ads
އިއްޔެ ވޯޓް ކުރިއަށް ދިޔައިރު ވޯޓްލާ މަރުކަޒެއްގެ ތެރެއިން
އެމްޑީޕީ ޕްރައިމަރީގައި 71 އިންސައްތަ ވޯޓްލާން ނިކުތް
މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން ނިކުންނާނެ ކެންޑިޑޭޓަކު ހޮވުމަށް އިއްޔެ ބޭއްވި އެޕާޓީގެ އެތެރޭގެ ޕްރައިމަރީގައި ވޯޓްލުމުގެ ހައްގު ލިބިގެވާ މީހުންގެ 71.41 އިންސައްތަ މީހުން ވޯޓްލާން ނިކުތްކަމަށް ވަގުތީނަތީޖާއިން ދައްކައިފިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކަގޮތުން މުޅިރާއްޖެއިން ޕްރައިމަރީގައި އިއްޔެ 40887 މީހުން ވޯޓް ލިއެވެ. ވޯޓް ލުމުގެ ހައްގު ލިބިގެންވަނީ 57255 މީހުންނަށެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއި ރައީސް މުހައްމަދު ނަޝީދެވެ. ބޮޑު ތަފާތަކުން ކާމިޔާބުކުރައްވާ އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރުކުރެއްވީ ރައީސް ސޯލިހެވެ.

އިއްޔެގެ ޕްރައިމަރީގައި ރައީސް ސޯލިހަށް 24566 ވޯޓް ލިބިވަޑައިގެންނެވިއިރު އެއީ ސައްހަ ވޯޓްގެ 61.10 އިންސައްތައެވެ. ރައީސް ނަޝީދަށް 15641 ވޯޓް ލިބިވަޑައިގެންނެވިއިރު އެއީ 38.90 އިންސައްތައެވެ. އިއްޔެގެ ޕްރައިމަރީގައި 680 ބާތިލް ވޯޓް ލާފައިވެއެވެ.

ޕްރައިމަރީ ކާމިޔާބު ކުރައްވާ ރައީސް ސޯލިހް ރޭ އުފާފާޅުކުރެއްވިއިރު ރައީސް ނަޝީދު ގެންދަވަނީ ވޯޓް އޮޅުވާލާފައިކަމަށް ވިދާޅުވެ، ނަތީޖާ ގަބޫލު ނުކުރަށްވާކަމަށް ވިދާޅުވަމުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް