ޓްރާންސްފާގައި މަކަރު ހަދައި ކްލަބުގެ މާލީ ބަޔާންތައް އޮޅުވާލުމުގެ ކުށް ސާބިތުވެ، އިޓަލީ ފެޑެރޭޝަނުންވަނީ ޔުވެންޓަސްގ 15 ޕޮއިންޓް އުނިކޮށްފައެވެ. މި ހަރުކަށި އަދަބާއެކު ޓޭބަލްގެ 10 ވަނައަށް ޔުވެންޓަސް ވެއްޓި އަންނަ ސީޒަންގައި ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުންވެސްވަނީ އުނދަގޫ ވެފައެވެ.
ޔުވެންޓަސް އަށް އިޓަލީ ފެޑެރޭޝަނުން އެޅި ހަރުކަށި ފިޔަވަޅުތަކާއެކު މީޑިއާއަށް އައި ރިޕޯޓަކީ ޕޮގްބާ އަލުން އެނބުރި މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވާ ރިޕޯޓެވެ. އިގިރޭސި ބައެއް މީޑިއާތަކުން ޕޮގްބާ އެނބުރި ޔުނައިޓެޑަށް ދާން އުޅޭ ކަމަށް ރިޕޯޓްކޮށްފައިވީ ނަމަވެސް ރަސްމީ އެއްވެސް ސިފައެއްގައި ޔުނައިޓެޑަކުންވެސް އަދި ޔުވެންޓަސް އަކުންވެސް އަދި ޕޮގްބާގެ އެޖެންޓެއްވެސް މި ވާހަކަ އަދި ނުދައްކައެވެ.
ޔުވެންޓަސް އިން އެނބުރި ޔުނައިޓެޑަށް އަލުން ޕޮގްބާ ގޮސްދާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނިއިރު، ޔުވެންޓަސް އަށް ޔުނައިޓެޑުން ބަދަލުވި ފަހުން ޕޮގްބާ އަދި އެއްމެ މެޗެއްވެސް ނުކުޅެއެވެ. ވޯލްޑްކަޕްގެ ކުރިން ލިބުނު އަނިޔާއަކާ ގުޅިގެން ގިނަ ދުވަސްތަކެއް ކުޅުމާ ދުރުގައި ހުރުމަށް ފަހު ޕޮގްބާ މިހާރު އަންނަނީ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.