ads
ފޮޓޯ: ރޮއިޓާޒް
ޕާކިސްތާން ދަރިވަރުން ޗައިނާގައި ހާލުގައި ޖެހިފައި
ޗައިނާގައި ކިޔަވަން ތިބި ޕާކިސްތާންގެ 28 ހާސް ދަރިވަރުން ވަނީ ހާލުގައި ޖެހިފައެވެ. ކޮރޯނާ ވައިރަސް ފެތުރެން ފެށުމާއެކު ގައުމުތަކުން ވަނީ އެގައުމުތަކުގެ ރައްޔިތުން ޗައިނާއިން ނެރެގެން ގެންގޮސްފައެވެ. ވައިރަސް ފެތުރެން ފެށި މައި ސިޓީކަމަށްވާ ވޫހާންއާއި ޖިންގޒޯ ސިޓީގައި ޕާކިސްތާންގެ 1200 ދަރިވަރުން އެބަތިއްބެވެ.
Advertisement

ޕާކިސްތާނުން ވަނީ އެއް ދޮނުގައި ދެ ބުޅި ޖަހައިގެން ކާމިޔާބުވާން މަސައްކަތް ކޮށްފައެވެ. ޕާކިސްތާންގެ ރައްޔިތުން އެނބުރި ގައުމަށް އައިސްގެން ދިމާވާނެ މައްސަލަތައް ހައްލު ކުރުމުގެ ފަރުވާގެ ގާބިލްކަން ޕާކިސްތާންގައި ނެތްކަން ޕާކިސްތާނަށް އެނގޭ ކަމަށް ބައިނަލްއަގުވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަނެއްކޮޅުން ޗައިނާއާއެކު މި ދަނޑިވަޅުގައި އެއްބައިވަންތަ ވެގެން އޮތްކަން ދެއްކުމަކީވެސް ޕާކިސްތާނުން ކުރަން ބޭނުންވާ ކަމެކެވެ. 

އެހެންނަމަވެސް ޕާކިސްތާން ރައްޔިތުން ވަނީ ސަރުކާރުގެ އަމަލުތަކުން ކެތްމަދުވެފައެވެ. އަދި ޓީވީ އިންޓަވިއުއާއި ފޯނު ކޯލުގެ ޒަރީއާއިން އެމީހުން ވަނީ އެމީހުންގެ ނުރުހުން ފާޅުކޮށްފައެވެ. އިސްލާމްއާބާދުންވެސް ބިރު ގަންނަނީ ޗައިނާއިން އެނބުރި އައުމުން މިމީހުންގެ ފުށުން މި ވައިރަސް ޕާކިސްތާންގައި ފެތުރިދާނެކަމުގެ ބިރެވެ. 

އަނެއްކޮޅުން ޕާކިސްތާންގައި ޗައިނާއިން ހިންގާ މަޝްރޫއުތަކަށް ގަބީލާ މީހުންގެ ރުހުން ހޯދުމަށްޓަކައި ޗައިނާއިން ހައިބަރު ޕަޚްތޫވާ ޕްރޮވިންސަށްދީފައިވާ ސްކޯލަޝިޕްތަކުގެ ދަށުން ގޮސްފައިވާ ކުދިންނަށް ޚައިބަރުޕަޚްތޫވާ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީގެން އެކުދިންވެސް ޝަކުވާ ކުރަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. 

ޗީފް މިނިސްޓަރުގެ ހާއްސަ ޕްރޮގްރާމުގެ ދަށުން ޗައިނާ ބަސްކިޔަވަން ފޮނުވާފައިވާ 50 ކުދިން ހާބިން އިންޖިއަރިން ޔުނިވަރސިޓީގައި ކިޔަވަމުން ދެއެވެ. މިކުދިން ސްކޯލާޝިޕްގައި ޗައިނާއަށް އައިސްފައިވަނީ ޑިސެމްބަރު މަހުގެތެރޭގައެވެ. އެއަށްފަހު އެކުދިންނަށް ޖީބު ފައިސާ ދޫކޮށްފައެއް ނުވެއެވެ. އަދި ވައިރަސްއާ ގުޅިގެން މިކުދިންނަށް އިތުރު ތަކްލީފާ ކުރިމަތިލާން ޖެހިފައި ވެއެވެ. 

މިކުދިން ބުނާ ގޮތުގައި ޕާކިސްތާން ސަރުކާރުން ހަމައެކަނި އެމީހުންނަށް ދެނީ ނަސޭހަތާއި އިރުޝާދެވެ. ޗައިނާގެ ގިނަ ސިޓީތަކާއި ކޮމިއުނިޓީތަކާއި ޔުނިވަސިޓީތަކުގެ ޑޮމިޓްރީތައް ވަނީ ބަންދުކޮށްފައެވެ. އެއްވެސް ބަޔަކަށް އާންމު ތަންތަނަށް ނިކުމެ އެއް ނޫޅެވެއެވެ. މިކުދިންގެ ކެއިން ބުއިމުގެ ހާލަތުވެސް ވަނީ ވަރަށް ދޭސީ ފެންވަރެއްގައެވެ. ކަރަންޓީން ކުރުމާއި އެކަހެރިކަމުގެ ސަބަބުން މިކުދިންނަށް ވަނީ ނަފްސާނީ ހާލަތެއް ކުރިމަތިވެފައެވެ. 

ބެއިޖިންއާއި ޝެންހާއީގައި ތިބޭ ޕާކިސްތާން ކިޔަވާ ކުދިން ދަނީ ކޮންމެ ދުވަހަކުވެސް ޕާކިސްތާން ސަރުކާރަށް ފިއްތުންތަކާ ކުރިމަތި ކުރަމުންނެނެވެ. އަދި އަނބުރައި ގައުމަށް ގެންދިއުމަށް އެދި ގޮވާލަމުންދާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ޕާކިސްތާނުންވެސް ދެމުން ދަނީ ބީރު ކަންފަތެކެވެ. އަދި ޕާކިސްތާންގެ ބޮޑު ވަޒީރަށް ވެސް މިކުދިން ވަނީ ޝަކުވާ ކޮށްފައެވެ.

ޗައިނާގައި މިހާރު އޮތް ހާލަތުން ބޭންކްތައްވެސް މަސައްކަތެއް ނުކުރެއެވެ. މިހާލަތުގައި ޕާކިސްތާނުން ޗައިނާގައި އެދިފައިވަނީ އެގައުމުގައި ތިބި ޕާކިސްތާނު މީހުން ރައްކާތެރިކޮށްދިނުމަށެވެ. އަދި އުޒުރެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ނެރެފައިވާ ޗައިނާއިން މީހުން ނުނެރުމަށް ގޮވާލާ އިއުލާނަށްވެސް ރިއާޔަތް ކުރާކަމަށް ޕާކިސްތާނުގެ ބައެއް މީޑިއާތަކުންވެސް ރިޕޯޓްކޮށްފައިވެއެވެ. 

މި ހުރިހައި ކަމަކާއެކު ޕާކިސްތާންގެ ހަތަރު މީހަކަށް ވައިރަސް ޖެހިފައިވާކަމަށް ދެކެވިފައިވާ ވާހަކަތަކާއެކު ރައްޔިތުންގެ މެދުގައި އިތުރު ނުތަނަވަސްކަމެއް ވަނީ ފެތުރިފައެވެ. ޗައިނާއިން ވަނީ ޕްރައިވެޓް ދަތުރުތައް ކޮށް ރައްޔިތުން ގެންދިއުމަށް ހުރަސްއަޅާފައެވެ. އަނެއްކޮޅުން ޕާކިސްތާނަކަށްވެސް އެތާގައި ތިބި އެގައުމުގެ ރައްޔިތުންގެ ޖުމުލަ އަދަދު ސާފު ނޫންކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. 

މިތަންތާގެ އިތުރުން ޔަންގްޒީ ޔުނިވަސިޓީގައި ސިންދާއި ބަލޫޗިސްތާނާއި ޕަންޖާބްގެ ސަތޭކައެއްހައި ކުދިން ކިޔަވަމުން ދެއެވެ. މިކުދިންނަށް ޑިގްރީ ދިނުމަށް ހަމަޖެހިފައި އޮތީ 2020ގެ ޖެނުއަރީގައެވެ. އަދި 2020ގެ ފެބްރުއަރީގައި އެނބުރި ގައުމަށް ދާގޮތަށް އޮތީ ހަމަޖެހިފައެވެ. މިކުދިންވެސް ދަނީ އެމީހުންގެ ވިސާގެ މުއްދަތުހަމަވެ، އަތުން ފައިސާ ހުސްވެ، ބޭރަށް ނުނިކުމެވި ގޭގައި ތިބެންޖެހޭތީ ޝަކުވާކޮށް ހާލުގައި ޖެހިފައިވާކަމަށް ބުނަމުންނެނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް