ads
މާލޭ ސިޓީ ކައުންސިލުން ފަށާ ބަގީގެ ހިދުމަތަައް ރާއްޖެ ގެންނަން ތައްޔާރުވަމުންދާ ބަގީތައް---ފޮޓޯ:މާލޭ ސިޓީ ކައުންސިލް
މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތް އަންނަ މަހު ފަށަނީ
މާލޭ ސިޓީ ކައުންސިލުން ވިލިމާލޭގައި ފަށަން ތައްޔާރުވަމުންދާ ބަގީގެ ހިދުމަތް އަންނަ ފެބްރުއަރީ މަސްތެރޭ ފެށޭނެ ކަމަށް އެ ކައުންސިލުން ބުނެފި އެވެ.

ވިލިމާލޭގައި އިލެކްޓްރިކް ބަގީގެ ހިދުމަތް މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ފެށުމަށް ނިންމީ މިދިޔަ އަހަރުގެ އޯގަސްޓް 17 ވަނަ ދުވަހު އެ ކައުންސިލުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގަ އެވެ. 

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ، އެކަމަށް ބޭނުންވާ 10 ބަގީ މިމަހު ފަހުކޮޅު މާލެ ގެނެވޭނެ ކަމަށެވެ. އަދި ފެބްރުއަރީ މަހުގެ ކުރީކޮޅު ހިދުމަތް ފެށޭނެ ކަމަށް ބުންޏެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނެވޭ ބަގީތަކުގެ ތެރޭގައި:

  • މުދާ ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި ލެވޭގޮތަށް ހެދިފައިވާ 2 ބަގީ ހިމެނޭ
  • ކުއްލި ހާލަތް ތަކުގައި އިމަޖެންސީކޮށް ބަލިމީހުންނަށް ދަތުރު ކުރެވޭނެ ގޮތަށް ހެދިފައިވާ 1 ބަގީ ހިމެނޭ
  • 4 ސީޓުގެ 3 ބަގީ ހިމެނޭ
  • 6 ސީޓުގެ 3 ބަގީ ހިމެނޭ
  • 12 މީހުންގެ ކެޕޭސިޓީ ހިމެނޭ 1 ބަގީ ހިމެނޭ

ސިޓީ ކައުންސިލުން ބުނީ، މި ބަގީ ތަކަކީ ބެޓެރީ ލައިފް ގިނަވަގުތު ހިފެހެއްޓޭނެ ގޮތަށް ހެދިފައިވާ ވިލިމާލޭގެ މާހައުލާއިވެސް ގުޅޭގޮތަށް ފަރުމާކުރެވިފައިވާ ބަގީތަކެއް ކަމަށެވެ. 

ވިލިމާލޭގެ ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ރައްޔިތުން އެދޭގޮތަށް ދިނުމަށް ހަމަޖެހިފައިވާ އެ ހިދުމަތާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މާލެ ސިޓީ ކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނައިގެން ވިލިމާލޭގެ ރައްޔިތުން އެދޭ އަމާޒަށް ވާސިލްވުމަށްޓަކައި، ކުރެވޭ މުހިންމު މަސައްކަތެއްކަމަށެވެ.

"އިރާދަކުރެއްވިއްޔާ މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ބަގީގެ ހިދުމަތްދޭނީ ވިލިމާލޭގެ ރައްޔިތުން އެދޭގޮތަށް ވިލިމާލޭގެ މާހައުލާއި ގުޅޭގޮތަށް،" މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭގައި އާންމު ދަތުރުފަތުރަށް އާންމުން ބޭނުން ކުރަނީ ބަގީގެ ހިދުމަތެވެ. އިންޖީނުލީ އުޅަނދުތައް ބޭނުންކުރުމުގެ ހުއްދައެއް ނޯވެ އެވެ. ސިޓީ ކައުންސިލްގެ މިދިޔަ ދައުރުގައި އެރަށުގައި ބަގީގެ ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އިމްޕްރިންޓް ނަމަކަށް ކިޔާ ކުންފުންޏަކާއި ނަމަވެސް، އެ ކުންފުނިން އެއްގޮތަކަށް އެ ހިދުމަތް ނުދޭތާ ހަތަރު މަސް ވެއްޖެ ކަމަށް އެކައުންސިލްގެ ވިލިމާލޭ މެންބަރު ނަހުލާ މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އެހެންވެ، އެ ހިދުމަތް އެކުންފުނީގެ އަތުން ނަގާ، ސީދާ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން އެ ހިދުމަތް ދޭން މިހާރު އެ ކައުންސިލުން އޮތީ ނިންމާފަ އެވެ.

މާލޭ ސިޓީ ކައުންސިލުން މަސައްކަތް ކުރަމުންދަނީ، ބެޓެރި ނުވަތަ ކަރަންޓު އުޅަނދުތައް ބޭނުންކޮށްގެން ވިލިމާލޭގެ މާހައުލާއި ގުޅޭ ޕަބްލިކް ޓްރާސްޕޯޓު ހިދުމަތެއް އެތަނުގައި ދިނުމަށެވެ. އެކަމަށްޓަކައި ބަގީ ހިދުމަތް ފަށަން، ބަގީ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން މާލޭ ސިޓީ ކަައުންސިލުން އިއުލާންކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަސްތެރެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް