ރ. ފުއްގިރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އިތުރު ބަޔަކަށް ދައުވާކުރާ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ހުށަހެޅުއްވީ ރައީސް ޔާމީންގެ ފަރާތުންނެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އަދި ރިޝްވަތު ގަބޫލު ކުރުމުގެ މި މައްސަލައިގައި ކޯޓުން ނިންމީ، އެ މައްސަލަ ބެލުމުން ގާޒީ ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
އެ މައްސަލާގައި ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓް ކުންފުންޏާއި މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުލަތުން ދައުވާ ކުރެ އެވެ. ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
ކުރިން އެ މައްސަލަ ބެއްލެވި އިސް ގާޒީ އަހުމަދު ޝަކީލްއެވެ. އެހެންނަމަވެސް ޝަކީލް އެ މައްސަލަ ބެލުމުން ތަނާޒުލްވިއެވެ. އެ މައްސަލައިން ޝަކީލް ތަނާޒުލްވެ ވަޑައިގަތުމުން މިހާރު އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ. އެކަމަކު ގާޒީ ނަދީމަކީ ފަނޑިޔާރު ކަމަށް އައްޔަން ކުރުމުގެ ކުރިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުން އުޅުއްވި ބޭފުޅަކަށް ވާތީ އޭނާ އެ މައްސަލައިން ތަނާޒުލްވާން ޖެހޭ ކަމަށް ދައުވާލިބޭ ފަރާތްތަކުން ވަނީ ކުރިން ބުނެފަ އެވެ. ގާޒީ ނަދީމް ވިދާޅުވީ އަދީބުގެ ވަކީލެއްގެ ގޮތުން ކުރިން އޭނާ މަސައްކަތް ކުރައްވާފައި އޮތުމަކީ އެ މައްސަލައިން ތަނާޒުލްވާންޖެހޭ ސަބަބެއް ނޫން ކަމަށެވެ. ސަބަބެއްގެ ގޮތުގައި ގާޒީ ވިދާޅުވީ އެ މައްސަލަ ކޮންމެ ގޮތަކަށް ނިމުނަސް، އެއީ އަދީބުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އެ މައްސަލާގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އަންނަ މަހުގެ 14 ވަނަ ދުވަހު އެވެ.