އެންޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހްގެ ކެމްޕެއިން ފަހު ޖަލްސާގައި ރޭ އައްޑޫ ސިޓީ ހިތަދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަސް ބޮޑު އަގުގައި ޔޫރަޕަށް ވިއްކަން ޖެހުމަކީ ގޮންޖެހުމެއް ކަމަށެވެ.
އަދި އިންޑިއާ ކަނޑުގައި ރާއްޖެއާއި ވާދަވެރި ގައުމުތަކުން ޔޫރަޕާއި އިނގިރޭސިވިލާތައް ބޭރުކުރާ މަހުން ޑިއުޓީ ނުނަގާތީ ރާއްޖޭގެ މަހަށް ޔޫރަޕްގެ ބާޒާރުގައި އުނދަގޫތަކެއް ހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ނަމަވެސް އިނގިރޭސިވިލަތާއި ޔޫރަޕަށް ރާއްޖެއިން ބޭރުކުރާ މަހުން ޑިއުޓީ ކަނޑާލިކަމުގެ އުފާވެރި ހަބަރު ވަރަށް އަވަހަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖެއިން ޔޫރަޕާއި އިނގިރޭސި ވިލާތަށް ބޭރުކުރާ މަހަށް މިހާރު %24 ޑިއުޓީއެއް ނަގައެވެ.
މީގެއިތުރުން ވެސް ރައީސް ރޭ ވަނީ މަސްވެރިންނަށް އުފާވެރި ހަބަރު ދެއްވާފައެވެ. އެގޮތުން މަސްވެރިންބާނާ މަސް ގަނެ ފިނިކުރެވޭނެ ކެޕޭސިޓީ ހަތަރު ގުނަ ބޮޑުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން ގެންދާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހުޅުމީދޫ މަސް ފެކްޓްރީގެ ޖާގަ ދެގުނަ ބޮޑުކުރެވެން އޮތްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެމަސައްކަތްވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.