޮއްޓެކެވެ. މިއަހަރު މާލޭގައި 145 ވޯޓު ފޮށި ބެހެއްޓުމަށް ނިންމާފައި ވާއިރު، ހުޅުމާލޭގައި 47 ވޯޓު ފޮށި އަދި ވިލިމާލޭގައި 10 ފޮއްޓެއް ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. 

މީގެ އިތުރުން އީސީ އިން ލަފާ ކުރާ ގޮތުގައި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ 50 ރިސޯޓެއްގައި ވޯޓު ފޮށިތައް ބެހެއްޓޭނެ އެވެ. އަދި ރާއްޖެއިން ބޭރުގައި ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ، 150 އަށްވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރުމުން ކަމަށް އެ ކޮމިޝަނުން ވަނީ މައުލޫމާތު ދީފަ އެވެ. 

މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް މިމަހުގެ 28 ވަނަ ދުވަހު ޕްރައިމެރީ ބާއްވާ އިރު، މި ޕްރައިމެރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ރައީސް މުހައްމަދު ނަޝީދު ވާދަކުރައްވަ އެވެ. 

އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އެޕާޓީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް އަރުވާފައި ވީނަމަވެސް، ވ. އާރަށު ހިޔާނާތުގެ މައްސަލަ ސާބިތުވުމާއި ގުޅިގެން އެމަނިކުފާނު މިހާރު ގެންދަވަނީ، 11 އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އެހެން ކަމުން މިހާރު އޮތް ގޮތުން އެމަނިކުފާނަށް މި ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ އެވެ. އެހެން ނަމަވެސް އިދިކޮޅު ކޯލިޝަނުން ވަނީ، މި ރިޔާސީ އިންތިހާބުގައި އެ ކޯލިޝަންގެ ފަރާތުން ވާދަކުރައްވާނީ ރައީސް ޔާމީން ކަމަށް ބުނެފަ އެވެ. 

މިި އިންތިހާބުގައި އެމްއެންޕީގެ ފަރާތުން އެ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމް ވާދަކުރައްވާނެ ކަމަށް ވަނީ އަޑުތައް ފެތުރިފަ އެވެ. ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޕާޓީތަކުން އަދި މިހާތަނަށް ކެނޑިޑޭޓަކު ނެރުމާއި މެދު ގޮތެއް ނިންމަވާފައި ނުވާއިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާޙިމް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް އެޕާޓީއިން ވަނީ މީގެ ކުރިން ދީފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް