
ބީބީސީން ނެރުނު އެ ޑޮކިއުމަންޓަރީގައި އެތައް މުސްލިމުންނެއް ރޭޕްކޮށް މެރުމުގައި މޯދީގެ ރޯލު ދައްކުވައިދެއެވެ. އެ ޑޮކިއުމަންޓަރީ އަކީ މީގެ 20 އަހަރު ކުރިން ހިންގި ބޮޑު ގަތުލްއާމުގެ މައްޗަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ނެރެފައިވާ ރިޕޯޓަކަށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީއެކެވެ.
"އިންޑިއާ: ދަ މޯދީ ކުއެސްޝަން" ގެ ނަމުގައި ނެރުނު ޑޮކިއުމަންޓަރީ އިންޑިއާގައި ދެއްކުން މަނާކުރީ، "ކުއްލި ހާލަތުގެ ބާރުގެ" ދަށުންކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް ބްރޮޑްކާސްޓިން އިން ވަނީ ބުނެފައެވެ.
މިގޮތުން މި ޑޮކިއުމަންޓަރީގެ ލިންކު ޔޫޓިއުބް އަދި ޓްވިޓާއިން ނުފެންނަ ގޮތް ހެދުމަށް އެ ދެ ކުންފުނިން ވެސް އެއްބަސް ވެފައިވާކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފައެވެ.
އެ ޑޮކިއުމަންޓަރީގައި ފެންނަނީ ހިންދޫ ހައްޖުވެރިން ތިބި ރޭލަކަށް މުސްލިމުން ބޮން ގޮއްވައިގެން ހަމަލާ ދިނުމުން ހިންދޫން ބަދަލު ހިފުމަށް ހިންގާ ޖަރީމާއެއްގެ ފަހަތުގައި މޯދީގެ ސީދާ އަތް އޮތްތަނެވެ. އެ ހަމަނުޖެހުންތަކުގައި 100 އަށްވުރެ ގިނަ މީހުން މަރުވިއިރު އޭގެ ތެރެގައި ގިނައީ މުސްލިމުންނެވެ. ގުޖުރާތުގައި މުސްލިމުންނަށްވުރެ ގިނައި ހިންދޫންނެވެ.
މޯދީގެ ބީޖޭޕީ އިންޑިއާގެ ވެރިކަމަށް އައީ 2014 ވަނަ އަހަރުއެވެ. އިންޑިއާގެ 1.4 ބިލިއަން މީހުންގެ ތެރެއިން 80 ޕަސަންޓަކީ ހިންދޫންނެވެ. ބީޖޭޕީ ވެރިކަމަށް އައިފަހުން ހިންދޫންނަށް ފަހިވާފަދަ ގައުމިއްޔަތެއް ދަނީ އުފައްދަމުންނެވެ. އަދި މި ޑޮކިއުމަންޓަރީ މަނާކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވަނީ އިންޑިއާ ސަރުކާރަށް އަމާޒުވެފައެވެ.