ads
މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް
ލާމަރުކަޒީ ގާނޫނަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއްނޫން: ނަރީޝް
ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ނުކުމެ ހުރަސް އެޅުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަންކަމެއްނޫން ކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެ އެވެ.
Advertisement

ނަރީޝް މިހެން ވިދާޅުވީ ސަރުކާރުގެ ހުއްދައާއިއެކު މާލެ ސިޓީ ކައުންސިލުން ވިލިމާލޭގެ ބަގީ ހިދުމަތަށް ތައްޔާރުވެފައި ވަނިކޮށް ކައުންސިލާއި މަޝްވަރާކުރުމެއްނެތި ސަރުކާރުން ބަސް ހިދުމަތް ފަށަން ނިންމި ނިންމުމާއި ދެކޮޅަށް ދެއްކެވި ވާހަކަފުޅުގަ އެވެ. 

އޭނާ ވިދާޅުވީ މާލޭގެ މަގުތަކުގައި ދުއްވަން ސަރުކާރުން ގެންނަނީ އިލެކްޓްރިކް ބަސް ކަމަށް ބުނެ ފުރަތަމަގެނައީ ޑީސަލް ބަސްތަކެއް ކަމަށާއި، އެއަށްފަހު، ޓްރާންސްޕޯޓް މިނިސްޓްރީއިން މައްސަލަ ޖެއްސުމުން އިލެކްޓްރިކް ބަސްކޮޅެއް ގެނެސް އެމްޑީޕީގެ ޕްރައިމަރީ އާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ބަސްތައް ވިލިމާލެއަށް ގެންދިޔައީ ކަމަށެވެ.

އަދި ކުއްލިއަކަށް ވިލިމާލޭގައި ބަހުގެ ހިދުމަތްދޭން ނިންމި އިރު ކައުންސިލާއި އެއްވެސް މަޝްވަރާއެއް ސަރުކާރުން ނުކުރާ ކަމަށާއި، ކައުންސިލުން ބަގީގެ ހިދުމަތާއި ގުޅިގެން ކުރި މަސައްކަތަކީ ސަރުކާރަށް ސާފުވާނެ ކަމެއް ކަމުގައި ނަރީޝް ވިދާޅުވި އެވެ. އަދި ބަހުގެ ހިދުމަތް ސަރުކާރުން ވިލިމާލޭގައި ދޭން ނިންމިއިރު މާލެ ސިޓީ ކައުންސިލުން ބަގީގެ ހުދުމަތް ދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތް ސަރުކާރާއި ގުޅިގެން ކޮށްފައިވާކަންވެސް މިސަރުކާރަށް ސާފުނުވާ ކަމަށްވެސް ނަރީޝް ވިދާޅުވި އެވެ. 

ނަރީޝްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވިލިމާލެ ކަހަލަ ހިތްފަސޭހަ ތަނަކަށް ބޮޑެތި ބަސްތަކެއް އަރުވައިގެން ރައްޔިތުންނަށް ޖެހޭނީ ތަކުލީފުތަކެއް ކަމަށެވެ.

މީގެ އިތުރުން ސަރުކާރުން އެދޭ ހުރިހާ ކަމެއްގައި މާލެ ސިޓީ ކައުންސިލުން ވާނީ ފުރިހަމަޔަށް އެއްބާރުލުންދީފައި ކަމަށާއި، އެހެންކަމުން ކައުންސިލުން ސަރުކާރުގެ ހުއްދައާއި، ވިލިމާލޭގެ ރައްޔިތުންގެ ހިޔާލާއިއެކު، އެތަނުގައި ހިދުމަތެއް ފެށުމަށް ތައްޔާރުވެފައި ވަނިކޮށް ސަރުކާރުން ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭންވާނީ މާލެ ސިޓީ ކައުންސިލާއިއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށް ނަރީޝް ވަނީ ވިދާޅުވެފަ އެވެ.

ނަރީޝް މިހެން ވިދާޅުވެފައި ވާއިރު، ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ފެށުމަށް މިއަދު ހަވީރު ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް އެމްޓީސީސީއިން ވަނީ ނިންމާފަ އެވެ. އެމްޓީސީސީން ވަނީ ވިލިމާލޭގައި ބަހުގެ ހިދުމަތް ދޭން ބޭނުންވާ ބަސްތައް އެރަށަށް ގެންގޮސްފަ އެވެ. އަދި މި ހިދުމަތީކީވެސް ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ދަށުން ދެވިގެންދާނެ ހިދުމަތެއް ކަމަށް އެކުންފުނިން ވަނީ ބުނެފަ އެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް