ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ހަމައެކަނި އެމްޑީޕީގެ ތާއީދު އޮވެގެން ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެ އިންތިހާބު ކާމިޔާބު ކުރެވޭނީ ރައްޔިތުންގެ ތާއީދާއެކުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިއަދު ވިދާޅުވެފަ އެވެ. މިއަދު ބޭއްވި ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއާއެކު އިތުރު އެހެން ބައެއްގެ ތާއީދުވެސް ހޯދަން ޖެހޭ ކަމަށާއި، އެމަނިކުފާނު ނޫން އިތުރު އެހެން މީހަކަށް އެކަން ކުރެވޭނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބު ބާއްވާނެ ތާރީހު އިލެކްޝަން ކޮމިޝަނުން މިއަދު އިއުލާން ކޮށްފައިވާއިރު، މި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެއް ޕާޓީ ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން ގެންދަވަނީ ރައީސް ސޯލިހުގެ ސިޔާސަތުތަކަށް ތާއީދު ކުރައްވަމުންނެވެ. އަދި އެމްޑީޕީގެ ޕްރަމެރީ އާއި އަދާލަތުޕާޓީ އާއި ސީދާ ގުޅުން ނެތް ނަމަވެސް އެމްޑީޕީގެ ޕްރައިމެރީއަކި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ ކަމެއް ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާތްﷲ ގެ އިރާދަފުޅާއި އެކު މި އިންތިހާބުވެސް ކާމިޔާބު ކުރައްވާނީ، އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުން ކަމަށް ވިދާޅުވެފަ އެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު އިމްރާން ދެއްވާފައި ނުވާއިރު، ކޯލިޝަން ހެދުމަށް ވިސްނަވާފައި ވަނީ، ކޮން ސިޔާސީ ޕާޓީ އަކާއި އެކު ކަމެއް ވިދާޅުވެފައި ނުވެ އެވެ. އެހެން ނަމަވެސް ބޮޑަށް ބެލެވޭ ގޮތުގައި އަދާލަތު ޕާޓީއިން ކޯލިޝަން ހަދާނީ، އެމްޑީޕީ އާއި އެކު އެވެ.
މިނިސްޓަރު އިމްރާން މިފަދައިން ވިދާޅުވެފައި ވާއިރު، ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމެރީގެ ފޯރި ވަނީ ގަދަވެފަ އެވެ. ސަރުކާރުގެ ގިނަ ފަރާތްތަކުން ރައީސް ސޯލިހު އަށް މި ޕްރައިމެރީގައި ތާއީދު ކުރައްވާކަން އިއުލާން ކުރައްވާފައި ވާއިރު، ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ރާއްޖެއަށް ކުރިއެރުން ލިބިފައި ނުވާކަމަށް އެ ފަރާތްތަކުން ގެންދަނީ ބުނަމުންނެވެ.
އަދި ރައީސް ސޯލިހުގެ ވެރިކަމުގެ ދައުރު ހަމަވުމާއި ގާތްވެފައި ވާއިރު، ސަރުކާރު ކޯލިޝަން ދެމެހެއްޓުމުގައި ރައީސް ސޯލިހު ދައްކަވަމުން ގެންދަވަނީ، ފުރިހަމަ މިސާލެއް ކަމަށާއި، ރައީސް ނަޝީދު އަށް ކޯލިޝަން ސަރުކާރެއް ހިންގިފައި ނުވާކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.