ލިބޭ ޗުއްޓީ ދުވަހު އާއިލާ އާއެކު ހިތްހަމަ ޖައްސާލަން ދާނެ ރަށެއް މާލެ ސަރަހައްދުގައި ނެތް ކަމުގެ ޝަކުވާއެވެ. ރަހުމަތްތެރިންނާ އެކު ހިތް އުފާކޮށްލަން ހަފުތާ ބަންދުގައި ޖައްސާލާނެ ރަށެއް ނެތް ކަމުގެ ޝަކުވާއެވެ. އެކުގައި ކިޔަވަން އުޅޭ ކުދިންނާ އެކު ހަމަޖެހިލަން ދެވޭނެ ރަށެއް ނެތް ކަމުގެ ޝަކުވާއެވެ. އޮފީހުގައި އެއްކޮށް އުޅޭ މީހުންނާ އެކު އިޖުތިމާއީ ގުޅުން ބަދަހިކޮށްލަން ގޮސްލާނެ ރަށެއް އަމުދުން މާލެ ސަރަހައްދުގައި ނެތް ކަމުގެ ޝަކުވާއެވެ. މިހާރު މި ވަނީ ގާތްގަނޑަކަށް އެ ހުރިހާ ޝަކުވާތަކަކަށް ނިމުމެއް އައުމާ ދާދި ކުޑަތަންވެފައެވެ.
ކުޑަގިރި ތަރައްގީ ކުރުން
ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފެށުނު މަޝްރޫއެކެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. އެގޮތުން މާލެ އާ މާ ދުރު ނޫން ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ރަށާއި އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ މަސައްކަތާ އެކު ކުރަން ފެށުނެވެ.
ސަރުކާރާއި އެޗްޑީސީ ގުޅިގެން ރަށް ހުޅުވުމުގެ މަސައްކަތްތައް ކުރިޔަށް ދާއިރު، މިހާރު ވަނީ އެ ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލެވި ރަށް އާންމުންނަށް ހުޅުވާލެވޭ ވަރަށް ތައްޔާރުވާން ފެށިފައި ކަމަށް އެޗްޑީސީން ބުނެއެވެ.
ކުޑަގިރިއަށް ދާން ބޭނުން، އެހެންވީމަ
ކުޑަގިރިއަށް ދިއުމަށް މާގިނަ ވަގުތެއް ނުނަގާނެއެވެ. މާލެއިން ފުރައިގެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓުގެ ތެރޭގައި ކުޑަގިރި އަށް ދެވޭނެއެވެ. ހުޅުމާލެ އިން ފުރިޔަސް ދަތުރަށް ހޭދަވާނީ ވިއްސަކަށް މިނެޓެެވެ. އެހާ ވެސް ކައިރިއެވެ. ކުޑަގިރިއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ރަށަށް ދިއުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ. މާލެއިން ދާން ބޭނުންވިޔަސް އަދި ހުޅުމާލެ އިން ކަމަށް ވީ ނަމަވެސް އެޗްޑީސީން އެ އިންތިޒާމު ހަމަޖައްސައިދޭނެއެވެ. އެޗްޑީސީން ވަނީ މާލެ އާއި ހުޅުމާލެ އިން ވެސް އެރަށަށް ދިއުމަށް ޓިކެޓް ގަންނަން ލިބޭނެ ގޮތް ފަހިކޮށްދީފައެވެ.
ފަޅެއް ހިއްކުމުން ކުޑަގިރިއަކީ ފަސްގަނޑެއް
ނޫނެކެވެ. އެޗްޑީސީން ވަނީ ދަތުރުދާ ފަރާތްތަކަށް ބޭނުންވާނެ ގިނަ ވަސީލަތްތަކާއި ހިދުމަތްތައް ލިބޭނޭ ވަރަށް ރަށް ތައްޔާރުކޮށްފައެވެ. އާންމުންނަށް ބޭނުންވާނެ އަސާސީ ކަންކަމުން ފެށިގެން އިތުރު އެހެން ވަސީލަތްތަކާ އެކު ކުޑަގިރި ވާނީ މީގެ ކުރިން ދަތުރު ދިޔަ ރަށްތަކާ ތަފާތު ރަށަކަށެވެ. ރަށުގައި ފާހާނަ ބަރިއަކާއި ޗޭންޖިން ރޫމުގެ އިތުރުން ނާސިންް ރޫމެއް ވެސް ގާއިމުކޮށްފައިވެއެވެ. އެ ކޯޕަރޭޝަނުން ބުނި ގޮތުގައި ނާސިން ރޫމް ގާއިމުކުރެވިފައިވަނީ ކުޑަކުދިންގެ ނެޕީ ބަދަލުކޮށް، ތުއްތު ކުދިންނަށް ގާތުންދިނުން ފަދަ ކަންކަން ފަސޭހައިން ކުރެވޭނެ ފަދަ އިންތިޒާމުތަކާ އެކުގައި ކަމުގައެވެ.
