ads
މަރުވި އުމުރުން 18 އަހަރުގެ ނިޝާހު އަބްދުލް ގަފޫ
ނިޝާހް އަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް: ރައީސް
ގެނބިގެން އިއްޔެ މަރުވި އުމުރުން 18 އަހަރުގެ ނިޝާހު އަބްދުލް ގަފޫރުގެ އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ތައުޒިޔާ ވިދާޅުވެ މިއަދު ރައީސް ކުރެއްވި ޓުވީޓެއްގައި ވިިދާޅުވީ، ނިޝާހް އަކީ ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ. 

ނިޝާހް މަރުވެފައި އޮއްވާ ފެނުނީ، އިއްޔެގެ ވަގުތެއްގައި އދ. މާފުށިވަރު ރިސޯޓު ކައިރިއަށް ބޮއި އަޅަން ފައިބައި އުޅެނިކޮށެވެ. އޭނާ މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން މަހިބަދޫ ހޮސްޕިޓަލަށް 5:30 ހާއިރު ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވެއެވެ. އޭނާ މަރުވިއިރު މަސައްކަތް ކުރަމުންދިޔައީ މާފުށިވަރު ރޮސޯޓުގެ ޑައިވިން ސެންޓަރުގައި އެވެ.

ނިޝާހް އަކީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު އޭނާގެ އުފަން ރަށް އިނގުރައިދޫގައި ގެނބުނު 14 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްދިން ކުއްޖެކެވެ. ފުއްޓަރު ފަރާތަށް މަސް ހިފަން ފީނަން ގޮސް ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން ގަލެއްގައި ދަގަނޑު ތާށިވެ، މައްޗަށް އެރޭ ގޮތް ނުވެ މޫދު އަޑީގައި އޮއްވާ ސަލާމަތް ކުރީ ނިޝާހް އާއި އެރަށު އުމުރުން 16 އަހަރުގެ އަލީ ފައުޒާން އެވެ. އޭރު ނިޝާހްގެ އުމުރުން އެންމެ 15 އަހަރެވެ. 

ދެ ސެކައުޓުންގެ ގޮތުގައި ތިބެ އެކުދިންގެ ފުރާނައަށް ލިބިދާނެ ގެއްލުމަކަށް ނުބަލައި ދެއްކި ހިތްވަރުން 2019 ވަނަ އަހަރުތެރޭ ރައީސް ސޯލިހް ވަނީ ނިޝާހް އާއި ފައުޒާން އަށް ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. އަދި 2021 ވަނަ އަހަރުތެރޭ "ދަ ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް" އިން ވެސް ވަނީ "ގެލެންޓަރީ ރަން މެޑަލް" ދީފައެވެ. 

0%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
80%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް