
އެކަންކަން ހުއްޓުވޭނެ ގޮތެއް ނެތްތާންގައި ސޯޝަލް މީޑިއާގައި އެކަމާއި ދެކޮޅަށް އަޑު އުފުލާ މަދު މީހަކު ނޫނީ އެކަމާއި ނުރުހިގެން އެއްޗެއް ބުނާނެ މީހަކުވެސް ނެތެވެ. ދައްކަން މިއުޅެނީ ބިދޭސީން ތިބެގެން މަސާޖް ކުރުމުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރި ހިންގާ ވާހަކައެއް ނޫނެނެވެ.
މިފަހަރު މިއޮތީ ދިވެހި ވަންތަ ދިވެހިން ދިވެހިބޭސް ކުލިނިކުތަކުގައި މިކުޅޭ ކުޅިވަރުގެ ވާހަކައެވެ. މިކަން އެނގޭ މިމައުލޫމާތު ހުރި ވަރަށް ގިނަ ބަޔަކު ތިބިވެސް މެއެވެ. މީގެ ހައެއްކަ މަސް ކުރިން ދިމާވި ގާތް ރައްޓެއްސަކު "ދިވެހިބޭސް ކުލިނިކްގެ މަސާޖް" ގެ ވާހަކަ ދައްކަން ފެށުމުން އެކަން ގަބޫލެއް ނުކުރަމެވެ. އަދި އެހެން އެކަން ނުހިނގާނެކަމަށް ބުނެ އެވާހަކަޔަށް ބީރު ކަންފަތެއް ދިނީމެވެ.
ނަމަވެސް މީގެ ހަފްތާއެއް ކުރިން ދިމާވި އެހެން ރައްޓެއްސަކުވެސް ހަމަ މިމޭރުމުން މިވާހަކަ ދައްކަން ފެށިއެވެ. އަދި "ތީ ހާދަ ހީނުވާ ކަމެކޭ" ބުނުމުން އޭނާ ނެގީ ފޯނެވެ.
ދިވެހިބޭސް ކްލިނިކެއްގައި އުޅޭ އަންހެން ކުދިންގެ ފޮޓޯތައް އިސްތިހާރު ކޮށްފައި (ނޯޓް: ފޮޓޯތައްވަނީ ކާކުކަން ނޭންގޭވަރަށް އެޑިޓް ކޮށްފައި)
ގަބޫލުކުރަން ދެކޮޅު ހެދުމުން އޭނާގެ ފޯނު އެއްކޮށް ހާވާލާ ދައްކާލިއެވެ. ތެދެކެވެ. ދިވެހި ކުދިންނެވެ. ދިވެހިބޭސް ކުލިނިކެވެ. އެކަމަކު ޖަހަނީ އެހެން ސަކަރާތެކެވެ.
ހިތަށް އެރިއެވެ. މިކަން ޔަގީންވެސް ކޮށްލާނަމެވެ. އެހިސާބުން ރަށްޓެހި "ސޮރު" ކައިރީ އެމީހުނަށް މެސެޖް ކުރުމަށް އެދުނީމެވެ.
ހިތައް އެރިއެވެ. ސަހަރޯއެވެ. މިއޮތީވާ ގައުމެކެވެ. އިތުރަށް ރަހުމަތްތެރިޔާ ކައިރިން އަހާލުމުން އެނގުނުގޮތުގައި ޓްރީޓްމަންޓް ޖަހާަފައި ހުންނަ އަގުލިސްޓަކީ ކްލިނިކްގެ ކައުންޓަރަށް ދައްކާ އަގުތަކެވެ. އަދި 15 މިނެޓުން ނެގޭނީ ކޮންޓްރީޓް މަންޓެއްތޯ އޭނާއާއި ސުވާލުކުރުމުން ޖަހާލީ ހިނގަނޑެކެވެ.
އޭނާގާތު ޗެޓްލޮގްތައް ދެވިދާނެތޯ އެހުމުން، ސްކްރޯލް ކޮށްލާފައި ސްކްރީން ޕްރިންޓެއް ނަގާފައި ފޮނުވާލީ ތަންކޮޅެއް ކުރީގެ މަހެއް ދެމަހެއްވަރުގެ ކުރީގެ ޗެޓްލޮގެވެ. ސަބަބެއްކަމަށް ބުނީ އެދުވަހުގެ އެވަގުތުގެ ސްކްރީން ޕްރިންޓެއް ނަމަ އޭނާއެއީ ކާކުކަން އެނގިދާނެކަމެވެ.
