
އޯލެވެލް ފެށެން ތިން މަހަށްވެފައިވާއިރު، ގުރޭޑު 10 އަކަށް ދިވެހި މާއްދާ ކިޔަވައިނުދޭތާ އަހަރެއް ވެފައިވާ ކަމަށާއި، ދިރާސީ އާ އަހަރު ފެށުނުއިރު ބޭސްފަރުވާއަށް ދިޔަ ގޮތަށް، ދިވެހި ޓީޗަރު އަދިވެސް ހުރީ އިންޑިއާގައި ކަމަށް ބުނެ ބެލެނިވެރިޔަކާއި ހަވާލާދީ މީޑިއާއަކުން މިއަދު ރިޕޯޓު ކޮށްފައި ވެއެވެ.
އެމައްސަލާގައި ރޭގެ ވަގުތެއްގައި އިހުތިޖާޖުކޮށް، ދަރިވަރުން ސްކޫލަށް ގެންދިއުން މިހާރު ހުއްޓާލާފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ.
މިކަމާއި ގުޅިގެން "ސީއެންއެމް" އާއި ވާހަކަދައްކަވަމުން އެރަށު ސްކޫލުގެ ޕްރިންސިޕަލް ޝަމީމް މިއަދު ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ވާހަަކަތަކެއް ކަމަށެވެ. ޝަމީމް ވިދާޅުވީ، ދިވެހި މާއްދާ އެ ސްކޫލުގައި ކިޔަަވައި ނުދޭތާ އަހަރެއް ވެފައި ނުވާ ކަމަށާއި، ދިވެހި މާއްދާގެ ކްލާސްތައް މެދުކެނޑުނީ ހަފްތާ އަކަށް ކަމަށެވެ. އަދި މިހާރު އެކްލާސްތައް އަލުން ފަށާފައިވާ ކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
ގާނޫނުތަކުން ކޮންމެ މުވައްޒަފަކަށްވެސް ލިބިދެވޭ ސަލާމް ބުނުމުގެ ހައްގުގެ ތެރެއިން ޓީޗަރު ނެންގެވި ހަފްތާއެއްހާ ދުވަހަކީ، އަހަރު ދުވަސް ކަމަށް ބަލައި ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ފަތުރަނީ، ސިޔާސީ މަގުސަދުތަކެއް ހާސިލުކުރުމަށް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، އިމްތިހާން ކައިރިވެފައިވާ ދުވަސްވަރެއްގައި އެންމެ ކްލާހެއް ގެއްލުނަސް އެކަމާއި ބެލެނިވެރިން ކަންބޮޑުވާނެ ކަމަށާއި، އެ ކަންބޮޑުވުންތައް ބެލެނިވެރިން ފާޅުކުރި ކަމަށެވެ. އެކަމަކު، އިހްތިޖާޖުކޮށް، ކިޔަވައިދެމުންދަނިކޮށް ދަރިވަރުން ގޮވައިގެން ބެލެނިވެރިން ގެއަށް ގޮސްފައި ނުވާ ކަމަށާއި، ސްކޫލަށް ގެނައުން ހުއްޓާލާފައިވެސް ނުވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ، ދިމާވާ ކަމެއްގެ ސަަބަބުން ޓީޗަރަށް ސްކޫލަށް ހާޒިރުނުވެވި، އެއްވެސް މާއްދާއެއްގެ ކްލާހެއް ގެއްލޭނަމަ، އެގެއްލޭ ދުވަހެއްގެ ފިލާވަޅުތައް އެ ޓީޗަރަކު ނަގާ ދެއްވާނެ ކަމަށެވެ. ނަމަވެސް ބައްޔެއްގެ ސަބަބުން ސަލާމް ނެންގެވުމަކީ ޓީޗަރަކަށް ނަމަވެސް، ގާނޫނުތަކުން ލިބިދެވޭ ހައްގެއް ކަން ޝަމީމް ފާހަގަކުރެއްވި އެވެ.
ފޯކައިދޫ ސްކޫލުގެ ގްރޭޑް 10 ގައި ޖުމަލް 30 ކުދިން ކިޔަވަމުން ދެއެވެ.