
ފުލުހުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދެހާސް ވިހި ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ނިމުނު 2022 އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހާއި ހަމައަށް ކަނޑުމަތީގައި އެކި ހީދިސާ ތަކުގައި 85 މީހަކު ވަނީ ނިޔާވެފައެވެ. އޭގެ ތެރެގައި ވީނުވީއެއް ނޭގި ގެއްލޭ މީހުން ވެސް ހިމެނެއެވެ.
ފާއިތުވީ ތިން އަހަރު ދުވަހުގެ ތެރޭގައި 2028 ކަނޑުމަތީގެ ހާދިސާ ހިނގާފައިވެއެވެ.
ސިފައިންގެ ކޯސްޓު ގާޑެއް ކަނޑު ގަދަ ދުވަހެއްގަ:-
މިގޮތުން ކަނޑުމަތީގެ ހާދިސާ ތަކުގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ވެސް ވަނީ މަރުވެފައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މާލެ އިން ފުރައިގެން ވ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ހިނގި ހިތާމެވެރި ހާދިސައެކެވެ. އެ ކަނޑުމަތީ ހާދިސާގައި ތުއްތު ކުއްޖެއް ކަނޑަށް ވިއްސައިގެން ގޮސް ގެއްލުނުއިރު ކުއްޖާގެ މަންމަ ވަނީ މަރުވެފައެވެ. ކުއްޖާ ހޯދުމަށް ސިފައިން ވަނީ 5000 އަކަ ކިލޯމީޓަރަކަށް ވުރެ ބޮޑު ސަރަހައްދެއް ވައިގެ މަގުންނާ ކަނޑުގެ މަހުން ބަލާފައެވެ. ނަމަވެސް ހަތަރު އަހަރުގެ އެ ތުއްތު ކުއްޖާ އަދިވެސް ނުފެނެއެވެ.
ގާތް ގާތުގައި ކަނޑުމަތީގެ ތިން ހާދިސާ:
މި އަހަރު މި ވަނީ ގާތް ގާތުގައި ކަނޑުމަތީގެ ނުރައްކާތެރި ތިން ހާދިސާ ހިނގާފައެވެ. އެއީ ޖެނުއަރީ 29 ޖެނުއަރީ ވަނަ ދުވަހު އެއް ހާދިސާ އަދި ޖެނުއަރީ 30 ވަނަ ދުވަހު އަދި ޖެނުއަރީ 31 ވަނަ ދުވަހު އެއް ހާދިސާއެވެ. މި ތިން ހާދިސާގައި ދެ މީހަކު މަރުވެފައިވާއިރު، ތިންވަނަ ހާދިސާގައި ގެއްލުނު މީހާ އަދިވެސް ނުފެނެއެވެ. އެއީ އއ. މަތިވެރިން ގެއްލުނު އުމުރުން 73 އަަހަރުގެ ހަސްންފެވެ.
ފަތުރުވެރިއެއްގެ ގައިމައްޗަށް ޑިންގީއެއް އަރައިގެން މަރުވުން:
ޖެނުއަރީ 29 ވަނަ ދުވަހު ކ ތުލުސްދޫގައި ސްނޯކްލިންއަށް ގޮސް އުޅުނު ޕޮލެންޑުގެ 54 އަހަރުގެ ފަތުރުވެރިއެއްގެ ގައިމައްޗަށް ޑިންގީއެއް އެރުމުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.
އޭނާގެ ގައިމަތިން ޑިންގީ ދިއުމުގެ ސަބަބުން، ފަތުރުވެރިޔާގެ އަތް ވަނީ ބުރިވެފަ އެވެ. އެ އަތް އަދި ވެސް ނުފެނެ އެވެ.
މި ހާދިސާގައި އޭނާގެ ފަޔާއި ބަނޑުވެސް ވަރަށް ބޮޑަށް ކަފައިގެން ގޮސްފައިވާ ކަމަށް ވެއެވެ. ބަނޑު ކަފައިގެން ދިއުމުގެ ސަބަބުން ގޮހޮރުވެސް ވަނީ ނިކުމެފަ އެވެ.
ތުލުސްދޫ
ޑިންގީ ދުއްވަން އިން އުމުރުން 45 އަހަރުގެ ދިވެހި ފިރިހެން މީހާ ގޭ ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އޭނާ އަތުގައި ލައިސަންސެއް ވެސް ނެތެވެ.
ނިޝާހުގެ މަރު:
ޖެނުއަރީ 30 ވަނަ ދުވަހު އުމުރުން އެންމެ 18 އަހަރުގެ ނިޝާހު އަބްދުލް ގަފޫރު ވަނީ ގެނބިގެން މަރުވެފައެވެ.
