ads
ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާއެއްގައި ދެ ރައީސުން: ފޮޓޯ މަޖިލިސް
ޕްރައިމަރީއަށް ފަހު ނަޝީދު ދެ ފިޔަވަޅު ފަހަތަށް!
ހޮނިހިރު ދުވަހު ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، މުޅި ގައުމު މަޑުކޮށްގެން މިތިބީ ރައީސް މުހައްމަދދު ނަޝީދު ނިންމަވާނެ ނިންމެވުމަކަށެވެ. ނުވަތަ ދެން ރައީސް ނަޝީދު އަމަލުކުރައްވާނެގޮތެއް ބެލުމަށެވެ.
Advertisement

އިންތިހާބަށް ފަހު ދެ ދުވަސް ވީއިރުވެސް، ރައީސް ނަޝީދުގެ މާބޮޑު ހިލަމެއް ނުވިއެވެ. އިންތިހާބުގެ ކެމްޕެއިންގައި ވިދާޅުވިގޮތަށް ރައީސް ނަޝީދު ގެއަށް ވަޑައިގެންނެވީކަމަށް ބައެއްމީހުން ގަބޫލުވެސް ކުރެއެވެ. 

ޕްރައިމަރީގެ ކެމްޕެއިންގައި ރަށަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން މީހަކުކުރި ސުވާލަކަށް ރައީސް ނަޝީދު ދެއްވި ޖަވާބުގައި، އިންތިހާބުގައި ބަލިވެއްޖެނަމަ ދެން ވަޑައިގަންނަވާނީ ގެއަށް ކަމަށް ވިދާޅުވިއެވެ. 

"އިންތިހާބުން ބަލިވެއްޖެ ނަމަ ރައީސް ސޯލިހް ފަހަތުގައިވެސް ނުހުންނަވާނެކަމަށާއި، ޕީޕީއެމްއާއިވެސް ގުޅިވަޑައިނުގަންނަވާނެކަމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ ވަޑައިގަންނަވާނީ ގެއަށް" ކަމަށެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވުމުގެ ކުރިންވެސް ބައެއް މީހުން ގަބޫލުކުރަމުން އައީ އެގޮތަށެވެ. އެހެނީ ވެރިކަން ނުލިބުނު ނަމަވެސް އެމްޑީޕީގެ ވެރިކަން ގެއްލެން ރައީސް ނަޝީދު އެދިވަޑައިނުގަންނަވާނެކަމަށާއި ޒަމާންވީ އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދެކޮޅަށް ނިކުމެވަޑައި ނުގަންނަވާނެކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެން ގޮތަކަށް ބުނާނަމަ ރައީސް ނަޝީދުގެ މިވަގުތުގެ ނިންމުމަކަށްވާނީ ސައިލެންޓް ވެވަޑައިގެންނެވުންކަމަށް ރައީސް ސޯލިހްގެ ބައެއް ސަޕޯޓަރުންވެސް ގަބޫލު ކުރެއެވެ.

އިންތިހާބަށް ފަހު ދެ ދުވަސް ވީއިރުވެސް ރައީސް ނަޝީދު އަދި ޓީމުގެ ހިލަމެއްވެސް ނުވިއެވެ. ރައީސް ނަޝީދު ގެއަށް ވަޑައިގެންނެވީ ހެއްޔެވެ. އެކުވެރިޔާ ރައީސް ސޯލިހްއަށް ފުރުސަތުދެއްވާ ސައިލެންޓްވެވަޑައިގެންނެވީ ހެއްޔެވެ. 

މިކަމަށް ޖަވާބުދެއްވީ ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ. ބޮންޑޭ ވިދާޅުވީ ރައީސް ނަޝީދު ގެއަށް ވަޑައިނުގަންނަވާ ކަމަށެވެ. އަދި އެމްޑީޕީން ވަކިކުރި 39000 މެމްބަރުންގެ ހައްގު ރައީސް ނަޝީދު ދޫވެސްކޮށް ނުލައްވާނެކަމަށެވެ.

"ރައީސް ނަޝީދު ކުރިންވެސް ވިދާޅުވެފައި އޮތީ ރައީސް ސޯލިހު ފަހަތަށް އަރަވަޑައި ނުގަންނަވާނެކަމަށް، އެކަން ވާނީ އެހެން، ރައީސް ސޯލިހު ފަހަތަށް ރައީސް ނަޝީދު ދެން ވަޑައިނުގަންނަވާނެ، އެމްޑީޕީން ކަނޑާލި ތިރީސް ނުވަހާސް މެމްބަރުންގެ ހައްގުވެސް ރައީސް ނަޝީދު ދޫކޮށް ނުލައްވާނެ"

ބޮންޑޭ މިވާހަކައިން ސާފުވަނީ ރައީސް ނަޝީދު ގެއަށް ވަޑައިގެންނެވީ ނޫންކަމެވެ. ބޮންޑޭ ވިދާޅުވީ މިވަގުތު ރައީސް ނަޝީދާއި ޓީމުން ކުރަމުންދަނީ އިންތިހާބުގައި ހުރި އޮޅުވާލުންތައް ބެލުމުގައެވެ. އެމަސައްކަތް ކުރުމަށް 48 ގަޑީއިރުގެ ވަގުތެއް ލިބޭކަން ބޮންޑޭ ފާހަގަ ކުރެއްވިއެވެ.

"އިންތިހާބުގެ ކަންކަމަށް ޝަކުވާ ހުށަހެޅުމަށް އެބަލިބޭ 48 ގަޑީއިރު، އެހެންވެ މިހާރު މިދަނީ އެކަމަށް ތައްޔާރުވަމުން، ކޮންމެ ގޮތެއްވިޔަސް ރައީސް ސޯލިހާއިއެކު ރައީސް ނަޝީދު ނުހުންނަވާނެ"

ބޮންޑޭގެ މިވާހަކަތަކުން ކޮންމެވެސް ވަރަކަށް މަންޒަރު ސާފުވެއެވެ. ރައީސް ނަޝީދު މިވަގުތު ހުންނެވީ ވަގުތީ ހިމޭންކަމެއްގައެވެ. އެއީ އިންތިހާބުގެ ކަންކަމަށް ޝަކުވާ ހުށަހަޅަން ލިބޭ 48 ގަޑީއިރު ނުވަތަ ދެ ދުވަހުގެ މުއްދަތަށް މަޑުކޮށްލައްވައިގެންނެވެ. އެހެން ގޮތަކަށް ބުނާނަމަ ދެ ފިޔަވަޅު ފަހަތަށް ޖެހިވަޑައިގެންނެވެ. 

އިންތިހާބު ފެށުމުގެ ކުރިންވެސް އިންތިހާބު ކުރިއަށް ދިޔައިރުވެސް ރައީސް ނަޝީދުގެ ޓީމުން ގެންދިޔައީ އިންތިހާބު ވަގަށް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތު ކުރަމުންނެވެ. އިންތިހާބުގެ ފަހުން ރައީސް ނަޝީދުގެ ޓީމުން ދިން ހަމައެކަނި ސްޓޭޓްމަންޓްގައިވެސް އެތުހުމަތުތައް އާކުރިއެވެ.

"ފިކުރެއްގެ ދިރުން - ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިންގެ ފަރާތުން މިދަނީ ނަތީޖާ ޝީޓުތައް ރަނގަޅަށް ބަލައި ދިރާސާ ކުރަމުންނެވެ. ގިނަ ވޯޓްފޮށިތަކުން ރައީސް މުހައްމަދު ނަޝީދު އޮތީ ކުރީގައި ނަމަވެސް ވާދަވެރިޔާ ކުރި ހޯދާފައިވަނީ އާދަޔާއި ހިލާފަށް ވޯޓް އަޅާފައިވާ ވަކި، މަދު ފޮށިތަކެއްގެ ފާހަގަވަމުން ދެއެވެ"

ޕްރައިމަރީއަށްފަހު ރައީސް ނަޝީދުގެ ޓީމުން މިހާތަނަށް ބުނި ހަމައެކަނިބަސް ވެސް އޮތީ އިންތިހާބު އޮޅުވާލާފައިކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އެމްޑީޕީން އެކަން ދޮގުކުރެއެވެ. 

އެމްޑީޕީގެ އިންތިހާބީ ކޮމެޓީގެ މުގައްރަރު، އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ، ހޮނިހިރު ދުވަހުގެ ޕްރައިމަރީގައި ވަގު ވޯޓު އެޅުމާއި، އެކަކު ދެ ފޮއްޓަކަށް ވޯޓްލުން ފަދަ ކަމެއް ހިނގާފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. 

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހް ކުރި ހޯއްދެވީ 61 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. އެއީ 24566 ވޯޓެވެ. 15641 ވޯޓާއިއެކު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

ރައީސް ސޯލިހްވެސް އަދި ރައީސް ސޯލިހްގެ ޓީމުންވެސް އުއްމީދު ކުރަމުންދަނީ ރައީސް ނަޝީދު އެނބުރި ވަޑައިގެން އެޓީމާއިއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ކާމިޔާބު ފާހަގަ ކުރެއްވުމަށް ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހްވަނީ ރައީސް ނަޝީދަށާއި ޓީމަށް ދައުވަތުވެސް ދެއްވާފައެވެ.

"އަޅުގަނޑު ވާދަވެރިންނަށް ގޮވާލަން ބޭނުންވަނީ، މިހާރު އަޅުގަނޑުމެންގެ ވާދަވެރިިކަން މި ނިމުނީ އޭ. އެކަން މި ނިމުނީ. ދެން ނިކުންނަންވީ އަނެއްކާވެސް އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުމަށް"

ރައީސް ނަޝީދާއި ޓީމަށް ދައުވަތުދެއްވާ ރައީސް ސޯލިހް މިހެން ވިދާޅުވި ނަމަވެސް ރައީސް ނަޝީދާއި ޓީމުން އަދި ހިލަމެއްވެސް ނުވެއެވެ. ނަމަވެސް ބެލެވޭގޮތުގައި އިންތިހާބަށް ޝަކުވާ ހުށަހަޅުމަށް ލިބޭ 48 ގަޑިއިރު މިއަދަށް ހަމަވުމުން ރައީސް ނަޝީދުގެ ޓީމުން ރަސްމީބަހެއް ބުނާނެއެވެ. އަދި ރައީސް ނަޝީދު ނިންމަވާގޮތެއްވެސް ސާފުވާނެއެވެ.

75%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް