މި ބިންހެލުން އައިސްފައިވަނީ، ރާއްޖެގަޑިން ރޭ ދަންވަރު 04:00 ހާއިރު އެގައުމުގެ އަޗޭ ޕްރޮވިންސްގެ ސިންގްކިލް ސިޓީގެ އިރުދެކުނުގެ ކަނޑެ ސަރަހައްދަށް ކަމަށް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބުނެފަ އެވެ.
މި ބިންހެލުން އައިސްފައިވަނީ، އެ ސިޓީ އާއި 48 ކިލޯމީޓަރު ދުރުން އަދި 48 ކިލޯމީޓަރު އަޑިން ކަމަށްވެސް އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ވަނީ ބުނެފަ އެވެ.
މި ބިންހެލުމުގެ ސަބަބުން ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައި ނުވާ އިރު، ބިން ހެލުމުގެ ސަބަބުން ކޮންމެވެސް ވަރަކަށް އެ ސަރަހައްދުގެ ރައްޔިތުންނަށް ލޮޅުމެއްގެ އަސަރު ކުރި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ. މި ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓް އަދި މިހާތަނަށް އެގައުމުގެ އެއްވެސް އިދާރާއަކުން ކޮށްފައި ނުވެ އެވެ.
މިމަހުގެ 10 ވަނަ ދުވަހުވެސް އެގައުމަށް ވަނީ ބިންހެލުމެއް އައިސްފަ އެވެ. 7.7 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން، އެގައުމުގެ ބައެއް ސަރަހައްދުތަކަށް ސުނާމީއެއްގެ އިންޒާރު ނެރުނު ނަމަވެސް ފަހުން އެ އިންޒާރު ވަނީ ނަގާފަ އެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓަ އެޖެންސީއާއި ހަވާލާދީ ބޭރުގެ ރިޕޯޓުތައް ބުނާގޮތުން، މި ބިން ހެލުމާއި ގުޅިގެން ދެ ސްކޫލަކާއި، 15 އެއްހާ ގެ އަށް ގެއްލުންވެ، އެކަކަށް އަނިޔާވެފައި ވެއެވެ. 7.0 މެގްނިޓިއުޑްގެ ބާރުމިނުގައި އަންނަ ބިން ހެލުންތަކަކީ ދެވަނަ އަށް އެންމެ ބާރުގަދަ ބިން ހެލުންތަކެެވެ. މިފަދަ ބިން ހެލުންތަކުގައި ބޮޑު ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާކަން ރިޕޯޓުކުރެވިފައިވެ އެވެ. އެންމެ ބާރުގަދަ ބިން ހެލުންތަކަކީ 8.0 އިން ފެށިގެން މަތިން އަންނަ ބިން ހެލުންތަކެވެ.
އިންޑޮނޭޝިއާގެ ސުމަޓްރާ ސަރަހައްދަކީ އެންމެ ގިނަ އަދަދަކަށް ބިންހެލުން އަންނަ އެއް ސަރަހައްދު ކަމަށްވާއިރު، 2004 ވަނަ އަހަރު އެގައުމުގެ ސުމަޓްރާއަށް 9.1 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގެ އަސަރު ރާއްޖެ ހިމެނޭހެން އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކަށް ވަނީ ކޮށްފަ އެވެ.