ޖީ20 ފިނޭންސް މިނިސްޓަރުންގެ "ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓު" ގެ ވާޗުއަލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓާ އޮފް ފިނޭންސް ޝޭހަން ސެމާސިން ވަނީ ވިދާޅުވެފައިވަނީ އައިއެމްއެފްގެ އެހީ ކަށަވަރުވެފައި ވީނަމަވެސް، އެހީ ލިބުން ލަސްވަމުންދާތީ މާލީ ގޮތުން ދަތިތަކާ އެ ގައުމުން ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ގައުމުގެ ރިލީފް ޕެކޭޖް ވަރުގަދަ ކުުރުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން ކުރަމުން ދިޔަ ނަމަވެސް ގައުމުގެ އިގުތިސޯދީ ހާލަތާ ގުޅިގެން އެ ކަމުގެ ނޭދެވޭ އަސަރު ރައްޔިތުންނަށާއި ވިޔަފާރިތަކަަށް ކުރިމަތިވަމުންދާ ކަމަށާއި ދުވަހެއް ދުވަހަކަށް އެ ބުރަ ބޮޑުވަމުންދާ ކަމުގައެވެ.
"އަޅުގަނޑުމެންގެ ބައިވެރިންގެ އެހީތެރިކަމާ އެކު ރުހުން ލިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެންނަށް އެބައޮތް. އެހެންނަމަވެސް ފަންނީ ކަންބޮޑުވުންތަކާ ހުރެ އެހީ ދިނުމުގައި ލަސްވަމުންދާ ދިއުމަކީ ގައުމުގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމެއް،" އެ ގައުމުން ބެއިލްއައުޓް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސެމާސިން ވިދާޅުވިއެވެ.
އައިއެމްއެފް އާއެކު ކުރިޔަށް ގެންދިޔަ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އެ ގައުމުން މާލީ ޔަގީންކަން ހޯދުމަށް މަސައްކަތް ކުރަމުންދާ ދެ ގައުމުގެ ފަރާތުންވެސް އެ ޔަގީން އަދި ނުލިބޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މާލީ ޔަގީންކަން ވީހާވެސް އަވަހަކަށް ހޯދުމަށް އެ ގައުމުން ވަނީ އިންޑިއާ އަދި ޗައިނާ އާއެކު މަޝްވަރާތައް ފަށާފައެވެ. އައިއެމްއެފުން ވަނީ އެ ދެ ގައުމާ އެކު އެއްބަސްވުމަކަށް އައުމުން ނޫނީ މާލީ އެހީ ސްރީ ލަންކާ އަށް ނުދެވޭނެ ކަމަށް ބުނެފައެވެ.