އެމްއެމްއޭ އިން ބުނެފައިވަނީ އެ މަސައްކަތާ އެކު، އެ އޮތޯރިޓީން ބޭންކުތައް މެދުވެރިކޮށް އާންމުންނަށް ފޯރުކޮށްދެމުންދާ ޑޮލަރު ދިނުމުގައި އަމަލު ކުރަމުންދާ އުސޫލަށް އިސްލާހުތަކެއް ގެނެވޭނެ ކަމަށާއި ލުއިފަސޭހަ ގޮތަކަށް ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ބޭނުންވާ ޑޮލަރު ލިބޭނެ ލުއިފަސޭހަ އިންތިޒާމެއް ހަމަޖެއްސުމުގެ މަސައްކަތް އެމްއެމްއޭ އިން ފަށާފައި މިވަނީ ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުމުގެ އުސޫލު މިފަހުން ހަރުކަށިކޮށްފައި ވުމާ އެކު، އެކަމަށް ލުޔެއް ހޯއްދަވައިދެއްވުމަށް އެމްއެމްއޭ އާއި ބީއެމްއެލްގެ ކިބައިން ރައީސް ސޯލިހު އެދިވަޑައިގެންފައިވަނިކޮށެވެ.
ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުން ނުވަތަ ޓީޓީ ހެދުމުގެ އުސޫލު ބޭންކުތަކުން ހަރުކަށިކޮށްފައިވަނީ އެމްއެމްއޭ އިން ބޭންކުތަކަށް ފޯރުކޮށްދެމުން ދިޔަ ޑޮލަރުގެ އަދަދު މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަދުކުރުމާ ގުޅިގެންނެވެ.
މި ބަދަލާ ގުޅިގެން ބީއެމްއެލުން ވެސް ވަނީ ރާއްޖެ އިން ބޭރުގައި ކިޔަވަން ތިބޭ ދަރިވަރުންނަށް ފައިސާ ފޮނުވުން ލިމިޓްކޮށްފައެވެ. ބީއެމްއެލުން ބުނެފައިވާ ގޮތުގައި މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޓިއުޝަން ފީ އާއި ލިވިން އެލަވަންސަށް ވާ ޑޮލަރު ދޫކުރާނީ އޭ ލެވެލް އިން މަތީގެ ޓާޝަރީ ފުލްޓައިމް ދަރިވަރުންނަށާއި އޭވިއޭޝަނާއި ލޯ ގެ އިތުރުން މެޑިސިން ފަދަ ޕްރޮފެޝަނަލް ދާއިރާތަކުން ކިޔަވާ ދަރިވަރުންނަށް އެކަނި ކަމުގައެވެ.