ނިޝާހް މަރުވެފައި އޮއްވާ ފެނުނީ، އދ. މާފުށިވަރު ރިސޯޓު ކައިރިއަށް ބޮއި އަޅަން ފައިބައި އުޅެނިކޮށެވެ. އޭނާ މޫދުގައި ހަބަރު ހުސްވެފައި އޮއްވާ ފެނިގެން މަހިބަދޫ ހޮސްޕިޓަލަށް 5:30 ހާއިރު ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވެއެވެ. އޭނާ މަރުވިއިރު މަސައްކަތް ކުރަމުންދިޔައީ މާފުށިވަރު ރޮސޯޓުގެ ޑައިވިން ސެންޓަރުގައި އެވެ.
މަރުވި އުމުރުން 18 އަހަރުގެ ނިޝާހު އަބްދުލް ގަފޫ
ނިޝާހް އަކީ، 2018 ވަނަ އަހަރުގެ ނޮވެމްބަރު 18 ވަނަ ދުވަހު އޭނާގެ އުފަން ރަށް އިނގުރައިދޫގައި ގެނބުނު 14 އަހަރުގެ ކުއްޖަކު ސަލާމަތްކޮށްދިން ކުއްޖެކެވެ. ފުއްޓަރު ފަރާތަށް މަސް ހިފަން ފީނަން ގޮސް ފާނައަކަށް ދަގަނޑު ޖެހުމުގެ ތެރެއިން ގަލެއްގައި ދަގަނޑު ތާށިވެ، މައްޗަށް އެރޭ ގޮތް ނުވެ މޫދު އަޑީގައި އޮއްވާ ސަލާމަތް ކުރީ ނިޝާހް އާއި އެރަށު އުމުރުން 16 އަހަރުގެ އަލީ ފައުޒާން އެވެ. އޭރު ނިޝާހްގެ އުމުރުން އެންމެ 15 އަހަރެވެ.
ހަސަންފުޅު ގެއްލުން:
ހަސަން އަލީ (ހަސަންފުޅު)، 73 ގެއްލިގެން ހޯދަން ފަށާފައިވަނީ ޖެނުއަރީ 31 ވަަނަ ދުވަހުއެވެ. ނަމަވެސް އެވާހަކަ ނޫސްތަކުގައި ރިޕޯޓުކުރީ ފެބުރުއަރީ 1 ވަނަ ދުވަހުއެވެ.
ރަށު ރައްޔިތުން، ސިފައިންނާއި ފުލުހުން ގުޅިގެން ހަސަން ފުޅު ހޯދުމުގެ މަސައްކަތް އަދިވެސް ގެންދަނީ ކުރަމުންނެވެ. ނަމަވެސް އޭނާ ގެއްލުނުތާ ތިން ދުވަސް ވީއިރު ވެސް އޭނާ ނުފެނެއެވެ. އެރަށު މީހުން ބުނާގޮތުން އޭނާ ވެސް އެންމެފަހުން ދިޔައީ މޫދަށެވެ.
މަތިވެރީން ގެއްލިގެން ހޯދަމުން އަންނަ ހަސަންފުޅު
މަތިވެރީން ވީނުވީއެއް ނޭނގި މީހަކު ގެއްލުނު މިއީ ދެވަނަ ފަހަރެވެ. މީގެ ކުރީން 12 އަހަރުގެ ކުޑަކުއްޖަކުވެސް އެރަށުން ގެއްލުނެވެ. އެކަމަކު އެއީ 2000ގެ އަހަރުތަކުގަ އެވެ. މިހާތަނަށް އެކުއްޖާ ފެނިފައެއްނުވެ އެވެ.
ރައްކާވެ ތިބިއްޔާ ދަތުރު:
ކަނޑުމަތީގެ ގިނަ ހާދިސާތައް ހިނގަނީ ބަލަންޖެހޭ މިންވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅާތީކަމަށް ފުލުހުން ވެސް ވަނީ ފާހަގަކޮށްފައެވެ.
ކަނޑިުމައްޗަށް އަރާނަަމަ މޫސުމަށް ސަމާލުވުމަ، ގާނޫނީގޮތުން ހަމަޖުރަންޖެހޭ ރައްކާތެރިކަމުގެ ވަސީލަތްތައް ހަމަކޮށްގެން ނޫނީ ކަނޑުމައްޗަށް ނޭރުން މުހިންމެވެ.
މޫދަށް ނުވަތަ ކަނޑަށް ފެތުން އަދި ފީނުން ފަދަ ކަންކަމުގައި ދާނަމަ އެކުވިއެއް ނުވަތަ 'ބަޑީ" އަކާއެކު ދިއުން މުހިންމެވެ. އުމުރުން ދުވަސްވީ މީހިިުންނާ ކުޑަކުދިން ކަނޑުމައްޗަށް އަދި މޫދަށް ދާއިރުވެސް އިތުރަށް ސަމާލުވުން މުހިންމެވެ. އަދި ފަތަންނޭގޭ މީހުން އަބަދު ވެސް ކަނޑުމަތީގައި ލައިފްޖެކެޓް އަޅައިގެން ތިބުން ބުއްދިވެރިއެވެ.