ސައުދީ އެއާލައިނުން ބުނީ، އެ އެއާލައިނުން ސައުދީ އަރަބިއްޔާއަށް ދިއުމަށް ޓިކެޓް ގަންނަ ފަރާތްތަކަށް ހިލޭ ޓްއަރިސްޓް ވިސާއެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
އެގޮތުން އެއާލައިނުން ޓިކެޓް ނަގާހިސާބުން އެމީހަކަށް ހަތަރު ދުވަހުގެ ވިސާއެއް ލިބޭނެ އިންތިޒާމު ހަމަޖައްސުމަށް ކަމާބެހޭ އިދާރާތަކާއި މަޝްވަރާކުރަމުން ގެންދާކަމަށް ސައުދީ އެއާލައިނުން ބުނެއެވެ.
ސައުދީ އިމިގްރޭޝަނާއި ފޮރިން މިނިސްޓްރީ އަދި ހައްޖު އެންޑް އުމްރާ މިނިސްޓްރީއާއި މިހާރު މަޝްވަރާ ކުރަމުން ގެންދާކަމަށާއި ހުއްދަ ލިބުނުހާ އަވަހަކަށް އެކަން އިއުލާނު ކުރެވޭނެކަމަށްވެސް ސައުދީ އެއާލައިނުންވަނީ ބުނެފައެވެ.
ހަތަރު ދުވަހުގެ މި ވިސާގައި އެމީހަކަށް އުމްރާ ކުރުމުގެ ހުއްދަވެސް ލިބިގެންދާނެކަމަށް ސައުދީ އެއާލައިނުން ބުނެއެވެ.