ކ. ގުރައިދޫގައި މިއަދު ކުރިއަށް ދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ރައީސް ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ގެސްޓް ހައުސް ވިޔަފާރި ފުޅާކުރައްވަން މަސައްކަތް ކުރެއްވި ކަމަށާއި، އެހެން ނަމަވެސް ގެސްޓް ހައުސްގެ ވިޔަފާރި ފެއްޓެވީ ރައީސް ނަޝީދުގެ ވެރިކަމުގައި ނޫން ކަމަށެވެ.
އެ މަސައްކަތް ރާއްޖޭގައި ފެށިގެން ދިޔައީ، 2008 ވަނަ އަހަރުގެ ކުރީ ކޮޅު މަޖިލީހުން ފާސްކުރި ގަރާރަކުން ކަމަށާއި، އެކަމަށް ހެކިދޭނެ މީހުން މިއަދުވެސް އެބަތިއްބެވި ކަމަށް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ ގަރާރު މަޖިލީހަށް އެތައް ފަހަރަކު ހުށަހެޅި ކަމަށާއި، އެ ގަރާރު ފާސްވެގެން ދިޔައީ އަހަރެއް ހާދުވަހު އެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. އެހެން ކަމުން މިކަމުގެ ހަގީގަތް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން އަންނަ ގެސްޓް ހައުސްތައް ކުރިއަށް ގެންދިއުމަށް ދަތުރުފަތުރުގެ ނިޒާމާއި، ހިދުމަތްތައް ހޯދައިދިނުމުގެ ކަންކަން ކޮށްދެއްވަމުން ގެންދަވާ ކަމަށް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
އެމްޑީޕީއަށް ރާއްޖޭގެ ވެރިކަން އެންމެ ފުރަތަމަ ލިބުނީ، 2008 ވަނަ އަހަރު އެވެ. ރައީސް ނަޝީދު ވެރިކަމާއި، ހަވާލުވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ރާއްޖޭގައި ގެސްޓް ހައުސް ވިޔަފާރި ފެށިގެން ދިޔައީ، ރައީސް ނަޝީދުގެ ވެރިކަމުގައި ނޫން ކަމަށް ރައީސް ސޯލިހު ވިދާޅުވެފައި ވާއިރު، މީގެ 50 އަހަރު ކުރިން ރާއްޖޭގެ ފަތުރުވެރިކަން ފެއްޓެވި ތިން ބާނީން އަދި ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދަށް ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ފަތުރުވެރިކަމުގެ ރަން އެވޯޑު މީގެ ކުރިން ވަނީ އަރުވައިފި އެވެ.
ރައީސް ނަޝީދަށް އޭރު އެ އެވޯޑް ދެއްވީ، ގެސްޓު ހައުސް ވިޔަފާރި ފައްޓަވައި ފަތުރުވެރިކަމުގެ ނަފާ މީހުން ދިރިއުޅޭ ރަށްރަށަށް ފުޅާކުރެއްވީތީ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީ ކޮށްގެން ގެސްޓް ހައުސް އެއް ހިންގަން ފެށި، 2010 ވަނަ އަހަރު އެވެ. އޭރު ރާއްޖޭގެ ރައީސް ކަމުގެ މަގާމުގައި ހުންނެވީ، ރައީސް ނަޝީދެވެ.