ކުޑަގިރީގައި މިސްކިތަކާއި ކްލިނިކެއް ހުރެއެވެ. ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން ކެފޭއެއް ވެސް ގާއިމުކުރެވިފައިވެއެވެ. ރަށުން ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭ ގޮތަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަނީ އެ މަސައްކަތްތައް ފުރިހަމަކޮށްފައެވެ.
ކުޑަގިރީގައި ގޮތް ހުސްވެގެން އުޅޭކަށެއް ނުޖެހޭނެ
އެ ރަށަށް ދަތުރުދާ ފަރާތްތަކަށް ހާއްސަކޮށްގެން އާންމު ބޭނުންތަކަށް ބޭނުންކުރެވޭނެހެން 17 އަށި ހަދާފައި ހުރެއެވެ. އެއީ ކުޑަ 13 އަށްޓަކާއި ބޮޑު ހަތަރު އަށްޓެވެ. އަށިތައް ހަދާފައި ވަނީ ކެއްކުމަށް ވަކި ދިމައެއް ބޭނުން ކުރެވޭ ގޮތަށާއި ކެއުމަށް ވަކި ދިމައެއްގައި ތިބެވޭ ގޮތަށެވެ. ސިންކު ހަރުކޮށް، ކަރަންޓު ލިބޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އެހާވެސް ފުރިހަމައަށެވެ. ރަށުގެ އެކި ދިމަދިމާލުގައި މަޑުކޮށްލައިގެން ތިބެވޭ ގޮތަށް ހިޔާކޮށްފައިވާ ހަޓުތައް ހުރެއެވެ. މީގެ އިތުރަށް ޑޭ ޔޫސް ރޫމްގެ ގޮތުގައި ބޭނުންކުރުމަށް 12 ރޫމެއް ލިބޭނެ ގޮތަށް ކަނޑައަޅާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
ކުޅިވަރާ މުނިފޫހިފިލުވުމަށް ވެސް ކުޑަގިރި
ރަށުގައި ކުޅިވަރު ކުޅެ އުޅެވޭނެ ގޮތަށް ކުޑަގިރީގައި ވަނީ ކަންކަން ރޭވި، އެ އިންތިޒާމުތައް ހަމަޖެހިފައެވެ. ރަށުގައި ގާއިމުކޮށްފައިވާ ކުޅިވަރު ވަސީލަތްތަކުގެ ތެރޭގައި ވޮލީބޯޅަ ކޯޓަކާއި ބާސްކެޓްބޯޅަ ކޯޓެއްގެ އިތުރުން އައުޓްޑޯ މިނީ ފުޓްބޯޅަ ދަނޑެއް ހިމެނެއެވެ. ކުޑަކުދިންނަށް ހާއްސަކޮށްފައިވާ ޕްލޭގްރައުންޑެއް އޮންނައިރު، ޑައިވް ސެންޓަރަކާ އެކު، ވޯޓަ ސްޕޯޓްސް ސެންޓަރެއް ވެސް ކުޑަގިރީގައި ހަދާފައިވެއެވެ.
ނަމުން ކުޑަޔަސް، ހިދުމަތްތަކުން ކުޑަގިރި މާ ފުރިހަމަ
ނަމުން ކުޑަގިރި އަކީ ހަމަ އެކަނި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ސިފަކުރި ނަމަވެސް އާންމު ދިރިއުޅުމާ ގަތާލެވޭ ހާއްސަ ހަނދާންތައް މި ރަށާ ގުޅުވާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އެކުވެރިންނާ އެކު ފާހަގަކޮށްލުމަށް ބޭނުންވާ އުފަންދުވަހުގެ ކުޑަ އެއްވެލުމަކުން ފެށިގެން ކައިވެނި ހަފްލާތައް ބޭއްވުމަށް ރަށް ލިބޭނެ ކަމަށް އެޗްޑީސީން ބުނެއެވެ. ކުންފުނިތަކާ އޮފީސްތަކުން އިވެންޓްތައް ބޭއްވުމަށް ތަންތަން ހޯދުމަށް މިހާރަށް ވުރެ އިތުރަށް ފަސޭހަ ގޮތަކަށް އޮތީ ކޮން ގޮތެއްތޯ ބަލާ ނަމަ އޮތް އެއްގޮތަކީ މިއީއެވެ. ކުޑަގިރިން އެ ފުރުސަތު ލިބެން އެބައޮތެވެ. ތަފާތު ގޮތެއް ހުންނާނޭ ކަން ޔަގީނެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ވެސް ރަށް ވަނީ ހުޅުވާލެވިފައެވެ.
ކުޑަގިރީގައި އެޑްމިން ބިލްޑިންގް އަކާއި ރަށަށް ޒިޔާރަތް ކުރާ ފަރާތްތަކަށް ފަސޭހަ ކޮށްދިނުމަށް ފްރަންޓް އޮފީހެއްގެ އިތުރުން ރަށުގެ ސެކިއުރިޓީގެ ކަންކަން ބެލެހެއްޓުމަށް ސެކިއުރިޓީ އޮފީހެއް ގާއިމުކޮށްފައި ހުރެއެވެ. ރަށުގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ވެސް ހުންނާނެއެވެ.
އިހުގެ އާދަ އިޔާދަކޮށްދޭނީ ކުޑަގިރިން
އެޗްޑީސީން ބުނެފައިވާ ގޮތުގައި ދެން އޮތީ އާންމުންނަށް ރަށް ހުޅުވާލުމެވެ. ރަށް ހުޅުވާލެވޭއިރު، ރަށަކީ ދަތުރު ދިއުމަށް ހަދާފައިވާ އެންމެ ފުރިހަމަ ރަށަށް ހެދުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެ ކޯޕަރޭޝަނުން ވަމުންދާ ކަމަށެވެ. އެކަމާ ގުޅުންހުރި އިތުރު މައުލޫމާތެއް މި ވަގުތަށް އެ ކޯޕަރޭޝަނުން ހާމައެއްނުކުރެއެވެ. އެހެންނަމަވެސް ރަށް ހުޅުވާލުމާ ހިސާބަށް ދާއިރު، ރަށާ ގުޅޭ ގޮތުން އާންމުން ކުރަން ބޭނުންވާ ވަރަށް ގިނަ ސުވާލު ހުންނާނެ ކަން ޔަގީނެވެ. އޮޅުން ފިލުވަން ބޭނުންވާ މައުލޫމާތު ވެސް ހުންނާނޭ ކަން ޔަގީނެވެ. ވަގުތު ކުޑަތަން ވަމުން އަންނަ ވަރަކުން އެ ސުވާލުތަކުގެ ޖަވާބު އެޗްޑީސީން ދޭނެކަން ޔަގީނެވެ.
މިހާރަށް އާންމުންނަށް ޔަގީން ވާން އޮތް ހަމަ އެކަނި ކަމަކީ އިހު ދަތުރު ގޮސް އުޅުނު އުޅުން ކުޑަގިރި އާއެކު އަނބުރާ އިއާދަވަނީ ކަމެވެ. އެ އާދަތަކެވެ. އެ އާދަތަކާ ގުޅިފައިވި ހިތްހަމަޖެހުމާ އުފާވެރިކަމެވެ. އެ އުފާވެރިކަން ހިތަށް ގެނުވައިދިން ހަނދާންތަކެވެ. އެ ހަނދާންތަކުން ހަމަޖެހިލެވުން ގެނެސްދިން ވަގުތުތަކެވެ. އެ ވަގުތުތަކުގެ އަސްލަކަށްވި ބަދަހި ގުޅުންތަކެވެ.
ކޮންމެއަކަސް، ކުރިން ކުރަމުން އައި ޝަކުވާތައް ކުރުން މަދުކޮށްލާފައި ދަތުރު ދާން ތައްޔާރުވާންވީއެވެ. ނުހުޅުވިގެން، ނުދެވިގެން އުޅުނު ކުޑަގިރި މިއޮތް ހުޅުވެނީއެވެ.