
މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް އަދި ބޭސްފަރުވާގެ އިނާޔަތްތައް ކަނޑާލުމަށް ގޮވާލާ ޕެޓިޝަނެއްގައި ގިނަ ބަޔަކު ސޮއިކުރަމުންދާ ދަނޑިވަޅެއްގައި އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް މިކަން ފާހަގަކޮށްފައިވަނީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
ފަލާހް ވިދާޅުވީ މަޖިލިސް މެންބަރުންގެ މުސާރަ ކުޑަކުރުމަކީ ގޯސް ހިޔާލެއް ނޫން ނަމަވެސް، އެކަން ކުރަންވާނީ ދައުރެއް ނިމި އާ ދައުރެއްގެ އިންތިހާބަށް ކަމަށެވެ.
އާ ދައުރަކަށް މެންބަރުން ހޮވާއިރު މުސާރަ ކުޑަކޮށްފިނަމަ އެކަމުގެ ޝަކުވާ އެ މެންބަރުންނަށް ކުރެވެން ނޯންނާނެކަމަށް ވެސް ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާހް އިތުރަށް ވިދާޅުވީ، މަޖިލިސް މެންބަރުންގެ މުސާރައިގެ ވާހަކަ ދެކެވޭއިރު ކުރީގެ ރައީސުންނަށް ދޭ އިނާޔަތާއި ފަނޑިޔާރުންގެ މުސާރައިގެ ވާހަކަވެސް ޕެޓިޝަނުގައި ހިމެނުން މުހިންމުކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ހަދަން އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ފާސްކޮށް އެކަންކުރަން އުޅެފައި އޮތްކަން ފެންނަން އޮތްކަމަށްވެސް ފަލާހް ވިދާޅުވިއެވެ. އެކަން ހުއްޓުވީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މުސާރައިގެ ދެބައިކުޅަ އެއްބައި ނަންގަވާތީ ފަލާހްގެ ޕޯސްޓްގައި ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. މިހާރު އޮންލައިންކޮށް ސޮއިކުރުން ކުރިއަށްދާ ޕެޓިޝަނުގައި ގިނަ ބަޔަކު ސޮއިކޮށްފައިވާކަން ފާހަގަކުރެވެއެވެ.