ލިމް ހެންގް މިހެން ހާމަކޮށްފައި ވަނީ ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރެވޭނެ ދާއިރާތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިއްޔެ ބޭއްވި ބިޒްނަސް ފޯރަމްގައެވެ.
"މޯލްޑިވްސް-ކެމްބޯޑިއާ ބިޒްނަސް ފޯރަމް" ގައި ވާހަކަދައްކަވަމުން ލިމް ހެންގް ވިދާޅުވީ، ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ގޮތުން ގުޅުން ބަދަހިކުރެވޭނެ ގިނަ ދާއިރާތަކެއް އެބަހުރި ކަމަށާއި އޭގެތެރެއިން އެއް ދާއިރާ އަކީ މަސްވެރިކަމުގެ ދާއިރާ ކަމަށެވެ.
ރާއްޖޭގައި އުފައްދާ މަހުގެ ބާވަތްތައް ކެމްބޯޑިއާ އަށް އެތެރެކުރުމުން، ދެ ގައުމަށް ވެސް ގިނަ ފައިދާތަކެއް ވާނޭ ކަން ފާހަގަކުރައްވާ ލިމް ހެންގް ވިދާޅުވީ، ރާއްޖޭގެ މަހުގެ ބާވަތްތައް ކެމްބޯޑިއާ އަށް ބޭރުކުރުމުން އެ ގައުމުގެ ފަތުރުވެރިކަން އިތުރަށް ކުރިއަރާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގައުމަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި މަހުގެ ބާވަތްތަކުގެ ޑިމާންޑް ވަރަށް ބޮޑު ކަމުގައެވެ.
ރާއްޖެ އެކޭ އެއްފަދައިން ކެމްބޯޑިއާ އަކީ ވެސް އިގުތިސޯދީ ގޮތުން ކުރިއަރަމުން އަންނަ ގައުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ލިމް ހެންގް ވިދާޅުވީ އެ ގައުމުގެ އިގުތިސޯދު މިދިޔަ އަހަރު 5.5 އިންސައްތަ އަށް ކުރިއަރާފައިވާ ކަމަށާއި މި އަހަރު އެ ގައުމުގެ އިގުތިސޯދު 7 އިންސައްތަ އަށް ކުރިއަރާނެ ކަމަށެވެ. ކެމްބޯޑިއާ އިން މަސައްކަތް ކުރާނީ އިގުތިސޯދީ ގޮތުން ދެ ގައުމަށް ވެސް ފައިދާ ކުރާނެ ގޮތަށް ކަމަށް ލިމް ހެންގް ވިދާޅުވިއެވެ.
ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޗެމްބަ އޮފް ކޮމާސް އެންޑް އިންޑަސްޓްރީޒް އާއި ކެމްބޯޑިއާ ޗެމްބަ އޮފް ކޮމާސް އާ ދެމެދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ބޯޑް މެންބަރު މުހައްމަދު އިކްރާމް އިބްރާހިމެވެ. ކެމްބޯޑިއާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކެމްބޯޑިއާ ޗެމްބަ އޮފް ކޮމާސްގެ ރައީސް ނިޔެކް ކިތް މިޔެންއެވެ.
މި އެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރުކޮށް، އިންވެސްޓްމަންޓްތައް ފުޅާކުރުމާ އެކު، ސިނާއީ ވިޔަފާރިތަކާއި އިގުތިސޯދީ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ފުރުސަތުތައް ހުޅުވިގެންދާނެއެވެ.