ads
ކޮޕީ އިސްމާއިލް ރަޝީދު: ފޮޓޯ އަވަސް
ދިވެހި ފިލްމީ ތަރިންގެ އަގު ވައްޓާލާލުމުން، މެޗު ނުކުޅެން ކޮޕީ އިއްސެ ނިންމައިފި
ދިވެހި ރާއްޖެއާ އިންޑިއާގެ ފިލްމީ ތަރިންނާއި ސެލެބްރިޓީންގެ ފުޓުބޯޅަ މެޗު ނުކުޅެން ދިވެހި ފިލްމީ ދައިރާގެ މަޝްހޫރު ތަރި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ނިންމައިފިއެވެ.

ސީއެންއެމްއާ މިއަދު ވާހަކަ ދައްކަމުން ކޮޕީ އިއްސެ ބުނީ އޭނާ ފުޓުބޯޅަ މެޗު ނުކުޅެން ނިންމީ ދިވެހި ފިލްމީ ތަރިންނަށް މާކުޑަކުޑައެއްޗެއް ދީގެން މެޗު ކުޅުވަން ނިންމާފައިވާތީއެވެ. އަދި އެ މެޗަކީ މިހާރު ފިލްމު އެސޯސިއޭޝަންގެ އެއްވެސް ދައުރެއް އޮތް މެޗެއް ނޫންކަމަށެވެ. 

"ފަހުން އެނގުނީ ފިލްމު އެސޯސިއޭޝަނުގެ ދައުރެއް މިހާރު ނެތްކަން. މިކަން ކުރީމަ ކޯއްޗެއްހޭ ލިބެނީ އެހީމަ ބުނީ ރަމްޒީ ހަދިޔާއެކޭ. އެއީ ކޯއްޗެއްތޯ އޮޅުންފިލުވީމަ އެނގުނީ އެއީ 2500 ރުފިޔާކަން. މިއީ ދިވެހި ފިލްމީ ތަރިންނަށް ދޭން ވަރަށް ކުޑަކުޑައެއްޗެއް. އެހާ ނިކަމެއްޗެއް ނޫން އަދި ނުވެސް ވާނަން. އެހިސާބުން ބައިވެރިނުވާން ނިންމީ. އެއީ ދިވެހި ފަންނާނުންގެ އަގުވައްޓާލުން،" ކޮޕީ އިއްސެ ބުންޏެވެ.

އިންޑިއާ ތަރިން މި މެޗަށް ގެންނަނީ ބޮޑު އަގު ދީގެންކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ބައެެއް ތަރިންނަށް ތިން ލައްކައާއި ފަސް ލައްކަ އިންޑިއަން ރުޕީޒް ދޭން ވަނީ ނިންމާފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 94,240 އާއި 50،000 އާއި ދެމެދުގެ އަގެކެވެ. 

ކޮޕީ އިއްސެ ވަނީ މުބާރާތުގައި ބައިވެރި ނުވާނެ ކަމަށް ދެ ދުވަސް ކުރިން އިންތިޒާމް ކުރާ ފަރާތްތަކަށް އަންގާފައެވެ. ނަމަވެސް އަދި ވެސް މެޗުގެ ޕޯސްޓަރުތަކުގައި ގެންދަނީ އިއްސެގެ ފޮޓޯ ވެސް ޖަހަމުންނެވެ. 

"އަދިވެސް ޕޯސްޓަރުތަކުން ފޮޓޯ އެއް ނުނަގާ. ވަކިން އިން ޕޯސްޓަރު ވެސް ނަގައި ދިނުމަށް އެދުނިން ޖާދު ކައިރީ،" ކޮޕީ އިއްސެ މިއަދު ބުންޏެވެ.

ކޮޕީއިއްސެއަކީ ސާކް ފިލްމު ފެސްޓިވަލްގައި އެންމެ މޮޅު އެކްޓަރުގެ އެވޯޑް ހާސިލުކޮށްފައިވާ ތަރިއެކެވެ. އަދި ދެ ގައުމީ އެވޯޑު ވެސް އޭނާ ވަނީ ހާސިލްކޮށްފައެވެ. އެއީ ފިލްމު "ހޭލާ" އިން ކާމިޔާބު ކުރި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑާއި މޫމިން ފުވާދުގެ "ލޫދިފާ" އިން އެންމެ މޮޅު އެކްޓަރުގެ މަގާމު ވެސް ވަނީ ހާސިލްކޮށްފައެވެ. ފިލްމީ ދާއިރާއިން ގައުމީ އެވޯޑުވެސް އިއްސެ ވަނީ ހާސިލްކޮށްފައެވެ. 

ދިވެހި ރާއްޖެއާއި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިންނާއި ސެލެބްރިޓީންގެ ފުޓުބޯޅަ މެޗެއް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ (ހުކުރު ދުވަހު) ރޭގަނޑު ގަލޮޅު ދަނޑުގައެވެ. 

މި މެޗުގައި ބައިވެރިވާ ބައެއް މަޝްހޫރު ތަރިންގެ ތެރޭގައި، ފިލްމީތަރި ސައީދު، ޔޫއްޕެ، ކާއްޓޭ، އާނަންދު އަދި އަލީ ސީޒަން ފާހަގަކޮށްލެވެއެވެ.

ކޮޕީއިއްސެ އެންމެ ފަހުން ކުޅެފައިވާ ފިލްމަކީ ޑާކްރެއިން އެންޓަޓައިން މަންޓުގެ ފިލްމު 'ބީވީމާ' އެވެ. އެ ފިލްމުގެ ޓިކެޓު މިހާރު ވިއްކަން ފަށާފައިވާއިރު، އޮލިމްޕަހުގައި ފިލްމު އަޅުވާނީ އަންނަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. ފިލްމުގެ އޯޕަނިން ޝޯގެ ޓިކެޓު މިހާރު އެއްކޮށް ވިކި ހުސްވެފައިވާކަަށް ވެސް ޑާކްރެއިން އިން ބުނެއެވެ. މި ފިލްމުން ކޮޕީ އިއްސެގެ އިތުރުން އާޝާ އަދި ލަވަކިޔުންތެރިއާ މަރިޔަމް އަޝްފާ ފެންނާނެއެވެ.  

26%
ކަމުގޮސްފި
12%
އަޑުއެހިތާ މިހުރީ
32%
ސަތޭކައަކުން ސުމެއް
30%
ވަރަށް ސަލާމް
ކޮމެންޓްސް