ދިވެހިބޭސް ކުލިނިކަކުން ކައުންޓަރަށް ދައްކާ އަގުކަމަށް ބުނެ ގުރޫޕަކަށް ފޮނުވާފައިވާ މެސެޖެއް
"ދިވެހިބޭސް ކްލިނިކް" ނަމުގައި ހިނގިޔަސް ތަފާތަކީ "ސްޕާ" ނުކިޔާކަމެވެ. އިސްތިހާރު ކޮށް ގުރޫޕްތަކަށް ފޮނުވާފަ ހުންނަނީވެސް "ޓްރީޓްމަންޓްގެ ބަދަލުގައި، ޓްރީޓްމަންޓާއި ހަވާލުވާ ކުއްޖާގެ ފޮޓޮއެވެ.
މިވާހަކަ އެހެން މީހަކާއި ހިއްސާކޮށްލުމުން އޭނާވެސް ބުނީ މިއީ މިހާރު މާލޭގައި ފާޅުކަންބޮޑުގޮތެއްގައި ހިންގާ ކަމެއް ކަމަށެވެ. ބައެއް މީހުންގެ ނަމުގައި ތިން ހަތަރު ދިވެހިބޭސް ކްލިނިކް ހުންނައިރު އެއިން ތަނަކުން ދުވަހަކުވެސް ޑޮކްޓަރަކު ދިމާނުވާނެކަމަށް އޭނާ ބުންޏެވެ. އޭނާބުނީ ޑޮކްޓަރު ނެތަސް ހެނދުނު 9:00 އިން ރޭގަނޑު 11:00 އަށް ގިނަ "ދިވެހިބޭސް ކުލިނިކް" ތަކުގައި އެބުނާ ޓްރީޓްމަންޓް ދޭ ކަމަށެވެ.
ދިވެހިބޭސް ކްލިނިކެއްގެ ލޮކޭޝަން އެތަކުގައި އުޅޭ އަންހެން ކުއްޖަކާއިއެކު އިސްތިހާރު ކޮށްލާފައި (ނޯޓް: ފޮޓޯތައްވަނީ ކާކުކަން ނޭންގޭވަރަށް އެޑިޓް ކޮށްފައި)
ދިވެހިބޭސް ކުލިނިކްގެ ނަމުގައި މާލޭގައި މަސާޖްކުރާ ވަރަށް ގިނަ ތަންތަން ހުރިކަމަށް މައުލޫމާތު އެނގޭ ބައެއް މީހުން ކިޔައިދިނެވެ. އެ ތަންތަނުގައި މައިގަނޑު ގޮތެއްގައި ތިބެނީވެސް ދިވެހި ކުދިން ކަމަށާއި ނަމަވެސް ބައެއް "އެކަހަލަ ކުލިނިކް" ތަކުގައި ބިދޭސީން ވެސް މަދުމަދުން ތިބޭކަމަށް އެމީހުންބުނެއެވެ.
ދިވެހިބޭސް ކުލިނިކްގެ ނަމުގައި ހިންގާ ބައެއް ތަންތަނުގައި ފާހިޝް ކަންކަމަށް ދޮރު ހުޅުވިފައި ހުރި ނަމަވެސް މިއީ ހުރިހާ "ދިވެހިބޭސް ކުލިނިކް" ތަކެއްގެ ހާލަތެއް ނޫނެވެ. ހުޅުވާފައި ހުންނަ ވަގުތުތަކުގައި ޑޮކްޓަރުން ތިބެގެން ޑޮކްޓަރުންގެ އިރުޝާދާއިއެކު، އެއްވެސް ހަޑިމުޑުދާރު ފަހިޝްކަމެއް ނެތި ޕްރޮފެޝަނަލްކޮށް ހިދުމަތްދޭ "ދިވެހިބޭސް ކުލިނިކް" ތައްވެސް މާލޭގައި ހިންގައެވެ.