ads
ރައީސް ނަޝީދު
ޕޮލިޓިކްސް ރައީސް ނަޝީދު ރިޓަޔާކުރައްވަނީތަ؟
ސޯޝަލް މީޑިއާގައި ހޯމަ ދުވަހު އާއްމުވީ ވީޑިއޯއަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން އެ މަނިކުފާނު ބަލިވެއްޖެ ނަމަ ވާދަވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އިދިކޮޅު ޕީޕީއެމާއެކު ވެސް ނުހުންނަވާނެކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ވީޑިއޯ އެކެވެ. މި ވީޑިއޯއާކު ހިތުގައި އުފެދޭ ސުވާލަކީ ރައީސް ނަޝީދު ސިޔާސީ ކަންކަމުން ރިޓަޔަ ކުރައްވަނީތޯއެވެ؟
Advertisement

ޝައްކެއްވެސް ނެތް ގޮތުގައި ރައީސް ނަޝީދަކީ މިވީހާ ދުވަހު ވެސް އެމްޑީޕީގެ މައި ތަނބެވެ. ރައީސް ނަޝީދު ބޭނުން ގޮތަކަށް އެމްޑީޕީގެ ހުރިހާ ކަމެއް މީގެ ކުރިން އައީ ފުރޮޅެމުންނެވެ. އެކަމަކު މިއަދު ފެންނަން އޮތް ހަގީގަތަކީ އެކަން ބަދަލުވެއްޖެއެވެެ. ނުވަތަ ބަދަލުވާން ފަށައިފިއެވެ. 

އެމްޑީޕީގެ ޗެއާޕާސަންކަމުގެ އިންތިހާބާ، ޕީޖީ ގްރޫޕުގެ އިންތިހާބަކީ އަދި އެ ނޫން ވެސް މި ފަހުން އެމްޑީޕީގެ އެތެރޭގެ މަގާމުތަކުގެ އިންތިހާބުތަކަކީ އެކަމުގެ އަލިގަދަ ހެކިތަކެވެ. މިހާރު ކުރިއަށް މިދަނީ އެމްޑީޕީގެ ތެރޭގައި ރައީސް ނަޝީދުގެ މަގްބޫލުކަމާ އާރާއި ބާރު އޮތްވަރު ވެސް އެނގިގެންދާނެ އިންތިހާބެއްގެ ކެމްޕެއިނެވެ. 

ރައީސް އިބްރާހީމް މުހައްމަދު ސާލިހާ ވާދަކޮށް ސާފުކޮށް މޮޅުވާނެ ކަމަށް ނަޝީދު ވިދާޅުވަމުން ދިޔަނަމަވެސް އެ ނޫން ގޮތަކަށް އެކަން ހިނގައްޖެނަމަ ދެން ހުންނަވާނީ ގޭގައި ކަމަށް ނަޝީދު ވިދާޅުވާ ވިދާޅުވުމުން ނެގޭ މާނައަކީ ސިޔާސީ ކަންކަމުން ރިޓަޔާ ކުރެއްވުމެވެ. އިދިކޮޅު ޕީޕީއެމާއެކު ނުހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވެއްޖެއެވެ. އަދި ނަޝީދު ބޭނުންފުޅުވިނަމަވެސް ޕީޕީއެމުން ނަޝީދަށް މަރުހަބާ ކިޔާނެ ކަމެއްވެސް ނޭނގެއެވެ. 

ދެން އޮތީ އިންތިހާބަަށް ފަހު އެމްޑީޕީގައި ނަޝީދުގެ އާރާއި ބާރާ މެދު ކުރެވޭނެ ސުވާލެވެ. ކެމްޕެއިންގެ ފޯރި ގަދަވެފައިވާ މިންވަރުން އިންތިހާބުން ބަލިވެގެން ނަޝީދަށް ދެން އެމްޑީޕީއާއެކު ކުރިއަށް ދެވިދާނެ އެއްވެސް ފުރުސަތެއް އޮތް ކަމަކަށް ނުފެނެ އެވެ. އިބްރާހިމް މުހައްމަދު ސާލިހުގެ ހިތްތިރިކަމުން ނަޝީދަށް މަރުހަބާ ވިދާޅުވި ނަމަވެސް އެމްޑީޕީގެ އިސް އެހެން މެންބަރުންގެ ހިތް ހަލާސް ރައީސް ނަޝީދަށް ލިބޭނެތޯ އެއީ ސުވާލެކެވެ. ގްރާސްރޫޓު އޮތް ގޮތެއް ސާފުކޮށް މި އިންތިހާބުން އެނގޭނެ އެވެ. 

ފަހު ސިނާރިއޯއަކީ ރައީސް ނަޝީދު ގިނިކަންޏާ ރިޔާސީ އިންތިހާބަށް ނުކުންނެވުމެވެ. މިހާތަނަށް އިންތިހާބުތަކުން ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އެއަކަަށް އެކަނި ރިޔާސީ އިންތިހާބެއް ކާމިޔާބެއް ނުކުރެވޭނެ އެވެ. އެކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅަކީ ވެސް ހުދު ރައީސް ނަޝީދު އެވެ. ހަމައެއާއެކު ސިޔާސީ އެއްވެސް ލީޑަރަކު ރައީސް ނަޝީދުގެ އަތުގައި ހިފައިގެން އިންތިހާބަކަށް ނުކުންނާނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. 

މި ހުރިހާ ހިސާބެއް ޖަހައި ނިމޭއިރު، ފެންނަ މަންޒަރަކީ ރައީސް ނަޝީދު ބާކީވާ މަންޒަރެވެ. އެކަނިވާ މަންޒަރެވެ. އެހެން ވެއްޖެ ނަމަ ގޭގައި ހުންނަވާނެ ކަމަށް ނަޝީދުގެ ވީޑިއޯގައި އެ ވިދާޅުވާ ހާލަތުގެ ތަރުޖަމާއަކީ ސިޔާސީ ކަންކަމުން ރިޓަޔާ ކުރެއްވުމެވެ. 

50%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް