ads
އިބޫ 2023 ކުރިއށް ކެމްޕެއިން ޖަލްސާގައި މާރިޔާ——ފޮޓޯ: ދެން
ނަޝީދު- ޔާމީނާއެކު ކޯލިޝަން ހަދާފާނެ ކަމުގެ ކަންބޮޑުވުން
ވެރިކަން ހޯދުމަށްޓަކައި، މިހާރު ޖަލުގައި ހުންނެވި ރައީސް ޔާމީނާއެކު ރައީސް މުހައްމަދު ނަޝީދު ކޯލިޝަނެއް ހަދާފާނެކަމުގެ ކަންބޮޑުވުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް އ ޔާމީނާ ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ރައީސް ސޯލިހުގެ ކެމްޕެއިނުގައި ރޭ މާލޭގައި ވާހަކަ ދައްކަވަމުންނެވެ. ހެންވޭރު އާޓިފިޝަލް ބީޗުގައި ރައީސް ސޯލިހަށް ތާއީދު ކުރާ ގިނަ އަދަދެއްގެ ބަޔަކާ މުހާތަބުކޮށް މާރިޔާ ރޭ ވިދާޅުވީ ޔާމީނަށް ތާއީދުކޮށް ނަޝީދު ވާހަކަފުޅު ދައްކަވާ ކަމަށާއި ވެރިކަން ހޯއްދެވުމަށްޓަކައި ޔާމީނާ އެކު ނަޝީދު ކޯލިޝަން ހައްދަވާފާނެތީ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ.

"އެމަނިކުފާނު އެބަ ދައްކަވާ ކޯލިޝަނެއްގެ ވާހަކަ ވެސް. އެހެންކަމަށް ވުމާއެކު މިއަދު އަޅުގަނޑަށް ހަމަގައިމު ވެސް އެންމެ ބިރު ހީވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައީސް ޔާމީނާ އެކީގައި ކޯލިޝަނެއް ހައްދަވާފާނެތީ. އަޅުގަނޑުމެން ނުހަނު ލޯބިވާ ރައީސް ނަޝީދު ނިކުމެވަޑައިގެން، ރައީސް ޔާމީނަކީ ވިޝަނަރީ ލީޑަރެކޭ ވިދާޅުވީމަ އަޅުގަނޑުމެންގެ ހިތަށް އުނދަގޫވޭ. އަޅުގަނޑުމެން ޖަޒްބާތުގައި ޖެހިގެން ވެސް އެމަނިކުފާނު އެފަދަ ކަމެއް ކުރިޔަދީގެން ނުވާނެ،" މާރިޔާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އޯކޭއެއް ނޫން ކަމަށާއި، ޔާމީނާއެކު އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ ކަމަށް ރައީސް ސޯލިހުވެސް ރޭވަނީ ވިދާޅުވެފައެވެ. ރައީސް ސޯލިހާ މާރިޔާގެ ވާހަކަތައް މި ގޮތަށް މިއައީ، ރައީސް ޔާމީނަށް ތައުރީފް ކުރައްވައި ރައީސް ނަޝީދު މިދިޔަ ހަފްތާގައި ވާހަކަ ދައްކަވާފައިވަނިކޮށެވެ. ރައީސް ނަޝީދު މިދިޔަ ހަފްތާގައި ވިދާޅުވެފައިވަނީ ޔާމީންއަކީ ވަރަށް ގާބިލު ބޭފުޅެއް ކަމަށާއި އޮތް ހަމައެކަނި ހިޔާލު ތަފާތުވުމަކީ "އިންޑިއާ އައުޓް" ކަމަށެވެ.

ރައީސް ނަޝީދު މިދިޔަ ހަފްތާގައި ވިދާޅުވީ ޔާމީނަކީ އިންޓަލެކްޗުއަލް އަދި ތައުލީމީ ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ މެދު އެގޮތަށް ދެންނެވެން ނޯންނާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. ޔާމީނަށް ތައުރީފްކޮށް ނަޝީދު ވާހަކަ ދެއްކެވިއިރު އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރަށްރަށަށް ވަޑައިގަތުމުން ޔާމީން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މެންބަރުން ދެއްވާ ތަރުހީބަށް ވެސް ނަޝީދު ޝުކުރު އަދާކުރެއްވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް