
އެމްއެފްޑީއޭއިން ނެރެފައިވާ އިއުލާނެއްގައި ބުނި ގޮތުގައި ތިން އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަ ކިރުގެ ބާވަތްތަކާއި އެއް އަހަރުން ދަށުގެ ކުޑަކުދިންނަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތައް ވިއްކަން ވާނީ ރަޖިސްޓްރީކޮށްގެން ކަމުގައެވެ.
'ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު' ގައި ބަޔާންކޮށްފައިވާ ކަންކަމާއި ހިލާފަށް މި ފަދަ އުފެއްދުންތައް ތައްޔާރުކޮށް ވިއްކުމަކީ އުފެއްދުމުގެ ފެންވަރާއި މިންގަޑުތައް ނުހިފެހެއްޓޭނެ އަދި ތައްޔާރު ކުރާ ތަކެތީގެ ރައްކާތެރިކަން ގެއްލިގެން ދިއުމުގެ ފުރުސަތު އޮތް ކަމެއް ކަމަށް ވެސް އެ އިއުލާނުގައިވެއެވެ.
އެހެންކަމުން، ރާއްޖޭގައި މި ފަދަ އުފެއްދުންތައް އުފައްދާ އަދި ތައްޔާރުކުރާ ފަރާތްތަކުން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެ އޮތޯރިޓީގައި ރަޖިސްޓްރީވުމަށް އެމްއެފްޑީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެފްޑީއޭއިން ބުނީ އެ މުއްދަތުގެ ފަހުން މި ފަދަ ތަކެތި ރަޖިސްޓްރީނުކޮށް ވިއްކަމުންދާ ނަމަ އެ ފަރާތްތަކުގެ ނަން ހާމަކޮށް، އާންމު އިއުލާނެއް ކުރެވޭނެ ކަމަށެވެ.
އުފެއްދުންތަކުގެ ލޭބަލް ހުންނަންވީ ގޮތް:
- އުފެއްދި ތާރީހާއި މުއްދަތު ހަމަވާ ތާރީހު
- އުފެއްދި ފަރާތާއި، ބަންދުކުރި ފަރާތާއި، އެތެރެކުރި ފަރާތުގެ ނަމާއި އެޑްރެސް
- އެ އުފެއްދުމެއްގެ މޫނުމަތީ ފަރާތުގައި، ހާމަކަން ބޮޑު ގޮތެއްގައި، އެ އުފެއްދުމެއްގެ ނަން ސާފުކޮށް ފަސޭހައިން ކިޔަން އެނގޭނެހެން ދިވެހި ނުވަތަ އިނގިރޭސި ބަހުން ލިޔެވިފައި އޮތުން
- ތައްޔާރު ކުރާނެ ގޮތުގެ އިރުޝާދާ އެކު ކާންދޭނެ ގޮތުގެ ޗާޓެއް ހިމަނާފައިވުން
- ކަނޑައެޅިފައިވާ ބާވަތެއްގައި ހަރުކުރެވިފައިވާ ލޭބަލެއްގައި އެ އުފެއްދުމެއް ތައްޔާރުކޮށް ބޭނުންކުރާނެ ރަނގަޅު ގޮތް ދެއްކުން ފިޔަވައި ބޭނުންކުރުމަށް ހިތްވަރުދޭ ފަދަ އެއްވެސް ބާވަތެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ހިމެނިފައި ނުވުން
- އެއްވެސް ބާވަތެއްގެ އިންސާނުންގެ ސޫރައެއް ނުވަތަ ވާހަކަ ފޮތްތަކާއި ކާޓޫނުގައި ބޭނުންކުރާ ސިފައެއް ނުވަތަ ޖަނަވާރެއް އަދި ބުއްފުޅި އާއި ބުއްފުޅީގެ ތުންފަދަ އެއްވެސް އެއްޗެއްގެ ފޮޓޯއެއް ނުވަތަ ކުރެހުމެއް ނުވަތަ ތަސްވީރެއް ހިމަނާފައި ނުވުން
- ބުއްފުޅި ބޭނުންކުރުމަށް ވާގިވެރިވާ ފަދަ ނުވަތަ ގާތުން ކިރުދިނުމާއި ދުރުކުރުވާ ފަދަ އެއްވެސް ލިޔުމެއް ނުވަތަ ތަސްވީރެއް ބޭނުންކޮށްފައި ނެތުން
- ކަނޑައެޅިފައިވާ އުފެއްދުމަކީ މައިމީހާގެ ކިރު ނުވަތަ ގާތުން ކިރުދިނުމާއި އެއްފަދަ އެއްޗެއްކަމަށް ނުވަތަ އަޅާކިޔޭވަރުގެ އެއްޗެއްކަމަށް ނުވަތަ އެއަށް ވުރެ މޮޅު އެއްޗެއްކަމަށް ދޭހަވާފަދަ އިބާރާތެއް ބޭނުންކޮށްފައި ނެތުން
މި ކަންތައްތަކާ ހިލާފަށް މިފަދަ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި، ވިއްކުމަކީ މަނާ ކަމެއް ކަމުގައި އެމްއެފްޑީއޭއިން ބުނެއެވެ.