ads
އެމްޑީޕީގެ ކުރީގެ އެއްވުމެއްގެ ތެރެއިން
ތާރީހުން މިއަދު: އެއްވެއުޅުމުގެ މިނިވަންކަމާއި ކާޑު ޖަހައިގެން ފައިސާ ނެގުން
ދައުލަތުގެ ހުއްދަ ކުރިން ހޯދުމަކާ ނުލައި، ސުލްހެވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ލިބިގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުންގެ ހާއްސަ މަޖިލީހުން ފާސްކުރީ، 2008 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ.

ގާނޫނު އަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގެ އަލުން ޑްރާފްޓްކުރި އެއްވެއުޅުމުގެ މިނިވަންކަން ބަޔާން ކުރާ 12 ވަނަ މާއްދާގެ (ޅ) ފާސްކުރީ އެ ދުވަހު މަޖިލީހަށް ހާޒިރުވި 77 މެންބަރުންގެ ތެރެއިން 69 މެންބަރުގެ އަގްލަބިއްޔަތުންނެވެ. މިހާރު އަމަލުކުރެވެމުންދާ ގާނޫނު އަސާސީގައި އެ މާއްދާއަކީ 32 ވަނަ މާއްދާއެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީގެ 32 ވަނަ މާއްދާގައި ބުނެފައިވަނީ، ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމަކާނުލައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވާ ކަމަށެވެ. މިއީ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބެވެ. އަސާސީ ހައްގުތަކާ މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެ އުޅުމާބެހޭ މާއްދާ ހާއްސަ މަޖިލީހުން ފާސްކުރީ 27 ޖަނަރަވީ 2008 ގައެވެ.

27 ޖަނަވަރީ، 2008 ގައި ހާއްސަ މަޖިލީހުން ފާސްކުރި އެހެން ބައެއް މާއްދާތަކަށް ބަލާއިރު، އަސާސީ ހައްގުތަކުގެ މާއްދާގެ އިތުރުން އަދުލު އިންސާފު ގާއިމް ކުރުމުގެ ބާބުން ދެވަނަ ފަހަރަށް ޑްރާފްޓްކުރި ފަނޑިޔާރުން އައްޔަން ކުރުމުގެ މާއްދާއާއި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރާ ގުޅޭ މާއްދާވެސް ފާސްކުރީ އެ ދުވަހުއެވެ.

މާފުށީ ޖަލުގައި ބަޑި ޖަހައި، އީވާން ނަސީމް މަރާލި މައްސަލައިގައި އޭރުގެ ސަރުކާރުން ހިންގި ތަހުގީގަށް ފަހު އެކުލަވާލި ރިޕޯޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ 2004 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެ ރިޕޯޓާ ހަވާލާދީ ރައީސް މައުމޫން ވިދާޅުވީ، މާފުށީ ޖަލުގައި ބަޑި ޖެހި ހާދިސާގައި ހަތިޔާރު ބޭނުންކޮށްފައިވަނީ ހުއްދަ ހޯދަން ޖެހޭ އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމެއް ނެތި ކަމަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އޭޓީއެމް ބަހައްޓައި، ކާޑު ޖަހައިގެން ފައިސާ ނެގުން ތައާރަފް ކުރެވުނީ 27 ޖަނަވަރީ 2000 ގައެވެ. ބޭންކް އޮފް މޯލްޑިވްސްއިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފް ކުރި އެ ހިދުމަތް ފައްޓަވައިދެއްވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް