ads
ހިސާން ތުޅާދޫއަށް ވަޑައިގެންނެވުން-- ފޮޓޯ/ ތުޅާދޫ އޮންލައިން
ތުޅާދޫން އަޅުގަނޑު ގަޔަށް ބޮލަށް އަރަން އުޅުނީ ޕީޕީއެމް މީހުން: ހިސާން
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ތުޅާދޫއަށް ވަޑައިގަތުމުން އެރަށުން އެކަމަނާއާއި ދިމާކުރަން ނިކުތީ ޕީޕީއެމްގެ މެމްބަރުން ކަމަށް ހިސާން ވިދާޅުވެއްޖެ އެވެ.
Advertisement

ހިސާން ތުޅާދުއަށް ވަޑައިގެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕޭނަށެވެ. އެކަމަނާ އެރަށަށް ވަޑައިގަތުމުން ރަށުން ބަޔަކު ވަނީ އެކަމަނާ އާއި ދިމާކޮށް ފުރައްސާރަ ކޮށްފަ އެވެ. އަދި ހަޑިހުތުރު ބަހުން ބަސްތައް ބުނެ، މިއަދު ދުނިޔޭގައިވެސްނެތް ހިސާންގެ ލޮބުވެތި ބައްޕަގެ ނަންވެސް ބޭނުންކޮށްގެން އެފަރާތްތަކުން ދިޔައީ، ހިސާން އަށް ބަހުގެ ހަމަލާތައް ދެމުންނެވެ. 

އެ މީހުންގެ ތެރޭގައި ތިބީ އެމްޑީޕީގެ ތެރޭގައި ތިބި ރައީސް މުހައްމަދު ނަޝީދު އަށް ތާއީދު ކުރައްވާ ފަރާތްތައް ކަމަށް މީގެ ކުރިން ބައެއް މީޑިއާތަކުން ހަބަރު ފެތުރިނަމަވެސް ހިސާން ވަނީ އެކަމުގެ ހަގީގަތް މިއަދު ހާމަކޮށްދެއްވާފަ އެވެ. 

މިކަމާއި ގުޅިގެން ހިސާން މިއަދު ވިދާޅުވީ، އެކަމަނާ މިވަގުތުވެސް ހުންނެވީ، ތުޅާދޫގައި ކަމަށާއި، އެރަށުން އެކަމަނާގެ ގަޔަށް ބޮލަށް އަރަން އުޅުނީ، ޕީޕީއެމްގެ 10 ވަރަކަށް މީހުން ކަމަށެވެ. އަދި އެކަމަނާ ވަށައިގެން ތިބީ، އެކަމަނާގެ ދިފާއުގައި ތިބި، އެކަމަނާގެ ޓީމުގެ މީހުން ކަމަށްވެސް ހިސާން ވަނީ ވިދާޅުވެފަ އެވެ. 

"ޕީޕީއެމް މީހުން ގޮވީ، އަޅުގަނޑު ރައީސް މުހައްމަދު ނަޝީދުއަށް ތާއީދު ނުކުރާ ވާހަކަ. އަޅުގަނޑު ހިތުން މިއީ އެމްޑީޕީ އެންމެންވެސް ވިސްނާލަން ޖެހޭ ކަމެއް." ހިސާން ވިދާޅުވި އެވެ.

ތުޅާދޫއަށް ހިސާން އިއްޔެ ވަޑައިގަތުމުން އެކަމަނާ އާއި ދެކޮޅަށް ނިކުތް މީހުން ވަނީ، ފަހަތުން އަޑުއުފުލަމުން ގޮސް ހިސާން ހުންނަވާ ގެސްޓް ހައުސް ކައިރީ މުޒާހަރާ ކޮށްފަ އެވެ. އަދި ގެސްޓް ހައުސް އިން ނިކުމެވަޑައިގެން އެރަށުގައި ހުންނަ އާއިލީ ގެއަކަށް ވަޑައިގަންނަވަން އުޅުމުންވެސް އެފަރާތްތަކުން ވަނީ ފަހަތުން ގޮސް އެ ގެކައިރީވެސް މުޒާހަރާ ކޮށްފަ އެވެ. 

އެ ސަރަހައްދުގައި ހިސާންގެ އަރިހުގައި ބައެއް މީހުން ތިބި އިރު، ހިސާން އާއި ދެކޮޅަށް އަޑުއުފުލަމުން ދިޔަ ފަރާތްތައް ފަހަތަށް ޖެއްސުމަށް އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވި އެވެ. 

މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ޕްރައިމެރީގައި، ރައީސް ސޯލިހު އަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ހިސާން ވަނީ ރައީސް ސޯލިހު އަށް ތާއީދު ކުރައްވަން ނިންމެވީ، ރައީސް ސޯލިހު އަކީ ތަފާތު ފިކުރުގެ މީހުންނާއި އެކުވެސް ގުޅިގެން މަސައްކަތް ކުރެވޭނެކަން ސާބިތުކޮށްދެއްވާފައިވާ ބޭފުޅަކަށް ވުމުން ކަމަށެވެ. 

މީގެ އިތުރުން ހިސާން ވަނީ، ނ. ވެލިދޫގައި އޮތް ޖަލްސާއެއްގައި ރައީސަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި އެގޮތަށް ކަންތައް ކުރެއްވުމުން ބައެއް ފަހަރު ވެރިކަން ވެސް ވެއްޓޭ ކަމަށް ވިދާޅުވެ ނުސީދާ ގޮތެއްގައި ރައީސް ނަޝީދަށް ފާޑުވިދާޅުވެފަ އެވެ.  

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް