ads
ކުޑަގިރި: މާލެ ސަރަހައްދުގައި ދަތުރު ދާނެ ރަށެއް ނެތް ކަމުގެ ޝަކުވާ އަށް ނިމުން ގެންނާނެ - ފޮޓޯ:އެޗްޑީސީ
އަންނަ މަހު ކުޑަގިރި ޕިކްނިކް އައިލެންޑް ހުޅުވަނީ
މާލެ ސަރަހައްދުގައި ދަތުރު ދާނެ ރަށެއްގެ ގޮތުގައި ތަރައްގީކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް، އެ ރަށް ހިންގައި ބަލަހައްޓާ އެޗްޑީސީން މިއަދު ބުނެފި އެވެ. އެހެންނަމަވެސް ކުޑަގިރި ހުޅުވާނެ ރަސްމީ ވަކި ތާރީޚެއް އަދި އާއްމު ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކުޑަގިރީގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީގެ މަސައްކަތްތަކެވެ. މަސައްކަތްތައް ނިމި، އަންނަ މަހުގެ މެދެއްހާ ހިސާބުގައި އާއްމުންނަށް ކުޑަގިރި ހުޅުވާލަން އެ ރަށް ހިންގައި ބަލަހައްޓާ އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުޑަގިރި ތަރައްގީ ކުރުމުގެ މަޝްރޫއަކީ ރައީސް ސޯލިހުގެ ވައުދުތަކުގެ ތެރެއިން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖުތިމާއީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ވީ ވައުދު ފުއްދުމަށް މާލެ ސަރަހައްދުން ދަތުރު ދާނެ ރަށެއް ކަނޑައެޅުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ފެށުނު މަޝްރޫއެކެވެ. މި މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުގެ ފަރާތުން ރަށެއް ކަނޑައަޅާފައިވަނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. މާލެ އާ މާ ދުރު ނޫން ހިސާބެއްގައި އޮތް ކުޑަގިރި ފަޅުން އަށް ހެކްޓަރު ބިން ހިއްކައިގެން ރަށެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށިއެވެ. އަދި ރަށާއި އިންވެގެން 1.5 ހެކްޓަރުގެ ކުޑަ ފިނޮޅެއް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ މަސައްކަތާ އެކު ކުރަން ފެށުނެވެ.

ކުޑަގިރީގައި މިސްކިތަކާއި ކްލިނިކެއް ހުރެއެވެ. ކޮންވީނިއެންސް ސްޓޯރަކާއި ރީޓެއިލް ސްޓޯރެއްގެ އިތުރުން ކެފޭއެއް ވެސް ގާއިމުކުރެވިފައިވެއެވެ. ރަށުން ފެނާއި ކަރަންޓުގެ ހިދުމަތް ލިބޭ ގޮތަށް ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން ވަނީ އެ މަސައްކަތްތައް ފުރިހަމަކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް