ހޮނިހިރު ދުވަހު އޮތް އެމްޑީޕީ ރިޔާސީ ޕްރައިމަރީއަށްފަހު އެއްޗެއް ވިދާޅުނުވެ ހުންނެވުމަށްފަހު، މިއަދު އެމްޑީޕީ ގައުމީ މަޖިލިސް ވަޓްސްއެޕް ގުރޫޕަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައިވެސް ވަނީ ޕްރައިމަރީ ގަޑުބަޑުކުރެއްވިކަމަށް ވިދާޅުވެފައެވެ.
ނަމަވެސް އެކަމާއި އެކުވެސް ކުޑަ ތަފާތަކުން ރައީސް ސޯލިހް އިންތިހާބު ކާމިޔާބު ކުރެއްވިކަމަށް ލަފާކުރެވޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފިނަމަ، ރައީސް ސޯލިހްއަށް ލިބުނުކަމަށް ބުނާ ވަރަށް ގިނަ ވޯޓް އުނިވާނެކަމަށާއި އެހެނަސް ލަފާކުރަނީ ވޯޓްލީ މީހުންގެ ލިސްޓަށް ބަލައިފި ނަމަ ކުޑަ ފަރަގަކުން ރައީސް ސޯލިހް މޮޅުވެދާނެކަމަށް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައި ވެއެވެ.
އަދި ކުޑަ ތަފާތަކުން ރައީސް ސޯލިހްއަށް އިންތިހާބު ކާމިޔަބު ކުރެވުނުކަމަށް ލަފާކުރެވުނު ނަމަވެސް ރައީސް ސޯލިހްއާއިއެކު 2023 ގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުވަނީ އެމްޑީޕީ ދަފްތަރުން އުނިކުރި 29000 މެމްބަރުންނާއިއެކު ޕާޓީގެ ތެރޭގައި އާހަރަކާތެއް ހިންގުމަށް ހުށަހަޅުއްވާފައެވެ.
އެކަމާއިގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދާއި އުސޫލުތައް ބަދަލުކޮށްގެން އެހެން ހަރަކާތެއް ޕާޓީ ތެރޭގައި ނުހިންގޭނެކަމަށެވެ. އަދި އެއީ ކުރެވިގެންވާނެކަމެއް ނޫންކަމަށް ފައްޔާޒު ވިދާޅުވިއެވެ.
އަދި އެކަމާއި އަލުން ވިސްނެވުމަށާއި އެމްޑީޕީ މެމްބަރުން ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއިއެކު ކުރިއަށް ވަޑައިގެންނެވުމަށް ފައްޔާޒު އެދިވަޑައިގެންނެވިއެވެ.
ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދުގެ މައްޗަށް ރައީސް ސޯލިހް ކުރި ހޯއްދެވީ 61 އިންސައްތަ ވޯޓް ކާމިޔާބު ކުރައްވައިގެންނެވެ. އެއީ 24566 ވޯޓެވެ. 15641 ވޯޓާއިއެކު ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.