ads
އެމްޑީޕީ ޕްރައިމެރީގައި ވޯޓުލާން އައިސް އިން މެމްބަރެއް
ޕާޓީ އަށް ގެއްލުންދޭ ފަރާތްތަކަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ
މިހާރު ކުރިއަށްދާ އެމްޑީޕީގެ ޕްރައިމެރީގެ ތެރެއިން ޕާޓީއަށް ގެއްލުންވާ ގޮތަށް ކަންކަން ކުރާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެމްޑީޕީއިން ދީފި އެވެ.

މިއަދު ހެނދުނު 09:00 ޖެހި އިރު ވޯޓު ލާން ފެށި ނަމަވެސް، ބައެއް ވޯޓު ފޮށިތައް ކައިރީ ބައެއް ފަރާތްތަކުން ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އަދި ބައެއް ރަށްރަށުގައި ބެހެއްޓިފައި ހުރި ވޯޓު ފޮށިތައް ހަލާކުކޮށްލާފައި ވާއިރު، ބައެއް ވޯޓު ކަރުދާސްތައް ވަނީ ހަލާކުކޮށްލާފަ އެވެ. 

މިކަމާއި ގުޅިގެން އެމްޑީޕީއިން ބުނީ، މިއަދު ކުރިއަށްދާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގައި ހުރި ވޯޓު ފޮށިތައް ފަޅާ އެކި ވަރުގެ ގެއްލުންތައް ދިނުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ޓީމުތަކަށާއި އެންމެހާ މެމްބަރުންނަށް އިލްތިމާސްކުރާ ކަމަށެވެ. 

އަދި މިފަދަ ގެއްލުންތައް ޕާޓީއަށް ދޭ މެމްބަރުންނާމެދު ޕާޓީގެ ތެރެއިން އެޅެން ހުރި ފިޔަވަޅު އަޅާނެ ކަމަށާއި، އިންތިހާބު ކުރިއަށް ގެންދިއުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނެކަމުގެ ޔަގީންކަން އެންމެހާ މެމްބަރުންނަށް އަރުވާ ކަމަށް އެ ޕާޓީއިން ވަނީ ބުނެފަ އެވެ.

އެމްޑީޕީގެ ޕްރައިމެރީގެ ވޯޓުލުން މިއަދު ހަވީރު 17:00 އަށް ނިންމުމަށް ހަމަޖެހިފައި ވީނަމަވެސް ބައެއް ފޮށިތަކަށް ވޯޓުލުން ފެށުނީ އެތައް އިރެއް ފަހުންނެވެ. އަދި ބައެއް ރަށްރަށުގައި ވޯޓުލާން ގަޑިއަށް ފެށިނަމަވެސް އެކި މައްސަލަތައް ދިމާވެ ވޯޓުލުން ވަނީ މެދުކަނޑާލަން ޖެހިފަ އެވެ. 

މިކަމާއި ގުޅިގެން އެޕާޓީއިން ބުނީ، ވޯޓުލުން ބަންދު ކުރާނީ، ވޯޓުލާން ކަނޑައެޅި ވަގުތު ހަމަވުމުން ކަމަށައި، ހުރިހާ މަރުކަޒުތަކެއްގައިވެސް ކަނޑައެޅިފައިވާ ވަގުތު ހަމަކުރާނެ ކަމަށެވެ. 

މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 57،000 އަށްވުރެ ގިނަ މެމްބަރުންނަށް ލިބިފައިވާއިރު، މި އިންތިހާބުގައި ވާދަކުރައްވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ރައީސް މުހައްމަދު ނަޝީދު އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް