ads
ފަރަށް އެރި ބޯޓެއް: ފޮޓޯ---އެމްއެންޑީއެފް
ވާވެއްދިފަރަށް އެރުމުން 100 މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފި
ކ. އަތޮޅު ވާވެއްދިފަރަށް ބާޖަކާއި ޓަގެއް އެރުމުގެ ސަބަބުން 100 މިލިއަން ރުފިޔާއިން ދެ އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރުމަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފި އެވެ.

މި ދެ އުޅަނދު ވާވެއްދިފަރަށް އެރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު އެވެ. ފަރަށް އަރާފައިވަނީ، ދި މިޑްލް އީސްޓް މެރިން އެލްއެލްސީގެ އޭ.އެމް އާގަމް ނަމަކަށް ކިޔާ ބާޖަކާއި، އަދި އޭއެމް އަލްޕިޓް ނަމަކަށް ކިޔާ ޓަގެކެވެ. 

މިކަމާއި ގުޅިގެން އީޕީއޭއިން ބުނީ، ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރިއިރު ފަރަށް ވަރަށް ބޮޑެތި ގެއްލުންތައް ވެފައިވާކަން ފާހަގަ ކުރެވުނު ކަމަށާއި، ފަރުގެ މާހައުލަށް ލިބުނު ގެއްލުންތަކުގެ ބަދަލަށް 100 މިލިއަން ރުފިޔާ ދައްކަން މިމަހުގެ 22 ވަނަ ދުވަހު އެކުންފުންޏަށް އަންގާފައިވާނެ ކަމަށެވެ. އަދި އެ ފައިސާ 30 ދުވަހުގެ ތެރޭ ދެއްކުމަށް އަންގާފައި ވާނެ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ. 

"ތިމާވެށްޓަށް ލިބުނު ގެއްލުންތައް ބަލައި ވަޒަންކޮށް ކަނޑައެޅުނު ޖުމްލަ ޖޫރިމަނާއާއި ބަދަލުގެ އަދަދަކީ 148,381,500.00ރ. ނަމަވެސް ތިމާވެށްޓާބެހޭ ގާނޫނުގެ ދަށުން ކުރެވޭނެ އެންމެ ބޮޑު ޖޫރިމަނާއަކީ 100 މިލިއަން ރުފިޔާ ކަމަށް ވާތީ ޖޫރިމަނާގެ އަދަދު 100 މިލިއަން ރުފިޔާއަށް ދަށްކޮށް، އެ ފަރާތް ޖޫރިމަނާ ކުރުމަށް ނިންމީ." އީޕީއޭއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ފަރަށް ލިބުނު ގެއްލުންތައް ބެލުމަށް މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭ އެ ސަރަހައްދަށް ގޮސް ސާވޭ ކޮށްފައިވާނެ ކަމަށާއި، ބެލިބެލުމުން އެ ފަރުގެ 3926 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. 

އަދި މި ފައިސާ ހޯދުމުގެ މަސައްކަތް އެޓާނީ ޖެނެރަލްގެ އޮފީހާއި ގުޅިގެން ކުރަމުން އަންނަ ކަމަށް އީޕީއޭއިން ވަނީ ބުނެފަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް